އޮމަދޫގައި "ކުކިން އެންޑް ޕޭސްޓްރީ" ކޯހެއް ހިންގައިފި

އަރިއަތޮޅު ދެކުނުބުރީ އޮމަދޫގައި ކުކިން އެންޑް ޕޭސްޓްރީ" ކޯހެއް ހިންގައިފިއެވެ. މި ކޯހުގައި ކިޔަވައި ދެއްވީ މަޝްހޫރު ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީ އެވެ. އެއީ ކުރު ކޯހެއް ކަމަށާއި އޭގައި  85 މީހުން ބައިވެރިވި ކަމަށް ޖުވޭ ވިދާޅުވިއެވެ.

އަށްދުވަހަށް ކުރިއަށް ގެންދިޔަ މިކޯހުގައި މައިގަނޑު ގޮތެއްގައި ދަސްކޮށްދީފައިވަނީ ރަށުން ލިބެން ހުންނަ އެއްޗެހި ބޭނުން ކޮށްގެން، "ސިއްޙަތަށް ފައިދާހުރި އަނގަޔަށް މީރު، ޖީބަށްލުއިކޮށް" އެއްޗެހި ކައްކަން ކަމަށް ޖުވޭ ވިދާޅުވިއެވެ.

ޖުވޭ ވިދާޅުވީ ރަށްރަށުގައި ހެދޭ ފަތްޕިލާވެއްޔާއި ފަލަމަޑިގޮވާމުގެ ބާވަތްތައް ބޭނުން ކޮށްގެން މީގެ ކުރިން ވެސް އޭނާ ވަނީ އެކިރަށްރަށުގައި މިފަދަ ކޯސްތައް ހިންގާފައި ކަމަށެވެ. އަދި މިހާރުވެސް އިތުރު ރަށްރަށުގައި ކޯސްތައް ހިންގުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. ވަގުތުވާ ވަރަކުން ރަށްރަށަށް ގޮސް މީހުންނަށް ދަސްކޮށް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކެއްކުމުގެ އިތުރަށް ރަށުން ލިބެން ހުންނަ އެއްޗެހި ބޭނުން ކޮށްގެން ގާނިޝް (ތަށި މަތި ޒީނަތްތެރި ކުރުން) ކުރަން ވެސް ދަސްކޮށް ދެއްވާ ކަމަށް ޖުވޭ ވިދާޅުވިއެވެ. މިކޯހުގެ ބައެއްގެ ގޮތުގައި ޖުވޭ ވަނީ ޕޭސްޓްރީ ކޯހެއް ވެސް ހިންގައިފައެވެ.

އޭނާ ބުރަކޮށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރޯދައަށް ޚާއްސަ ކޮގެން ރެސިޕީތަކެއް ނެރުމަށެވެ. އޭގައި މުޅިން އައު ރެސިޕީތަކާއި ޖުވޭގެ ރެސިޕީތަކުން މީހުންނަށް އެންމެ ކަމުދިޔަ ބައެއް ރެސިޕީތައް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ރެސިޕީތައް އެއް ފޮތެއްގައި ނެރެ ޢާއްމުންނަށް ފޮރުކޮށްދިނުމަށެވެ.

މިހާތަނަށް އޭނާ ވަީ 6000 އަށްވުރެ ގުނަ ރެސިޕީތައް ލިޔެ ތައްޔާރުކޮށް އެކި ނަންނަމުގައި ނެރެފައެވެ. އޭގެ ތެރޭގައި އެކި ޢުމުރުފުރާގެ މީހުންނަށާއި ކުދިންނަށް ޚާއްސަ ރެސިޕީތައް ވެސް ހިމެނެއެވެ. އަދި ކިޔަވާ ކުދިންނާއި ތުއްތު ކުދިންނާއި ރެސްޓޯރެންޓު ހިންގާ މީހުންނަށް ޚާއްސަ ރެސިޕީތައް ހިމެނެއެވެ. ސިއްޙަތަށް ފައިދާހުރި ޚާއްސަ ރެސިޕީތައް ވެސް ޖުވޭވަނީ ތައްޔާރު ކޮށްފައެވެ.

ޖުވޭއަކީ ކެއްކުމުގެ ހުނަރު ކުރިއެރުވުމުގެ ދާއިރާއިން ޤައުމީ އިނާމު ޙާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ. އޭގެ އިތުރަށް އޭނާވަނީ ރެހެންދި އެވޯޑާއި، ކަނބައިދި އެވޯޑުވެސް ހޯދައިފައެވެ. އަދި ބައިނަލް އަޤުވާމީ އެތައް އެވޯޑެއްވެސް ޙާސިލް ކުރައްވައިފައެވެ.

 

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.