ކިއުގައި ނުޖެހި ފުލެޓަށް އެދި ހުށަހެޅޭނެ ގޮތް ހަދައިފި

ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފްލެޓުތަކަށް އެދުމަށް ކިއުގައި ޖެހުމުގެ ބަދަލުގައި އޮންލައިންކޮށް ފުލެޓަށް އެދި ހުށަހެޅުމަށް "މަގޭހިޔާވެހި" ނަމުގައި ޕޯޓަލް އެއް މިއަދު އިފްތިތާހު ކުރައްވައިފިއެވެ.

މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ފެއްޓެވި ޚިދުމަތެކެވެ. މި ޕޯޓަލް ތައްޔާރުކޮށްފައިވަނީ ނެޝަނަލް ސެންޓަރ ފޯ ދި އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިންނެވެ. ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޕޯޓަލް އިފްތިތާޙު ކޮށްދެއްވީ  ހައުސިން މިނިސްޓަރު އާމިނަތު އާޠިފާ ޝަކޫރެވެ.

ކިއުގައި ނުޖެހި ފްލެޓަށް އެދުމުގެ ޕޯޓަލްvehi.egov.mv  ގެ ޚިދުމަތް ފެށުމުން ކިއުގައި ޖެހޭކަށް ނުޖެހޭނެއެވެ. އަދި ކޮންމެތަނެއްގައި ހުއްޓަސް އޮންލައިންކޮށް ފުލެޓަށް އެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕޯޓަށް މެދުވެރިކޮށް މިހާރު ކުރެވޭނެހާ ވެސް ކަމަކީ ރަޖިސްޓްރީ ވުމެވެ. އެހެންނަމަވެސް ބޯހިޔާވަހީ ކަމުގެ މަޝްރޫޢެއް ފަށައި އެއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން އެ ޕޯޓަލްގެ މެދުވެރިކޮށް ފުލެޓަށް އެދި ހުށަހެޅޭނެއެވެ. މީގެ ކުރިން ފުލެޓަށް އެދި ފޯމު ހުށަހެޅުމަށް ކިއުގައި ޖެހެން ޖެހުމުން އެތައް މައްސަލަތަކެއް ވަނީ ނުކުމެފައެވެ.

މި ތަޢާރަފްކުރި ޕޯޓަށް ކުރިއަށްއޮތްތަނުގައި ތަރައްޤީ ކުރައްވާނެ ކަމަށް އެންސީއައިޓީން ވަނީ ވިދާޅުވެފައެވެ.

އޮންލައިން ކޮށް ފުލެޓު ފޯމް ހުށަހެޅުމުގެ ފުރުސަތު ލިބުނަސް އެކަން ކަށަވަރު ކުރުމަށްޓަކައި ލިޔުންހުށަހަޅަންޖެހޭ ގޮތަށް ހައުސިން މިނިސްޓްރީން ވަނީ ހަމަޖައްސަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.