މެލޭޝިޔާގައި އާ ރަސްކަލަކު އައްޔަންކޮށްފި

މެލޭޝިޔާގެ އާ ރަސްގެފާނު ސުލްޠާނު ޢަބްދުﷲ ސުލްޠާން އަޙްމަދު ޝާހު

މެލޭޝިޔާގެ ރަސްކަލުން އައްޔަންކުރާ އެގައުމުގެ 9  ސްޓޭޓްގެ ރަސްކަލުން ހިމެނޭ ކައުންސިލުން އެގައުމުގެ ރަސްކަމަށް އާ ބޭފުޅަކު އައްޔަންކޮށްފިކަމަށް ރަސްމީ ނިއުސް އެޖެންސި ބަރްނާމާއިން ޚަބަރު ދީފިއެވެ.

މެލޭޝިޔާގެ އާ ރަސްކަލެއްގެ ގޮތުގައި އައްޔަންކޮށްފައި ވަނީ ޕަހާންގް ސްޓޭޓުގެ ރަސްގެފާނު ސުލްޠާނު ޢަބްދުﷲ ސުލްޠާން އަޙްމަދު ޝާހު އެވެ. އޭނާއަކީ ކުޅިވަރަށް ލޯބިކުރައްވާ، ބައިނަލްއަގްވީ ގިނަ ކުޅިވަރު ޖަމާއަތްތަކަށް ލަފާދެއްވާ ބޭފުޅެކެވެ.

އެ ގައުމުގެ ރަސްކަމުގެ ތަޚުތު ހުސްވީ ކުރިން ހުންނެވި ރަސްގެފާނު، ސުލްޠާން މުޙައްމަދު 5 އޭނާގެ ފަސް އަހަރުގެ ދައުރުން އަދި ތިން އަހަރު ބާކީ އޮއްވާ، މި ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު ރަސްކަން ދޫކޮށްލެއްވުމުންނެވެ. އޭނާގެ ކުއްލި ނިންމެވުމަގެ ސަބަބެއް ރަސްމީ ގޮތުން ހާމަކޮށްފައި ނުވިނަމަވެސް، ޚަބަރުތައް ބުނާ ގޮތުން އޭނާ ތަޚުތު ދޫކޮށްލެއްވީ ފާއިތުވި ނޮވެންބަރު މަހުގެ ތެރޭގައި ރަޝިޔާގެ އުމުރުން 25 އަހަރުގެ ރީތީގެ ރާނީއަކާ ކައިވެނި ބައްލަވައިގަތުމުން ބޮޑުވަޒީރު މަހާތީރު ބިން މުހައްމަދުގެ ސަރުކާރާ ދެމެދު އުފެދުނު މައްސަލަތަކަކާ ގުޅިގެންނެވެ.

މެލޭޝިޔާއަކީ ފަސް އަހަރުގެ ދައުރަކަށް އައްޔަންކުރެވޭ ރަސްކަލަކު އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވާ ގައުމެކެވެ. ގައުމުގެ ރަސްކަލަކު އައްޔަންކުރަނީ، އެގައުމުގައި ރަސްކަންކުރާ 9 ސްޓޭޓްގެ ރަސްކަލުންގެ މެދުގައި ތަރުތީބުން ދައުރުވާ ގޮތަށެވެ.

ރަސްކަން ދޫކުރެއްވި ސުލްޠާން މުޙައްމަދު 5 އެއީ ކެލަންތާންގެ ރަސްގެފާނެވެ. ރަސްކަން ދައުރުވާ ތަރުތީބުން ދެން ރަސްކަމަށް ވަޑައިގަންނަވަން ޖެހެނީ ޕަހާންގްގެ ރަސްގެފާނެވެ. ސުލްޠާން ޢަބްދުﷲ މިފަހަރު މެލޭޝިޔާގެ ރަސްކަމަށް އައްޔަންކުރެއްވުނީ އެހެންވެގެންނެވެ.

އާ ރަސްގެފާނު ސުލްޠާން ޢަބްދުﷲ ސުލްޠާން އަޙްމަދު ޝާހު އަކީ އިނގިރޭސިވިލާތުގެ ސޭންޑްހާސްޓް މިލިޓަރީ އެކެޑަމީން ކިޔަވައި ވިދާޅުވެގެން ހުންނެވި، ޕޯލޯ ކުޅުއްވުމަށް ޝައުޤުވެރިކަން ހުންނަ ބޭފުޅެކެވެ. އަދި އޭނާއަކީ ފީފާގެ ކައުންސިލް މެންބަރެކެވެ. އޭޝިޔަން ހޮކީ ފެޑެރޭޝަންގެ ރައީސެވެ. މެލޭޝިޔާ ފުޓްބޯލް ފެޑެރޭޝަންގެ ކުރީގެ ރައީސެވެ.

މެލޭޝިޔާގެ ރަސްކަލުން ވެރިކަން ހިންގުމުގައި ދައުރެއް އަދާކުރައްވާ ބޭފުޅުނަށް ނުވިޔަސް، އެގައުމުގައި ރަސްކަލުންނަށް ވަރަށް މަތީ އިއްޒަތެއް ދެވިފައި ވެއެވެ. ރަސްގެފާނަށް ފާޑުކިޔައި ހެދުމަކީ ކުރާ ކަމެއް ނޫނެވެ. އަދި އިސްލާމްދީން ނެގެހެއްޓުމުގެ އެންމެ މަތީ ވެރިއަކީ ރަސްގެފާނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.