ވޯޓާސް ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާ އާދަޔާ ޚިލާފަށް މަދު: އީސީ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވިއިރު ހުށަހަޅާފައިވާ ޝަކުވާގެ ޢަދަދު ކުރިއާ އަޅާބަލާއިރު އާދަޔާ ޚިލާފަށް މަދު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަޙުމަދު އަކުރަމް އާފަތިހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިފަހަރު ހަށަހަޅައިފައިވަނީ ޖުމްލަ  1256 ޝަކުވާ ކަމަށެވެ. "އެއީ ކުރިއާ އަޅާބަލާއިރު އާދަޔާ ޚިލާފަށް މަދު ޢަދަދެއް،" އަކުރަމް ވިދާޅުވިއެވެ.

ޝަކުވާތަކުގެ ތެރޭގައި މައިގަނޑުކޮށްހުރީ އުޅޭ އެޑުރެހާއި ދާއިރާ ބަދަލްވެފައިވާ ކަމުގެ ޝަކުވާ ކަމަށް އަކުރަމް ވިދާޅުވިއެވެ. އެހެންނަމަވެސް މަރުވެފައިވާ މީހުން ހިމެނުމާއި ނަމުގެ މައްސަލަތައް ވެސް ކޮންމެވެސް ވަރަކަށް ޝަކުވާގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ ހުށަހަޅާފައިވާ ޝަކުވާތައް ބަލައި ފަސް ދުވަހުގެ ތެރޭގައި އައު ލިސްޓް ނެރޭނެ ކަމަށެވެ. އެއަށް ޝަކުވާ ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އެކަމަކު އެއީ ކުރިން ހުށަހެޅި ޝަކުވާ ރަނގަޅު ކުރުމަށް ދެވޭ މުއްދަތެއް. އަލަށް ޝަކުވައެއް ހުށައެއް ނޭޅޭނެ،" އަކުރަމް ވިދާޅުވިއެވެ.

އެ ޝަކުވާތައް ރަނގަޅު ކުރުމަށްފަހު ފައިނަލް ލިސްޓް އިޢުލާން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޕްރީން 6 ވަނަ ދުވަހު ބާއްވާ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު ލިބފައިވާ މީހުންގެ ޢަދަދަކީ 264،589 އެވެ. މިފަހަރު ރާއްޖޭގެ 87 އިންތިޚާބީ ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ.

މަޖިލިސް އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަނުން ހުޅުވާފައިވާ ފުރުސަތު ބަންދުވާނީ ފެބުރުވަރީ 21 ގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.