ކެބިންކުރޫ ލައިސަންސް ކޯހުގެ އާބުރެއް މާލޭގައި ފަށަނީ

ދިވެހި ކެބިން ކުރޫ އެކެޑަމީ (ޑީސީސީއޭ) ގެ ފަރާތުން  މިމަހު 16 ވަނަ ދުވަހު މާލޭގައި ކެބިންކުރޫ ލައިސަންސް ކޯހުގެ އައުބުރެއް ފަށާނެ ކަމަށް އެ އެކެޑަމީން ވިދާޅުވެއްޖެއެވެ.

އެތަނުން ވިދާޅުވީ ކޯހަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަމަވާނެ ކަމަށެވެ. އެހެން ކަމުން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އެތަނުން ވިދާޅުވިއެވެ.

މިއީ 45 ދުވަހަށް ހިންގާ ކޯހެކެވެ. ދެ ޖިންސުގެ ކުދިންނަށް ވެސް ކޯހުގައި ބައިވެރިވެވޭނެއެވެ. ކޯހުގެ ފީއެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ ސާދަ ހާސް ހަތަރު ސަތޭކަ ރުފިޔާއެވެ. އޭގެ ތެރޭގައި ކުދިންގެ މެޑިކަލް ފީއާއި، އެގްޒާމް ފީ ވެސް ވަނީ ހިމަނާފައެވެ.

ލައިސަންސް ކޯސް ފުރިހަމަ ކުރާ ކުދިންނަށް ވަޒީފާ ލިބުމުގެ ފުރުސަތު ގާތްގަނޑަކަށް 90 އިންސައްތަ ބޮޑުވާނެ ކަމަށް ދިވެހި ކެބިން ކުރޫ އެކެޑަމީން ވިދާޅުވިއެވެ. "އެކުދިންނަށް އޮތް އެޑުވާންޓޭޖަކީ އެއާލައިނަކަށް ވަދެފައި އެކުދިން ނުޖެހޭނެ އެއާލައިނުން ހިންގާ މުޅި ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރާކަށް. އެކުދިން ހުންނާނީ އެ ޓްރެއިނިންގެ އަށްޑިހަ ޕަސެންޓް ފުރިހަމަކޮށްފައި އެއާލައިނަށް ވަންނައިރުވެސް،" ޑީސީސީއޭ އިން ވިދާޅުވިއެވެ.

މީގެ އިތުރަށް އެތަނުން ގެންދަވަނީ ކެބިންކުރޫއިން ތަމްރީން ކުރުމުގެ ފައުންޑޭޝަން ކޯހެއް އައްޑޫ ސިޓީގައި ފެށުމަށް ތައްޔާރު ވަމުންނެވެ. "މި ކޯސް ހެދުމުން އެކުދިންނަށް ދެ ފުރުސަތެއް އެބައޮތް. އެއްގޮތަކީ ސީދާ ވަޒީފާއަކަށް ދާން ކުދިން ތިބޭނީ އިންޓަރވިއުއަށް ތައްޔާރުވެފައި. ކެބިން ކުރޫ ވަޒީފާއަށް ދާން ޖެނެރަލް އިންފޮމޭޝަން ހުންނާނީ ލިބިފައި. އެކުދިން ތިބޭނީ ފިޒިކަލީ މެންޓަލީ ތައްޔާރުވެފައި ވަޒީފާއަށް ނިކުންނަން. ދެވަނަ ގޮތަކީ ފައުންޑޭޝަން ހަދާފައި ލައިސަންސް ކޯހަށް ދިޔުން،" އެކެޑަމީން ވިދާޅުވިއެވެ.

މި ކޯސް ފުރިހަމަ ކުރުމުން ސެޓުފިކެޓެއް ވެސް ލިބޭނެއެވެ. އެއީ ސިވިލްއޭވިޝަންގެ އެޕްރޫވަލް ލިބިފައިވާ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ކޯސް ފަށާނެ ތާރީޚު ކަނޑައަޅާނީ ކުދިން އެޕްލައިކުރާ ނިސްބަތަށް ބަލާފައި ކަމަށް ޑީސީސީއޭ އިން ވިދާޅުވިއެވެ.

ދިހަ ދުވަހަކަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިކޯހުގެ ފީއަކީ 6200 ރުފިޔާއެވެ. ކޯހުގައި ކިޔަވައި ދެއްވާނީ ތަޖުރިބާކާރު ދިވެހީންނެވެ. ދިހަ ދުވަހުގެ މި ކޯހުގައި 8 މޮޑިއުލް ކިޔަވައިދެއްވާނެއެވެ. މި ކޯސް އައްޑޫގައި ހިންގިޔަސް އެހެން އަތޮޅުތަކުގެ ކުދިންނަށް ވެސް ފުރުސަތު އެބައޮތެވެ. މީގެ ކުރިން ދެފަހަރު ވަނީ އައްޑޫގައި މި ކޯސް ހިންގައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.