ރެހެންދި ޚަދީޖާ، ދެ ފިރިކަލުން އަވަހާރަކޮށްލި ސަބަބު ވެސް ކިޔައިދޭންޖެހޭ: ޖެންޑަރ މިނިސްޓަރ

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ލ. ހިންމަފުށީގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި މިނިސްޓަރ ޝިދާތާ ޝަރީފް ވާހަކަފުޅު ދައްކަވަނީ: ފޯޓޯ ޖެންޑަރ މިނިސްޓްރީ

ދިވެހި ތާރީޚުގައި އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ ސިރީ ރާދަ އަބާރަނަ މަހާ ރެހެންދި (ރެހެންދި ޚަދީޖާ)ގެ ޝަޚްޞިއްޔަތު ސިފަކުރެވިފައި އޮތީ އެންމެ އިންސާފުވެރި ގޮތަކަށް ނޫންކަމަށާއި އެކަމަނާގެ ރަނިކަމުގައި ދެ ފިރިކަލަކާއި ކޮއްކޯފުޅަކު އަވަހާރުކޮށްލި ވާހަކަ ސަބަބާއެކު ބަޔާން ކޮށްދެއްވުމަށް ތާރީޚީ ޢިލްމުވެރިންނަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ގޮވާލައްވައިފިއެވެ.

ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކ. ހިންމަފުށީގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ ރެހެންދި ޚަދީޖާގެ އިތުރަށް ދިވެހިރާއްޖޭގައި ރަނިކަންކުރެއްވި އެ ކަމަނާގެ އަންހެން ދެ ކޮއްކޯފުޅުންނާ މެދު ކަން ހިނގާ ދިޔަ ގޮތް ވެސް ސާފުކޮށްދެއްވުމަށް ގޮވައިލައްވައިފައެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ވެރިކަންކުރި އެކި ރަސްރަސްކަލުންގެ ޒިކުރާ ތަފާތު އެކި ގޮތްގޮތަށް އާލާކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް ދިވެހި ދައުލަތަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވި އަންހެނުންގެ ނަންތައް ހަނދާން ނައްތާލާފައި އޮތުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. ތާރީޚަކީ އަމާނާތެއް ކަމަށާއި، ވަކި ޖިންސަކަށްވީތީ، "އެ ޒިކުރާ އަދާ ނުކޮށް އޮތްއޮތުމަކީ ހިތާމަކުރަން ޖެހޭ ކަމެއް" ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޢިމާރާތްކަށް ނަންކިޔާއިރު ރަސްރަސްކަލުންނަށް ނިސްބަތްކޮށް ކިޔާ ކަމަށެވެ. އެކަން އެގޮތަށް ކުރަމުން އައިސްފައިވަނީ ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އެ ފަދަ އަންހެނުންގެ މަތިން ހަނދާން ނައްތާލައިފައި ކަމަށާއި އެއީ އެފަދަ އަންހެނުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެ ކަމަނާ ވިދާޅުވީ ރެހެންދި ޚަދީޖާގެ ވާހަކައަކީ ދިވެހި ތާރީޚުން ފެންނަންއޮތް މުހިންމު ވަހަކައެއް ކަމަށެވެ. އެކި ހަފްލާތަކުގައި ރަސްރަސްކަލުންގެ ހިތްވަރާއި، އަޒުމާއި، ޝަރަފުވެރިކަމުގެ ވާހަކަ ދައްކަމުން ގެންދަވާއިރު ރެހެންދި ޚަދިޖާގެ ހަޔާތްޕުޅު ސިފަކުރެވިފައި ވަނީ ދެ ފިރިކަލަކު އަވަހާރަކޮށްލެއްވި ނުފޫޒުގަދަ އަންހެނެއްގެ ގޮތުގައި ކަމަށް އެކަމަނާ ވިދާޅުވިއެވެ. "ތާރީޚީ ލިޔެކިޔުންތަކުގައި ކޮއްކޯފުޅަކާއި ދެ ފިރިކަލަކު އަވަހާރަކޮށްލެއްވިކަން ބަޔާންވެފައި އޮތް ނަމަވެސް، އެ ކަމުގައި އެ ކަމަނާ ޢަމަލުކުރެއްވި ގޮތާއި ސަބަބު ހާމަކޮށްފައި ނުވާކަން ފާހަގަކުރެވޭ. އަޅުގަނޑު ދެކޭ ގޮތުގައި ތާރީޚުގެ ފަތްފުށްތައް ދިރާސާކޮށް މިފަދަ ޙާދިސާތަކުގެ އެންމެ ފުރިހަމަ މަޢުލޫމާތު ހާމަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އެގޮތުން، މިފަދަ ހާދިސާތައް ހިނގާފައިވާ ޒަމާންތަކުގައި، ރަސްކަން ވާރުތަވަމުން އައިސްފައިވާ ގޮތާއި، ރަސްކަމެއް ފޭރިގަތުމުން ނުވަތަ ބަޣާވާތެއްކުރުމުން ޤާނޫނުގެ ތެރެއިން ޢަމަލުކުރެވިގެންދާ ގޮތާއި، އަދި އެ ފަދަ ހާދިސާތައް ހިނގި އިރު، ކުށްވެރިވާ ފަރާތްތަކަށް ޝަރުޢީ ނިޒާމުގެ ތެރެއިން ކަނޑައެޅިފައިވާ އަދަބުތަކަށް ވެސް ރިޢާޔަތްކޮށް ކަމުގެ ފުރިހަމަ މަޢުލޫމާތު ހާމަކުރެވިފައި އޮތުމަކީ މުހިންމުކަމެއް،" މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ރެހެންދި ޚަދީޖާގެ ވާހަކަ ގެނެސްދީފައިވަނީ އެކަމަނާއާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ހާދިސާތައް ހިނގަން މެދުވެރިވި ސަބަބުތައް އަލުން ދިރާސާކޮށް، އެ ކަމުގެ ހަޤީޤަތް ކުރިއަށް އޮތް ޖީލުތަކަށް ސާފުކޮށްދެއްވުމަށް އެކަމަނާ ވަނީ ތާރީޚީ ޢިލްމުވެރިންނަށް ގޮވާލައްވައިފިއެވެ. ރެހެންދި ޚަދީޖާގެ ރަނިކަމުގައި ހިނގާފައިވާ ފަދަ ޙާދިސާތައް ބައެއް ރަސްރަސްކަލުންގެ ރަސްކަމުގައި ހިނގާފައިވާ ކަމަށާއި އެހެންނަމަވެސް އެފަދަ ރަސްކަލުން ބަޠަލުންގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އެއިން ކޮންމެ ޙާދިސާއެއްގައި، ވަރަށް ގިނަ ސިއްރުތަކާއި އިބުރަތްތަކެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ދިވެހި ތަރީޚީ ލިޔުންތައް ލިޔުއްވައިފައިވާއިރު ރަސްރަސްކަލުންނާއި ރަނިންގެ ދައުރު ގެނެސް ދިނުމުގައި މިންތީގެ ތަފާތުކުރުން ގެންގުޅެފައިވާ ކަމުގެ ލިޔުންތައް ފެންނަން އެބަހުރިކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. ތާރީޚީ ހާދިސާތައް އަދުގެ ޖީލުތަކާ ހަމައަށް ގެނެސްދިނުމުގައި ނުވަތަ ކިޔައިދިނުމުގައި އަންހެނަކަށްވީތީ ތަފާތުކުރުންތައް ގެންގުޅެފައިވާ ކަން އެނގި ހާމަވެގެން ދާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި އަންހެނުންނަށް އިޖުތިމާޢީ އަދި ސިޔާސީ މައިދާނުގައި ހަމަހަމަ ފުރުޞަތުތަކެއް ޒަމާންތަކެއް ކުރިން ލިބިދީފައިވާ ކަމަށާއި، މި ދާއިރާތަކުގައި ދިވެހި އަންހެނުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަން ތާރީޚުގެ ފަތްފުށްތަކުން ފެންނަން އެބަހުރި ކަމަށެވެ. އަންހެނުންގެ ޙައްޤުތައް އަލުން ހޯދުމަށް ނުކުންނަން މިއަދު ޖެހުމަކީ އެ ކަމާ މެދު ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.