ޕީއެންސީގެ އެސްޖީއަކަށް ޠަލާލް ހަމަޖައްސައިފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްއަކަށް މުޙައްމަދު ޠަލާލް އައްޔަން ކޮށްފިއެވެ.

އޭނާ އެމަޤާމަށް އައްޔަން ކުރީ ޕީއެންސީގެ ކައުންސިލުންނެވެ. ޠަލާލަކީ ޕީޕީއެމްގައި ވެސް ސެކްރެޓަރީޖެނެރަލްކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ރައީސް ޢަބްދުﷲ ޔާމީން ސަރުކާރުގައި ހޯމްމިނިސްޓަރުގެ ނާއިބުކަން ވެސް ކުރައްވައިފައެވެ.

ޕީއެންސީ ވުޖޫދުވެފައިވަނީ ގޮމްޖެހުންތަކެއްގެ ތެރެއިންނެވެ. އެހެންނަމަވެސް އެޕާޓީން މިހާރުވަނީ އެ ގޮންޖެހުންތައް ގިރާކޮށް ސިޔާސީ މައިދާނުގައި ވަރުގަދަ މަޤާމެއް ހޯދުމުގެ މަސައްކަތް ފަށައިފައެވެ.

ޕީއެންސީ އުފައްދަން މަސައްކަތްކުރީ ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ބަލައި ނިމުނީ ވެސް އެޕާޓީއަށް ފަހިވާ ގޮތަށެވެ. އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ބޭފުޅުން ހިމެނޭގޮތަށް އެކޮމިޝަނުން އެކުލަވާލި ކޮމިޓީން ނިންމައިފައިވަނީ އެޕާޓީ އުފެއްދުމަށް ޕީޕީއެމްގެ ވަސީލަތްތައް ބޭނުން ކުރިޔަސް ޕާޓީގެ ހުއްދަ ބާތިލް ނުކުރެވޭނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޤަވާޢިދަށް ގެނެސްފައިވާ ބަދަގައިވާ ގޮތުން ހިނގަމުންދާ ޕާޓީއެއްގެ މުދަލާއި ވަސީލަތް ބޭނުން ކޮށްގެން އަލަށް ޕާޓީއެއް އުފައްދާނަމަ އަލަށް އުފައްދާ ޕާޓީއަށް ދީފައިވާ ހުއްދަ ބާތިލް ކުރެވިދާނެއެވެ. އެހެން ނަމަވެސް ޕީއެންސީ އުވައިނުލެވޭނެ ކަމަށް ކޮމިޓީން ނިންމެވީ ސިޔާސީ ޕާޓީތަކުގެ ޤަވާޢިދަށް ބަދަލު ގެންނަވައި ގެޒެޓް ކުރައްވައިފައިވަނީ އެޕާޓީ އުފައްދަން ހުއްދަ ދިން ފަހުން ކަމަށްވާތީއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.