ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަން: އެމްއެންޑީއެފް

ކަނޑުދަތުރުފަތުރު ކުރުމުގައި މުސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފިއެވެ.

އެމްއެންޑީއެފުން އެކަމަށް އިލްތިމާސް ކުރެއްވީ މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސްވެ ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ރާއްޖެއަށް އަންގަވައިފައިވާތީއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ގިނަ ހާދިސާތަކެއްގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑަށް ދަނީ ލިބެމުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭއްވެވުމަށާއި، ދަތުރަށް ފުރުމުގެކުރިން ދަތުރުކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް ދަތުރާބެހޭ މަޢުލޫމާތު އެންގުމާއި އުޅަނދުގައި ލައިފް ޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާނެ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް ސިފައިން ވަނީ އެދިވަޑައިގެންފައެވެ. ޚާއްޞަކޮށް ކުދި އުޅަނދުފަހަރުގައި "ރޭނގަޑު ދަތުރުކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ދަންނަވަމެވެ."

މުދާ އުފުލާ އުޅަނދުފަހަރަށް މުދާ ބަރުކުރުމުގައި ޤަވާއިދުތަކަށް ޢަމަލުކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓެވުމަށްވެސް އެމްއެންޑީއެފުން ވަނީ އެދިވަޑައިގެންފައެވެ. އަދި ޑައިވިންގ ކުރުމާއި މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބައްލަވައިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުއްވުމަށްފަހު ނޫނީ ކުޅިވަރުތައް ނުރޭއްވެވުމަށް ދަންނަވަމެވެ. އަދި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ޙަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް ސިފައިންވަނީ އެދިވަޑައިގެންފައެވެ.

އެމްއެންޑީއެފް ލޯންޗު ނޫރައްދީން ވަނީ އއ. ފެރިދޫ ސިއްހީމަރުގައި ތިބި ބަލިމީހުންގެ ތެރެއިން ތންމީހަކު މިރޭ މާލެ ގެނެސްފައެވެ. އެމްއެންޑީއެފް ގެ ނޫރައްދީން ލޯންޗުން އެމީހުން ގެނެސްދިނީ ކަނޑުގަދަވުމުގެ ސަބަބުން ސީއެމްބިޔުލާންސަށް ދަތުރުކުރެވޭވަރު ނުވެގެންނެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.