އިސްލާމިކް ސްޓޭޓަށް ދޭ 'ފަހު ހަމަލާ' ގައި އެމެރިކާ ސިފައިން މިސްކިތަކަށް ބޮން އަޅައިފި

އާއްމުންގެ ބަޔަކު ބާޣޫޒް އަވަށް ދޫކޮށް ދަނީ

އެ ގޮތުން އެމެރިކާގެ ބޮންއަޅާ މަތިންދާބޯޓުތަކުން އެއަވަށުގެ މިސްކިތަކަށް ދިން ހަމަލާއެއްގައި 16 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 7 ކުޑަކުދިން ވެސް ހިމެނެއެވެ. ސީރިޔާގެ ރަސްމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި މިސްކިތަށް ދިން ހަމަލާގައި މަރުވެފައިވަނީ މުޅިންވެސް އާއްމުންނެވެ.

ހަނގުރާމަތަކުގައި މިސްކިތްތައް ފަދަ އަޅުކަންކުރުމަށް ޚާއްސަކުރެވިފައި ހުންނަ ތަންތަނަށް ހަމަލާދިނުމަކީ ބައިނަލް އަގުވާމީ ގާނޫނުގައި މަނާކަމެކެވެ. ނަމަވެސް، އިސްލާމިކް ސްޓޭޓާ ދެކޮޅަށް ހަނގުރާމަކުރާ ކޯލިޝަނުން ވަނީ އެމެރިކާ ސިފައިން ދިން ހަމަލާއަކީ ހުއްދަކުރެވޭނޭ ހަމަލާއެއް ކަމަށް ބުނެފައެވެ.  

"އިސްލާމިކް ސްޓޭޓުން ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއްގެ ގޮތުގައި މިސްކިތް ބޭނުންކުރަން ފެށި ހިސާބުން އެމިސްކިތުގެ ރައްކާތެރިކުރެވިފައިވާ ތަނަކަށްވުމުގެ ހައިސިއްޔަތު ވަނީ ގެއްލިފައި" ކޯލިޝަނުގެ ޑެޕިއުޓީ ކޮމާންޑަރު މޭޖާ ޖެނެރަލް ކްރިސްޓޮފާ ގިކާ ވިދާޅުވިއެވެ.

އެސްޑީއެފްގެ ތަރުޖަމާނު މުސްޠަފާ ބާލީ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެސްޑީއެފުން ބާޣޫޒަށް ހަމަލާދިނީ އެ ސަރަހައްދުގައި ތިބި 20 ހާސް އާއްމުން ސަރަހައްދު ދޫކޮށް ދިއުމަށް ފަހުގައެވެ.

ބާޣޫޒުގައި މިހާރު ތިބީ 600 އެއްހާ ހަނގުރާމަވެރިންކަމަށް އެސްޑީއެފުން ލަފާކޮށްފައި ވިޔަސް، ތިން  ދުވަހު މެދުނުކެނޑި ދިން ހަމަލާތަކުންވެސް އެ މީހުން ބަލިކުރެވިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.

އެ އަވަށުގައި ތިބި އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން ބަލިކޮށް އެ އަވަށް ހިފުމުން އިސްލާމިކް ސްޓޭޓާ ދެކޮޅަށް ކުރަމުން އައި ހަނގުރާމަ ނިމުމަކަށް އައީ ކަމުގައި އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.