ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ނިސްބަތް އިތުރު ކުރެވޭނެ ގޮތެއް ހޯދަން ޖެހިފައި

އަންހެނުންގެ ޙައްޤުތަކާއި ވަކި ޖިންސަކަށްވީތީ ތަފާތު ކޮށްގެން ނުވާނެ ވާހަކައަކީ ދެކެވެމުންދާތާ އެތައް ދުވަހެއްވީ ވާހަކައެކެވެ. މިވާހަކަތަކުގެ އަޑު މިދުވަސްވަރަށް ގަދަވެއެވެ. އެެއީ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ޖަލްސާތަކާއި ފޯރަމް ތަކާއި އެނޫންވެސް ތަފާތު ޕްލެޓްފޯމްތަކުގައެވެ.

ރާއްޖޭގައި ޖިންސުގެ ތަފާތު ކުރުން އެންމެ ބޮޑަށް ފެނިގެންދާ ތަނަކީ ޤާނޫނު ހަދާ މަޖިލީހެވެ. އެމަޖިލީހުގައި އަންހެނުންގެ ނިސްބަތަކީ އެންމެ ފަސް އިންސައްތައެެވެ. ނަމަވެސް އާބާދީގެ ދެބައިކުޅައެއްބައި ޙިއްސާކުރަނީ އަންހެނުންނެވެ. އާބާދީގެ ދެބައިކުޅަ އެއްބައިގެ އިޙްސާސްތަކާއި ކަންބޮޑުވުންތަކަށް ރިޢާޔަތްނުކޮށް، އަޅުގަނޑުމެން، އެއަށް ޢަމަލު ކުރަން ޖެހޭ ސިޔާސަތުތަކާއި ޤާނޫނުތައް އެކުލަވާލާނަމަ އެކަމުގެ އުނިކަން އެސިޔާސަތުތަކާއި ޤާނޫނުތަކުންވެސް ނުފެނިއެއް ނުދާނެއެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް އަންހެނުންގެ ނިސްބަތް އެހާ ދަށީ އެސަބަބު ތަކާހެދިއެވެ.

ރާއްޖޭގެ ޤާނޫނުހަދާ މަޖިލީހުގައި އަންހެނުން ހިއްސާވާ ނިސްބަތް ދުނިޔޭގެ ނިސްބަތުންވެސް އޮތީ ވަރަށް ދެރަ ޙާލަތެއްގައެވެ. އިންޓަރ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ރޭންކިންގައި ރާއްޖެ އޮތީ ފަހަތުން ނުވަ ވަނައިގައެވެ. އެއީ ރޭންކިންގެ 184 ވަނައެވެ. މިސަރަހައްދުގެ ހުރިހާ ޤައުމުތަކަށްވުރެވެސް ފަހަތުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މިހާރު މިވަނީ ބޯމަތިވެފައެވެ. މިއިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އަންހެނުންގެ ނިސްބަތަކީ އަށް އިންސައްތައެވެ. އެއީ 389 ކެނޑިޑޭޓުންގެ ތެރެއިން 31 ކެންޑިޑޭޓުންނެވެ. ފިރިހެން ކެޑިޑޭޓުންގެ ޢަދަދަކީ 358 އެވެ.

ނަމަވެސް ވޭތުވެ ދެ އިންތިޚާބާ އަޅާބަލާއިރު މި އިންތިޚާބުގައި ވާދަކުރާ އަންހެނުންގެ ނިސްބަތް ވަނީ އިތުރުވެފައެވެ. 2014 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރީ 23 އަންހެނުންނެވެ. އަދި ދެހާސް ނުވަވަނަ އަހަރު ވާދަކުރީީ 21 އަންހެނުންނެވެ.

މިފަހަރުގެ އިންތިޚާބުގައި ވާދަކުރާ އަންހެނުންގެ ޢަދަދު އިތުރުވިކަމުގައިވިއަސް އަލަށް އިންތިޚާބުވާ މަޖިލީހުގައި ވެސް އަންހެނުންގެ ނިސްބަތް އިތުރުވާނެކަމަކަށް ތަޖްރިބާކާރުން ޤަބޫލެއް ނުކުރައްވައެވެ.

