ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ 70 މައްސަލަ މިދިޔައަހަރު ހުށަހެޅި: މިނިސްޓަރ

އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ 70އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މިނިސްޓްރީއަށް ހުށަހަޅައިފައިވާ ކަމަށް އެ މިނިސްޓްރީގެ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަހަރަށް ރަންވޭލާ ކެމްޕޭން ފަށްޓަވައި ދެއްވުމުގެ ގޮތުން މޯލްޑިވްސް ކަސްޓަމްސް ބިލްޑިންގ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ އެއީ ރާއްޖެ ފަދަ ކުޑަ އާބާދީއަކަށް ބަލާއިރު ނިސްބަތުން ބޮޑު ޢަދަދެއްކަމަށެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅެނީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލާނެ ފަރާތެއްނެތި، އިހުމާލުވުމުގެ މައްސަލަތައް ކަމަށް ވސް މިނިސްޓަރ ވިދާޅުވިއެވެ.

އެ ޢަދަދަށް މައްސަލަ ހުށެހެޅިޔަސް ރިކޯޑު ނުކުރެވޭ ގިނަ މައްސަލަތައް މުޖުތަމަޢުގައި ހުންނާނެ ކަމަށާއި، އުމުރުން ދުވަސްވީ ބައެއް މީހުން ދުނިޔެ ދޫކޮށް ދަނީ އެ ހިތްދަތި ކަމުގައި ކަމަށް ވެސް މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވިއެވެ.

ޢުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ގަދަރަކާއި ލޯތްބެއް ބެހެއްޓުމަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އައިކަމެއް ކަމަށް އެމަނާ ވިދާޅުވިއެވެ. އެ ގޮތުން އެ ފަރާތްތައް ވެފައިވަނީ ޢާއިލާގެ ތެރޭގައި މުހިންމު ބައެއް ގޮތުގައި ކަމަށާއި، އެހެން ކަމުން މިއަދު ވެސް އެ ނަމޫނާ ދެއްކެވުމަށް މިނިސްޓަރ އެދިވަޑައިގަންނަވައެވެ. އެ ގުޅުން އެ ގޮތުގައި ހިފަހައްޓައި، ދަމަހައްޓައި އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުންނާ މެދު ގެންގުޅޭ ނުރަނގަޅު ވިސްނުން ބަދަލުކޮށް، ޢާއިލާއާއި މުޖުތަމަޢުގެ ތެރޭގައި ބަސްބުނުމުގެ އިޚްތިޔާރު އެ ފަރާތްތަކަށް ހޯދައިދިނުމަށް ބާރުއަޅުއްވާނެ ކަމަށް ވެސް މިނިސްޓަރ ޝިދާތާ ވިދާޅުވެއްޖެއެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި މިނިސްޓްރީއާ ދެމެދު އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގެ ގޮތުން މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި ސޮއިކުރެވިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.