ފޮރިން މިނިސްޓަރ ލަންޑަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ފޮޓޯ: ފޮރިން މިނިސްޓްރީ

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދް މި ޖަނަވަރީ މަހުގެ 26 އިން 29 އަށް ލަންޑަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މިނިސްޓަރުގެ ދަތުރުފުޅުގައި އިނގިރޭސި ސަރުކާރުގެ އިސް ފަރާތްތަކާއެކު ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ހާމަކުރައްވައެވެ. އެގޮތުން މި މަުހގެ 29ވަނަ ދުވަހު އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގެ މނިސްޓަރ އޮފް ސްޓޭޓް ފޯ ކޮމަންވެލްތް އެންޑް ޔޫ.އެން ލޯޑް އަހްމަދް ވިމްބްލްޑަން އާއި މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތް އޮފީސް ރޓ. އޮނަރަބްލް މާކް ފީލްޑާއި ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ފޮރިން މިނިސްޓްރީ އިން ހާމަކުރައްވައެވެ. ލަންޑަންގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގައި ރެޒިޑެންޓް އެމްބެސެޑަރެއް ބެހެއްޓެވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ކަމުގެ މައުލޫމާތު މިނިސްޓަރ ވަނީ ހިއްސާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީ އެއް ހުޅުވުމަށް ނިންމަވާފައިވާތީ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ފޮރިން މިނިސްޓްރީ އިން ހާމަކުރައްވާ ގޮތުގައި މި ދަތުރުފުޅުގައި 29ވަނަ ގަވަރނިންގ ކައުންސިލް މީޓީން އޮފް ކޮމިއުނިޓީ ޑިމޮކްރެސީ ގައި މިނިސްޓަރ ޝާހިދް ތަޤްރީރު ކުރެއްވިއެވެ. އެމަނިކުފާނުގެ ތަޤްރީރުގައި ޑިމޮކްރަސީ ހާޞިލުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތާއި ގުޅުމަށް ނިންމާފައިވާތީ އެކަމަށް ވެސް އެމަނިފާނު އަލިއަޅުވައިލެއްވިއެވެ.

ޖަނަވަރީ މަހުގެ 28ވަނަ ދުވަހު ފޮރިން މިނިސްޓަރު ވަނީ އިނގިރޭސިވިލާތުގެ ޕާލަމެންޓް މެންބަރު އަދި މިނިސްޓަރ އޮފް ޓްރޭޑް ޕޮލިސީ އޮނަރަބަލް ޖޯޖް ހޮލިންބެރީ އާ ބައްދަލުކުރައްވައި ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އޭގެ އިތުރަށް ޕާލަމެންޓްގެ ބައެއް މެންބަރުންނާއި ބައްދަލުކުރެއްވައި ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި އަދި ދެ ޤައުމުގެ ޕާލަމެންޓް މެންބަރުންގެ މެދުގައި ގުޅުން  ބަދަހިކުރުމާ މެދު ޚިޔާލު ބަދަލުކުރެއްވިއެވެ. މިނިސްޓަރު ބައްދަލުކުރެއްވި މެންބަރުންނަކީ ހެލެން ގްރާންޓް އާއި ޕާލަމެންޓް މެންބަރު އަދި އޭޕީޕީޖީ ގެ ޗެއަރ، ސަރ ޑޭވިޑް އެމިސް އާއި ޕާލަމެންޓް މެންބަރު ހޫގޯ ސްވަޔަރ އެވެ.

ފޮރިން މިނިސްޓަރު ވަނީ ކޮމަންވެލްތުގެ ސެކްރެޓްރީ ޖެނެރަލް ބެރޮނެސް ޕެޓްރީޝީއާ ސްކޮޓްލެންޑް އާއި ބައްދަލުކުރައްވައި ކޮމަންވެލްތާއި އަލުން ގުޅުން ޤާއިމުކުރުމުގެ ކަންކަން ހިނގާނެ ގޮތުގެ މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ހާމަކުރައްވައެވެ.

ލަންޑަނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދުގެ ވަގުތެއްގައި ޝާހިދް ރާއްޖެ ވަޑައިގަންނަވާނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.