އިންތިޚާބުކުރެވޭ މަޤާމުތަކަށް އަންހެނުން ކުރިމަތި ނުލަނީ ކީއްވެ؟

އިންތިޚާބުތަކަށް ކުރިމަތިލުމަށް ޤާނޫނީ ގޮތުން އަންހެނުންނަކަށް ހުރަހެއް ނެތެވެ. އެހެންވީއިރު އަންހެނުން އެއިންތިޚާބުތަކަށް ކުރިމަތި ނުލަނީ ކީއްވެގެން ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ބާރަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަދި އެމަޖިލީހުގެ ނާއިބް ރައީސްކަން ވެސް ކުރެއްވި ހަމައެކަނި އަންހެންބޭފުޅާ، ކުރީގެ ޖެންޑަރ މިނިސްޓަރ އަނީސާ އަޙުމަދު ވިދާޅުވީ އަންހެނުން އިންތިޚާބުތަކަށް ކުރިމަތިލުމުގައި ފަސްޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމުގައެވެ.

އިންތިޚާބަކަށް  ކެމްޕޭނު ކުރުމަކީ ޚަރަދުތަކެއް ހިނގާ ކަމަކަށްވާއިރު އަންހެނުންގެ އެފަދަ މާލީ ފުދުންތެރިކަން ނެތުން އެއީ އެއް ސަބަބެވެ. އަދި އަންހެނުން މަޖީލީހަށް ގެނައުމަށް ފަންޑުކޮށްދޭނެ މީހުންވެސް ނުވަނީކަމަށް އަނީސާ ފާހަގަކުރެއްވިއެވެ. ސަބަބެއް ކަމަށް ދެކެވަޑައިގަންނަވަނީ ވިޔަފާރިވެރިން ވެސް ފަންޑު ކުރަނީ އެމީހުންނަށް ފައިދާތަކެއް ހޯދުމުގެ ބޭނުމުގައި ކަމަށްވެފައި އަންހެނުންނަށް ފަންޑުކޮށްގެން ހޮވުނަސް ބޭނުންވާ ގޮތަށް ކަންކަން ވުމުގެ ފުރުޞަތު ކުޑަވުމެވެ.

"ދިރާސާތަކުންވެސް އެނގޭގޮތުގައި ކޮރަޕްޝަން ނިސްބަތް އަންހެނުންގެ ކުޑަ، އެހެންވީމާ ފަންޑުކޮށްދޭ މީހާ ބޭނުންވާ ގޮތަށް ކަން ނުވެދާނެތީ އަންހެނުންނަށް ފަންޑުކުރަން ބޭނުން ނުވަނީ." އަނީސާ ވިދާޅުވިިއެވެ.

އަންހެނުންގެ ފަންނީ ހުނަރުވެރިކަން ނެތުންވެސް އެއީ އިންތިޚާބުތަކަށް ކުރިމަތި ލުމަށް ހުރަހަކަށް ވާކަން އަނީސާ ފާހަގަ ކުރެއްވިއެވެ. ކެމްޕޭން ކުރާނެ ގޮތާއި ރައްޔިތުންނާ މުޚާތަބުކޮށް ވާހަކަދައްކާނެ ގޮތުގެ ހުނަރުތައް އިންތިޚާބަކަށް ކުރިމަތިލާއިރު އެނގެންޖެހޭނެ ކަމަށް އަނީސާ ފާހަގަކުރެއްވިއެވެ.

އެންމެ ބޮޑު އެއްސަބަބަކީ އަންހެނުންގެ ދައުރާ ބެހޭގޮތުން މުޖުތަމަޢު ދެކޭ ގޮތެވެ. އަންހެނުންނަކީ ހަމަކަނި ގޭތެރޭގައި ތިބެން ޖެހޭ ބައެއްކަމާއި ވަކި ކަހަލަ ކަންތައްތަކެއް ނޫނީ އަންހެނުންނަށް ނުކުރެވޭނެ ކަމަށް ދެކެވޭ ދެކެވުން ކަމަށް އަނީސާ ފާހަގަ ކުރެއްވިއެެވެ.

