ރައީސް ޔާމީނަށް އޮތް ހަމައެކަނި ފުރުސަތަކީ ކޯލިޝަން ރޫޅުން: މުސްތަފާ

ސަރުކާރު ކޯލިޝަން ރޫޅިއްޖެނަމަ އެކަން ވެގެންދާނީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރެވިފައިވާ ތަފާތު ތުހުމަތުތަކުން ސަލާމަތް ވުމަށް ނުވަތަ ލުޔެއް ހޯދައިގަތުމަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ހަމައެކަނި ފުރުސަތު ކަމަށް ތިމަރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން މުސްޠަފާ ވިދާޅުވީ "ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެ އެންމެ ބޮޑު ފުރުޞަތަކީ ކޯލިޝަން ބައިބައި ވެގެން ދިޔުން. ބައިބައި ވެއްޖެނަމަ ފުރުޞަތެއް ލިބިދާނެ. ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ބައިބައި ކުރަން ވެސް. ކޯލިޝަން ރޫޅުމަކީ ރައީސް ޔާމީނަށްއޮތް ވަރަށްބޮޑު ސަލާމަތެއް،" މުސްތަފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ ގޮތަކަށް ކަންތައް ވެގެންދިޔަސް ރައީސް މައުމޫން ސިޔާސީ ގޮތުން ދެން ރައީސް ޔާމީނާ ގުޅޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އެކަމަށް އެމަނިކުފާނުގެ ޢާއިލާ ވެސް އެއްބަސް ނުވާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ރައީސް ޔާމީންގެ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަނެއް ވެސް ނޫން ކަމަށެވެ. ރައީސް ޔާމީން އެބަހުރި ފާޅުގައި ރާއްޖޭގެ ޤާނޫނު ޢަސާސީއަށް ފުރައްސާރަ ކުރައްވައިފައި. ރައީސް ޔާމީންގެ އެންމެބޮޑު މައްސަލައަކީ ކޮރަޕްޝަނެއް ވެސް ނޫން. ޤާނޫނު ޢަސާސީއާ ޚިލާފަށް ކަނޑައެޅިގެން ފާޅުކަންބޮޑު ގޮތަކަށް ކަންކަން ހިނގާފައިވަނީ. އެއީ ރައީސް ޔާމީންގެ އެންމެބޮޑު މައްސަލައަކީ،" މުސްތަފާ ވިދާޅުވިއެވެ.

 ކޮރަޕްޝަނާއި ފައިސާގެ ވާހަކަ ހުއްޓާލައްވާފައި، ޤާނޫނު އަސާސީގައި ވަކިގޮތަކަށް ލިޔެފައިވާއިރު ކަނޑައެޅިގެން އެއާ ޚިލާފަށް ރައީސް ޔާމީން މަސައްކަތް ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އެއް މިސާލެއްގެ ގޮތުގައި މުސްތަފާ ދެއްކެވީ 12 މެމްބަރުންގެ "ގޮނޑި ގެއްލުވާލި" މައްސަލައެވެ.

މިހުރިހާ ކަމަކާ ރައީސް ޔާމީން ކުރިމަތިލައްވަން ޖެހޭނެކަން ޔަޤީން ކުރައްވާ ކަމަށްވެސް މުސަތަފާ ވިދާޅުވިއެވެ. "ސަރުކާރުން މިއުޅެނީ އެކަންކަމާގެން ކުރިއަށް ނުދާކަށް ވެސް ނޫން. އަދި ތިންމަވެސް ވެސް ހަމަނުވެގެން މިއުޅެނީ. ކުރިއަށް އޮތްތަނުގައި ހުރިހާކަމެއް ބެލޭނެ،" އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުން ހުއްޓަސް ރައީސް ޔާމީނަށް އަލުން ސަރުކާރު ލިބުނަ ނުދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރު ތެރެއިން ކުރައްވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވިޔަސް ކޯލިޝަން ދެމިއޮންނާނެ ކަމަށް ވެސް އޭނާ ޤަބޫލެއް ނުކުރައްވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.