ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލަ މިދިޔަމަހު ހުށަހަޅައިފައިވޭ

މިނިސްޓަރ ޝިދާތާ ޝަރީފް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ: ފޮޓޯ ޖެންޑަރ މިނިސްޓްރީ

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލަ މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައި ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް ކަމަށް ވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން ހާމަކުރައްވައިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ބާވަތުގެ 21 މައްސަލަ އެ މުއްދަތުގެ ތެރޭގައި ވަނީ ހުށަހަޅައިފައެވެ.

"މީގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 14 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 4 މައްސަލަ، އިހުމާލުވުމުގެ 3 މައްސަލަ، ރޭޕްކުރުމުގެ 3 މައްސަލަ، ޖިންސީ ހާނީއްކަކުރުމުގެ 1 މައްސަލަ އަދި ޖިންސީ ފުރައްސާރަކުރުމުގެ 1 މައްސަލަ ހިމެނެއެވެ."

އޭގެ އިތުރަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 15 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 8 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 7 މައްސަލައެވެ.

މީގެ އިތުރަށް އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 3 މައްސަލަ މިދިޔަ މަހު އެ ނިސްޓްރީއަށް ރިޕޯޓުކޮށް ބަލާފައިވާ ކަމަށް ވިދާޅުވެފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.