"އިންތިޚާބަކަށް ކުރިމަތިލާން ވިއަސް އަންހެނުންނަށް މިޖެހެނީ "ސުޕަރ ވުމަން" އަށް ވާން. ކެމްޕޭން ކުރަމުން ގޭތެރޭގެ ހުރިހާ ކަމަކާއި ދަރިންގެ ކަންތައްތައް ކުރަން. ފިރިހެނުން ކެމްޕޭންގައިި ކިތަންމެ ދުވަހަކު ރަށުން ބޭރުގައި އުޅުނަސް އެމީހުން އެކަންކަމުގައި ވިސްނާކަށް ނުޖެހޭ. އަންހެނުންނަށް ވެސް އާއިލާގެތެރެއިން އެހީތެރިކަން ލިބޭނަމަ އިންތިޚާބަށް ނުކުންނާނެ އަންހެނުން އިތުރު ކުރެވޭނެ." އަނިސާ ވިދާޅުވިއެވެ.

އަންހެނުންނަށް ޚާއްޞަ ކޯޓާއެއް ކަނޑައެޅުން

ރައްޔިތުންގެ މަޖިލީހަށް އަންހެނުންނަށް އާދެވިފައިވާ ގޮތަށް ބަލާއިރު ގިނައީ ހައިސިއްޔަތެއް ލިބިގެން މަޖިލީހަށް ވަދެވިފައިވާ މެންބަރުންނެވެ. އެފަދަ ހައިސިއްޔަތެއް ލިބުމުން ދެވަނަ ފަހަރަށް ނުވަތަ އެއަށްވުރެ އިތުރަށްވެސް އިންތިޚާބު ވެގެން މަޖިލީހަށް އާދެވިފައިވާ މެންބަރުންނެވެ. އަދި ހައިސިއްޔަތެއް ލިބުމުން އިންތިޚާބުތަކުގައި ވާދަކުރުމުގެ ހިތްވަރުވެސް އަންހެނުންނަށް ލިބޭކަމީ ފެންނަން އޮތް ހަޤީޤަތެކެވެ.

ރައްޔިތުންގެ މަޖިލީހާއި ޚާއްޞަ މަޖިލީހުގައި އެންމެ ދިގު މުއްދަތެއްގައި އުޅުއްވިި އަންހެން މެމްބަރު އަނީސާ އަޙުމަދަށްވެސް މަޖިިލީހަށް ވެދެވަޑަިގެންނެވުނީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވައި ގޮނޑި ކާމިޔާބުކުރެއްވިއެވެ. ކުރީގެ މެންބަރު މާރިޔާ އާއި މިހާރުވެސް މެމްބަރެއްގެގޮތުގައި އިންނެވި ރޮޒައިނާއަށްވެސް އެންމެ ފުރަތަމަ މަޖިލީހަށް ވެދެވަޑައިގެންނެވުނީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުންގެ ގޮތުގައެވެ. ނަމަވެސް ފަހުން ދެ އިންތިޚާބުގައި ތަފާތު ދެ ދާއިރާއަކަށް ކުރިމަތިލައްވައިގެން ވަނީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރައްވައިިފައެވެ. ރޮޒެއިނާ މިހާރު ގެންދަވަނީ ތިންވަނަ ފަހަރަށް އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ވާދަކުރައަވާ ކެމްޕޭން ކުރައްވަމުންނެވެ.

އިންތިޚާބީ މަޤާމުތަކަށް އަންހެނުން ގެނައުމަށް ޚާއްޞަ ހައިސިއްޔަތެއް ދޭން ޖެހެނީ ނުވަތަ ކޯޓާއެއް ކަނޑައަޅަން ޖެހެނީ މި ސަބަބާ ހެދިއެވެ.

