ބްރެޒީލްގެ ބްރުމަޑީނޯގައި ދަގަނޑުނަގާ މައިނެއްކައިރީގައި ހަދާފައި ހުރި ޑޭމެއް ހަލާކުވެ، ކިސަޑު މުޅި ސަރަހައްދަށް ފެތުރުމުގެ ސަބަބުން 40 މީހުން މަރުވެ 300 އެއްހާ މީހުން ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް ދިރިހުރި މީހަކު ފެނުމުގެ އުއްދީދު ދަނީ ކުޑަވަމުންނެވެ.
މި ކާރިސާ ދިމާވީ، ބްރެޒިލްގެ އެންމެ ބޮޑު މައިނިންގް ކުންފުނި ވޭލް އިން މެނާސް ގެރައިސް ސްޓޭޓްގައި ދަގަނޑު ނަގާ މައިނުން ބޭރުކުރާ ކިސަޑު ފެންގަނޑު ހިފަހައްޓަން ހަދާފައި ހުރި ޑޭމެއް ހަލާކުވެ އެތަން މިލިއަން ޓަނެއްގެ ކިސަޑު ކައިރީގައި އޮތް ވާދީގެ ތެރެއަށް ފެތުރިގެން ދިއުމުގެ ސަބަބުންނެވެ.
ހުކުރު ދުވަހު ޑޭމް ފަޅައިގެން ގޮސް ކިސަޑުތައް ފެތުރިގަތް ވަގުތަކީ މައިންގައި މަސައްކަތްކުރާ އެތައް ސަތޭކަ ބަޔަކު މެންދުރު ކެއުމަށް އެތަނުގެ ކެފެޓޭރިއާގައި ތިބި ވަގުތެވެ. އެ އެންމެންހެން ކިސަޑުގެ ތެރެއަށް ގެނބިގެން ދިޔައީއެވެ.
މި ކާރިސާގެ ސަބަބުން ވީ ގެއްލުމަށް ބަދަލު ދިނުމަށާއި، މަރާމާތުގެ މަސައްކަތްކުރުމަށް ބޭނުންވާ ފައިސާ ނެގުމުގެ ބޭނުމުގައި ބްރެޒިލް ސަރުކާރުން މިހާރު ވަނީ ވޭލް ކުންފުނީގެ ބޭންކް އެކައުންޓު ފްރީޒްކޮށްފައެވެ. އެކައުންޓުގައި 1.6 ބިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށް ވެއެވެ.
ހެލިކޮޕްޓަރުތަކާއި، ކޮންނަން ބޭނުންކުރާ ބޮޑެތި އުޅަނދު ބޭނުންކޮށްގެން ކުރި މަސައްކަތުން، މުޅި ސަރަހައްދަށް ފެތުރިފައިވާ ކިސަޑުގެ ތެރެއިން މިހާތަނަށް ދިރިތިއްބާ ސަލާމަތްކުރެވުނީ 50 މީހުންނެވެ. އޭގެ ތެރެއިން 23 މީހުންނަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ވޭލް ކުންފުލިން ބުނީ އަދިވެސް 200 މީހުން ނުފެންނަކަމުގައެވެ. އެހެންނަމަވެސް، ސަރުކާރުގެ ފަޔާ ސާވިސްއިން ބުނީ ގެއްލިފައިވާ މިހުންގެ އަދަދު 300 އަށް އަރާކަމުގައެވެ. ވޭލް ކުންފުނީގެ ސީއީއޯ ފަބިއޯ ޝްވާޓްސްމަން ވިދާޅުވީ ޑޭމް ހަލާކުވިއިރު މައިންގައި މަސައްކަތްކުރަމުން ދިޔައީ 300 މީހުން ކަމުގައެވެ.
ބްރެޒީލްގެ އެޓާނީ ޖެނެލަން ރަކުއެލް ޑޮޖް ވަނީ މި ކާރިސާގެ ފުރިހަމަ ތަހުގީގެއް ހިންގަވާނެކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ "ޔަގީނުނުންވެސް ކޮންމެވެސް ބައެއެގެ އިހުމާލު" މިކަމުގައި ވާކަމަށެވެ.