އެނބޫދޫ ފިނޮޅުގެ ކޮޓަރިތަކެއްގައި ރޯވެ ބޮޑެތި ގެއްލުން ވެއްޖެ

ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ (ކ.އެނބޫދޫ ފިނޮޅު) މޫދު ކޮޓަރިތަކެއްގައި ރޯވެ ބޮޑެތި ގެއްލުން ވެއްޖެއެވެ.

އަލިފާނުގެ މިޙާދިސާގައި ރޯވެފައިވަނީ މޫދު ކޮޓަރިތަކެއްގައެވެ. އެގޮތުން ފަސް ކޮޓަރިއެއްގައި ރޯވެ ވަނީ ގެއްލުން ވެފައެވެ. އެމްއެންޑީއެފުން ވިދާޅުވީ ފުރަތަމަ ރޯވީ ގެސްޓުންތިބި އެންމެ ކޮޓަރިއެއްގައި ކަމަށެވެ. އެހެންނަމަވެސް އެ ކޮޓަރީގައި ތިބި މީހުންނަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ. އެހެން ކޮޓަރިތަކުގައި ރޯވެފައިވަނީ އެފަހުންނެވެ.

މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މި ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ ފަތިހު 4:48 އެހައިކަންހާއިރުއެވެ. މަޢުލޫމާތު ލިބުމުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓީމެއްވަނީ އެރަށަށް ގޮސް އެރިސޯޓުގެ ފަޔަރ ޓީމާ ގުޅިގެން އަލިފާން ނިއްވާލައިފައެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް ޢާޒިމް ވިދާޅުވީ ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ހެނދުނު 6:15 އެހައިކަންހާއިރު ކަމަށެވެ. މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.