ރައްޔިތުންގެ މަޖިލީހަށް މެންބަރުން އައްޔަންކުރުމުގެ ބާރު ކުރީގެ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައި އޮތަސް، މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީގައި އެބާރެއް ރައީސަކަށް ނުދެއެވެ.

އަންހެނަށް ކޯޓާއެއް ކަނޑައެޅުމަށް ކުރެވުނު މަސަކަތް ފެއިލްވުން

އިންތިޚާބީ މަޤާމުތަކަށް އަންހެނުންނަށް ޚާއްޞަ ކޯޓާއެއް ކަނޑައެޅުމަށް މިހާތަނަށް ކުރެވުނު ހުރިހާ މަސައްކަތެއް ވަނީ ފެއިލްވެގެން ގޮސްފައެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި އަންހެނުނަށް ކޯޓާއެއް ކަނޑައެޅުމަށް ކުރެވުނު މަސައްކަތް ފެއިލްވީއެވެ. އަދި ޤާނޫނުގައިވެސް ކޯޓާއެއް ކަނޑަ އެެޅުމަށް ކުރެވުނު މަސައްކަތް ފެއިލްވީއެވެ.

ޤާނޫނު އަސާސީ އިސްލާހުކުރަމުން ދިޔަ އިިރު އަންހެނުންނަށް ކޯޓާއެއް ކަނޑައެޅުމަށް އޭރުގެ މެންބަރު އަނިސާ ދެފަހަރު ހުށަހެޅުއްވައިގެންވެސް ވަނީީ ފެއިލްވެފަވެ. ފުރަތަމަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ 15 އިންސައްތަ ގޮނޑި އަންހެނުންނަށް ކަނޑައެޅުމަށެވެ. ނަމަވެސް އެމަޖިލީހުގެވެސް މެޖޯރިޓީ އޮތީ ފިރިހެނުންނަށް ކަމަށްވާތީ އަންހެނުންނަށް އެފުރުޞަތު ދޭން ބޭނުންނުވީއެވެ. އެ އިޞްލާޙު ފާސްނުކޮށް ބޭރުކޮށްލީއެވެ. ދެވަނަ ފަހަރަށް ވެސް އަނީސާ ހުށަހެޅުއްވީ އެންމެ ދެ ދައުރަށް އަންހެނުންނަށް 10 ގޮނޑި ޚާއްޞަ ކުރުމަށެވެ. ނަމަވެސް އެ އިޞްލާޙު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާވެސް ނުކުރިއެވެ.

"އަޅުގަނޑުމެން އަންހެން މެންބަރުން އިޙްތިޖާޖު ކުރަމުން ދިޔައިރުވެސް މަޖިލީހުގެ ރައީސް އެ އިޞްލާޙު އެޖެންޑާ ނުކުރައްވާ. ޤާނޫނުއަސާސީގައި ހުރަހެއް ނެތްކަމަށާއި އެފަދަ އިސްލާހެއް ގެންނަން ޖެހޭނެ ކަމަކަށް ގިނަ މެމްބަރުން ޤަބޫލުފުޅެއް ނުކުރައްވާ." ކޯޓާ އިސްލާހު ފެއިލްވި ސަބަބު ހާމަކުރައްވަމުން އަނީސާ ވިިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އައިމިނަތު ނާދިރާ ވިދާޅުވީ ޖެންޑަރ އީކުއަލިޓީ ބިލްގެ އެންމެ މުހިންމު މަފްހޫމަކީ އޭގައި ހިމަނާފައިވާ ކޯޓާ ސިސްޓަމް ކަމުގައެވެ. ނަމެވެސް ބޭރުގެ ކަމާބެހޭ ތަޖްރިބާ ކާރެއްގެ އެހީތެރިކަމާއެކު އެކުލަވާލެއްވި އެބިލް މަޖިލީހަށް ހުށަހެޅުނުއިރު އެބައި ބިލުން އުނި ކުރައްވައިފައި އޮތުން ވެގެން ދިޔައީ ވަރަށްބޮޑު ހައިރާން ކަމެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށެވެ. "ހޯޕް ފޯރ ވުމަން" އިން، މެމްބަރ ފާރިޝް މެދުވެރިކުރައްވައި ކޮމެޓީ ލެވެލްގައި އެއިޞްލާޙު ބިލަށް ގެނެވޭތޯ ކުރެއްވި މަސައްކަތް ވެސް ފެއިލްވީކަމަށް ނާދިރާ ވިދާޅުވިއެވެ.

