އެމްއާރުއެމްގެ ތަރުޖަމާނަކަށް ތަޒްމީލް، ކެމްޕޭން މެނޭޖަރަކަށް ފައިސަލް

ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގެ ތަރުޖަމާނަކަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ގެ (އެމްއާރުއެމް) ގެ ފަރާތުން ބޭފުޅަކު ހަމަޖައްސަވައިފިއެވެ.

އެމަޤާމަށް ހަމަޖައްސަވައިފައިވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް ޢަބްދުއްޞަމަދެވެ. އޭގެ އިތުރަށް އެމްއާރުއެމްގެ ކެމްޕޭން މެނޭޖަރަކާއި ޑެޕިޔުޓީއަކު ވެސް ވަނީ ހަމަޖައްސަވައިފައެވެ.

ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސަވައިފައިވަނީ ރާއްޖެއިން އަވަށްޓެރި ސްރީލަންކާއަށް ކަނޑއަޅުއްވާފައިވާ ޑެޕިއުޓީ އެމްބެސަޑަރ މުޙައްމަދު ފައިޞަލެވެ. އޭނާގެ އެސިސްޓެންޓަކަށް ހަމަޖައްސަވައިފައިވަނީ މުޙައްމަދު ރާއިދެވެ.

ރައީސް މައުމޫންގެ ފަރާތްޕުޅުން މިފަހަރުގެ އިންތިޚާބުގައި މަދުވެގެން 24 ކެންޑިޑޭޓުން ވާދަކުރައްވާނެއެވެ. އެ ޢަދަދު އިތުރުވުމުގެ ފުރުސަތުވެސް އެބައޮތެވެ. ރައީސް މައުމޫނުގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 108 މީހުން އެކަމަށް އެދި ސިޓީފޮނުއްވިއެވެ.

ރައީސް މައުމޫން މިހާރުވަނީ އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފައެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރައްވަން ހުށަހަޅުއްވައިފައިވާ ނަމަކީ "މޯލްޑިވެސް ރިފޯމް މޫވްމަންޓް" އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.