"ޖެންޑަރ އީކުއަލިޓީ ބިލްގެ އެންމެ މައިގަނޑު އަސާސްއަކީ ކޯޓާ ސިސްޓަމް. ކޮންސަލްޓެންޓެއް ގެނެސްގެން ވަރަށް ރަނގަޅަށް ޑްރާފްޓް ކުރެވުނު ބިލެއް އެއީ. އެބިލްގައި ހިމެނީ އިންތިޚާބުތަކުގައި 10 ޕަސަންޓް އަންހެނުންނަށް ދިނުމަށް. އެއީވެސް ވަގުތީ ގޮތުން މީހުން އެކަމަށް އަހުލުވެރި ކުރުވުމަށް." ކަމަށް ނާދިރާ ވިދާޅުވިއެވެ.

ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ނާދިރާ ދެކެވަޑައިގަންނަވަނީ އަންހެނުން ސިޔާސީ މައިދާނަށް ނުކުމެވޭނީ އެމީހުންނަށް އެފުރުޞަތުތައް ތަނަވަސް ކޮށްދިނުމުން ކަމަށެވެ.

ނާދިރާއަށް ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވުނީ ޕީޕީއެމް އުފެއްދުމުގެ މަސައްކަތުގެ ތެރެއިންނެވެ. ޕީޕީއެމްއަށް 2013 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުވުމުގައި ނާދިރާގެ ޙިއްސާ ބޮޑެވެ. އެއީ އެ އިންތިޚާބުގެ ކެމްޕޭނުގައި ޢަމަލީގޮތުން އޭނާ ހަރަކާތްތެރިވެވަޑައިގެންފައި ވާތީއެވެ. އޭނާ ވަނީ އެ އިންތިޚާބުގައި ހދ. އަތޮޅުގެ ކޯޑިނޭޓަރުގެ ގޮތުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިފައެވެ. އެހެންކަމުން ޖެހިގެން އައި އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެއަތޮޅުގެ ނޮޅިވަރަމް ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމެވިއެވެ. އެހެންނަމަވެސް އޭރު އޮތީ ކޯލިޝަން ސަރުކާރަކަށް ވުމުން ޖޭޕީން އެދާއިރާއަށް ކުރިމަތިލާން ބޭނުން ވާތީ ޕީޕީއެމުން އެދާއިރާ ދޫކޮށްލަން ޖެހުނީއެވެ. އެހިސާބުން ވެސް ހިތްވަރު ދޫކޮށްނުލައްވައި ނާދިރާ ރ. މީދޫ ދާއިރާގެ ޕީޕީއެމްގެ ޕްރައިމަރީއަށް ކުރިމަތި ލެއްވިއެވެ. ޕްރައިމަރީ ކާމިޔާބު ނުވުމުން އެފަހަރު މަޖިލީހަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ނާދިރާއަށް ގެއްލުނީއެވެ. ނަމަވެސް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވައި ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް އޭނާ މިހާރު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.

"އޭރު ޕީޕީއެމުން ގެންގުޅުނު ޒުވާނުންނާއި އަންހެނުންނާއި މަޖިލީހުގައި ތިއްބެވި މެންބަރުންނަށް ޚާއްޞަ އިސްކަމެއް ދީގެން ޕޮއިންޓު ދިނުމުގެ ސިސްޓަމެއް. ޕޮއިންޓް ސިސްޓަމް އުވާލައި ޕްރައިމަރީއަށް ކެމްޕޭން ކުރަން ލިބުނީ އެންމެ 24 ގަޑިއިރު. އޭރު އަޅުގަނޑު ވާދަ ކުރަން ޖެހޭ މެންބަރުގެ ކެމްޕޭން އޮތީ ވަރަށް ފުޅާކޮށްފައިި. ދެރަށެއްގައި ކެމްޕޭން ކުރަން އެއީ ވަރަށް ކުރު މުއްދަތެއް." ޕްރައިިމަރީީން ފެއިލްވި ސަބަބު ހާމަކުރައްވަމުން ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ދެކެވަޑައިގެންނަވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް އަންހެން މެންބަރަކު ހުންނަން ޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ އަންހެންނަށް ހުރަސްތައް

ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ޙިއްސާ އިތުރުކުރުމަށް މަސައްކަތްކޮށް އަޑު އުފުލަމުންދާއިިރު އެކަމަށް ކުރިމަތިލާ އަންހެނުންނަށް  ތަފާތު ހުރަސްތައް ކުރިމަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

ދާދިފަހުން މީޑިއާއަކުން ވަނީ ކޮން ކެންޑިޑޭޓެއްކަން ނޭނގޭ ގޮތަށް އެފަދަ ހުރަސްތައް ކުރިިމަތިިވެފައިވާ އަންހެން ކެންޑިޑޭޓެއްގެ ވާހަކަ ހާމަކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު ފުޅާކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި އިންތިޚާބަށް ކުރިމަތިލާފައިވާ އަންހެން ކެންޑިޑޭޓަކު ގެއްލިގެން ދިިއުމަކީ ދެރަ ކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ކުރީގެ ނޫސްވެރިޔާ ޢައިޝަތު ލީޒާ ވަނީ އޭނާގެ ނަން އަނބުރާ ގެންދަވައިފައެވެ. މިކަމާ ގުޅިގެން ލީޒާ ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ އޭނާ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ނިންމެވީ ސިޔާސީ ގޮތުން ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކަމުގައެވެ. އެމައްސަލައިގައި އިތުރަށް ވާހަކަ ދައްކަވާކަށް ލީޒާ ބޭނުންފުޅެއް ނުވިއެވެ.

ލީޒާ ވަނީ 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މެދުހެންވޭރު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވައިފައެވެ. ލީޒާ ވިިދާޅުވީ އެ އިންތިޚާބުގައި އެޕާޓީގެ ފަރާތުން އޭނާގެ ކެމްޕޭނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ ކަމުގައެވެ. ލީޒާ ދެކެވަޑައިގަންނަވާ ގޮތުގައި އަންހެނުންނަށް ޕާޓީތަކުން އެއްބާރުލުން ދޭނަމަ ގިނަ އަންހެނުން އިންތިޚާބުތަކުގައި ވާދަ ކުރާނެއެވެ. އަދި ޕާޓީތަކުން ވާދަ ކުރުމުން ކެމްޕޭން ކުރުމުގައިވެސް ފަސޭހަ ވެގެން ދާނެ ކަމަށް ލީޒާ ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލައްވައިފައިވާ އައިމިނަތު ނާދިރާ ވިދާޅުވީ އޭނާގެ ކެމްޕޭނަށް އެއްވެސް ކަހަލަ ހުރަހެއް އެއްވެސް ފަރާތަކުން ނާޅާކަމަށެވެ. އަދި ރައްޔިތުންގެ ފަރާތުންވެސް އޭނާއަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިިބެމުންދާކަމަށެވެ.

ތަފާތު ކުރުމުގެ ތަޖްރިބާއެއް ކެމްޕޭންގައި ނާދިރާ ކުރައްވަން ޖެހިވަޑައިނުގެންނެވި ނަމަވެސް އިންތިޚާބަށް ކުރިމަތިލާ އަންހެނުންނަށް ތަފާތު ދަތިތައް ކުރިމަތިވާކަން ނާދިރާވެސް ފާހަގަކުރައްވައެވެ.

އަންހެނުންނަށް ކުރިމަތިވާ ހުރަސްތަކުގެ ތެރޭގައި ފިރިހެނުންނާ ވާދަކުރަން ޖެހުމުން ޤާބިލް އަންހެނުންވެސް ފަސްޖެހޭކަން ނާދިރާ ފާހަގަ ކުރެއްވިއެވެ. އެފަދަ ތަޖުރިބާތައް ޕީޕީއެމްގެ ތެރެއިން ކުރެވިފައިވާކަމަށް ނާދިރާ ވިދާޅުވިއެވެ.

އަންހެނުން އިތުރުކުރުމަށް އޮތް ހައްލަކީ ކޮބާ؟

"އަޅުގަޑަށް ފެންނަ ހައްލަކީ ކޮންމެ އަތޮޅަކުން އެއްދާއިރާއަކީ އަންހެނަކު ހުންނަޖެހޭ ދާއިރާއެއްކަމަށް ޤާނޫނަށް ނުވަތަ ޤަވާޢިިދަށް ވިއަސް އިސްލާހު ގެނައުން. ކޮންމެ ފަސް އަހަރަކުން އެ ދާއިރާ ބަދަލުވަމުންދާ ގޮތަށް. އޭރުން ކޮންމެ ޕާޓީއަކުން ވިއަސް އަދި އަމިއްލަ ގޮތުން ވިއަސް އެދާއިރާއަށް ކުރިމަތި ލާނީ އަންހެނަކު. ފިރިހެނަކާ ވާދަކުރަން ޖެހޭތީ ހުންނަ ހުރަސްތަކެއް ކުރިމައްޗެއް ނުވާނެ." މަޖިލިސް އިންތިޚާބުގައި ވާދަކުރުމަަށް އަންހެނުން ފަސްޖެހޭ މައްސަލައަށް ނާދިރާއަށް ފެނިވަޑައިގަންނަވާ ޙައްްލު ވިދާޅުވިއެވެ.

މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވިއްޖެ ނަމަ އެކަމަށް ވަކާލާތު ކުރައްވާނެ ކަމަށް ވެސް ނާދިރާ ވިދާޅުވިއެވެ.

އަނީސާ ދެކެވަޑައިގަންނަވާ އެއް ޙައްލަކީ މަޖިލީސް އިންތިޚާބުގައި ޕާޓީތަކުން ވަކި މެންބަރުން ވާދަ ނުކޮށް ޕާޓީތަކަށް ގޮނޑި ލިބޭގޮތަށް އޮތުމެވެ. އިންތިޚާބުވާ ގޮނޑީގައި ބައިންދާނެ  މެންބަރެއް ކަނޑައަޅާނީ އެ ޕާޓީއަކުންނެވެ. އެގޮތަށް އޮތުމުން އެޕާޓީއަކުން އަންހެނުންގެ ނިސްބަތް ބާއްވަން ބޭނުންވާ ވަރަށް ގޮނޑިި އިިތުރު ކުރެވިިދާނެއެވެ.

ނަމަވެސް މިހައްލުވެސް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ޤާނޫނަށް އިސްލާޙު ގެނެސްގެންނެވެ. އިންތިޚާބީ މަޤާމުތަކުގައި އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ކަނޑައެޅުމަށް މަޖިލީހުގެ ތެރެއިން މިހާތަނަށް ކުރަން އުޅުނު ހުރިހާ ކަމެއް ފެއިލްވެފައިވާއިރު މިފަދަ އިޞްލާހުތަކެއް ގެނެސް އަންހެނުންނަށް ފުރުޞަތު ހޯދާދެވިިދާނެތޯ ސުވާލު އުފެދެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި އަންހެނުންނަށް ވަކި ޢަދަދެއްގެ ގޮނޑި ޚާއްޞަ ކުރުމަށް މަޖިިލީީހަށް އިސްލާހެއް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިިބްރާހީމް މުޙައްމަދު ޞާލިޙުވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިކަން ކުރެވޭނީ ފިރިހެނުންގެ ޙިއްސާބޮޑު، ސަރުކާރުގެ މެޖޯރިިިޓީ އޮތް، މަޖިލީހުގެ މެންބަރުންގެ އިޙްލާޞްތެރިކަމެއް ހުރުގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.