ބޮޑުވަޒީރު މޯދީގެ ސަރުކާރާ ދެކޮޅަށް ބައި މިލިއަން މީހުންގެ މުޒާހަރާއެއް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާދެކޮޅަށް ކަލްކަތާގައި ބައިމިލިއަން މީހުން ނިކުމެ   މުޒާހަރާއެއްކޮށްފިއެވެ.

ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރ މަމްތާ ބެނަޖީ ދެއްކެވި ވާހަކަފުޅުގައި މޯދީގެ ވެރިކަމުގެ މުއްދަތު ފަހަނަޅައި ހިނގައްްޖެކަމުގައި ވިދާޅުވިއެވެ.

"ބީޖޭޕީ ދުރައްލާ! ގައުމު ސަލާމަތްކުރޭ!" މަމްތާ އޭނާގެ ވާހަކަފުޅު ނިންމަވާލައްވަމުންވިދާޅުވިއެވެ.

ކަލްކަތާގެ ބްރިގޭޑް ޕެރޭޑް ފަސްގަނޑުގައިި ބޭއްވި އެއްވުމުގައި އިންޑިއާގެ 14 ސްޓޭޓެއްގެ 18 ޕާޓީއެއްގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެއްވި މީހުންނާ މުޚާޠަބުކޮށް އިދިކޮޅު ލީޑަރުން ދެއްކި ވާހަކަ އަޑުއިވޭނޭ ގޮތް ހެދުމަށާއި މަންޒަރު ދެއްކުމަށް އެ ސަރަހައްދުގއި މާސިންގާ 20 ސްކްރީން ބަހައްޓާފައި ހުއްޓެވެ.

މިއީ މިއަހަރުގެ މޭމަހު އިންޑިއާގައި ބާއްވާ އިންތިޚާބުގެ ކުރިން މޯދީއާ ދެކޮޅަށް އިންޑިއާގައި އިދިކޮޅުފަރާތްތަކުން ބާއްވަން ރާވާފައިވާ އެންމެ ބޮޑު ތިން އެއްވުމުގެ ތެރެއިން ފުރަތަމަ އެއްވުމެވެ. އަނެއް ދެބައްދަލުވުން ބާއްވާނީ އަންދްރަޕްރެދޭޝްއާއި ދިއްލީގައެވެ.

ފުލުހުން ބުނިގޮތުގައި ބޮޑުވަޒީރާ ދެކޮޅަށް ބޭއްވި އެއްވުމުގެ ސަލާމަތީކަންތައް ބެލެހެއްޓުމަށް 5 ހާހަށްވުރެ ގިނަ ފުލުހުން ނިކުމެ ތިއްބެވެ.

"ގުޅިފައިވާ އިންޑިއާ"ގެ ނަމުގައި ބޮޑުއެއްވުމެއް އިދިކޮޅު ޕާޓީތަކާގުޅިގެން ބޭއްވުމުގެ އިންތިޒާމުތައް ކުރެއްވީ މަމްތާ ބެނަޖީއެވެ. އެ އެއްވުމުގައި 4 ލައްކަ މީހުން ބައިވެރިވާނެކަމަށް ކުރީން ލަފާކުރެވުނަސް ކަލްކަތާ ފުލުހުންގެ އިސްވެރިއެއްކަމުގައިވާ ރާޖިއު ކުމާރު ވިދާޅުވި ގޮތުގައި 5 ލައްކައަށްވުރެ ގިނަ މީހުން އެއްވުމުގައި ބައިވެރިވިއެވެ. މިއީ ފަހަކަށް އައިސް އިންޑިއާގައި ބޭއްވި އެންމެ ބޮޑު ސިޔާސީ އެއްވުމެވެ.

ބައްދަލުވުމުގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުން ވެސް މޯދީގެ ސަރުކާރު ނިމުމަކަށް ގެންނަންޖެހިފައިވާކަމަށް ވިދާޅުވިއެވެ.

މޯދީގެ ސިޔާސީ ޕާޓީ، ބީޖޭޕީން 2014 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރިކަމަށް ވިޔަސް، މިދިޔަ މަހު ބޭއްވި އިންތިޚާބުގައި އިދިކޮޅު ކޮންގްރެސް ޕާޓީން ބީޖޭޕީއާ ވާދަކޮށް ތިން ސްޓޭޓެއްގެ އިންތިޚާބު ވަނީ ކާމިޔާބުކޮށްފައެވެ.

އިންޑިއާގެ އިގުތިސާދީ ހާލަތު ދަށަށް ދިއުމާއި ވަޒީފާ ނުލިބޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އާއި އިންތިޚާބީ ވައުދުތައް ސަރުކާރުން ފުއްދާފައި ނުވާތީ، މޯދީގެ ސަރުކާރަށް ކިޔާ ފާޑުކިންތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

"ގުޅިފައިވާ އިންޑިއާ"ގެ އެއްވުމުގައި ކޮންގްރެސް ޕާޓީގެ ލީޑަރ ރާހުލް ގާނދީ ބައިވެރިވެވަޑައިނުގަންނަވައެވެ. ނަމަވެސް ޕާޓީގެ އިސް މަންދޫބުންނާއި ޕާޓީގެ މެންބަރުން ގިނައަދަަކަށް ބައިވެރިވިއެވެ.

"ގުޅިފައިވާ އިންޑިއާ"ގެ އެއްވުމާ ބެހޭގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އިދިކޮޅުފަރާތްތަކުން މަސައްކަތް ކުރަމުންދަނީ އެމީހުންގެ ޒާތީ ފައިދާއަށްޓަކާ ކަމަށެވެ.

"އިދިކޮޅު އިއްތިހާދުން މަސައްކަތްކުރަމުންދަނީ އަޅުގަނޑާ ދެކޮޅަކަށްނޫން، އިންޑިއާއާ ދެކޮޅަށް." މޯދީ ވިދާޅުވިއެވެ.

އިންޑިއާގެ ސިޔާސީކަންތައްތައް ދިރާސާ ކުރާ ތަޖުރިބާކާރުން ބުނާާ ގޮތުގައި ބީޖޭޕީއާ ދެކޮޅުފަރާތްތަކުން އެއްގަލަކަށް އަރައި މަސައްކަތްކޮށްފިނަމަ މޭމަހު ބާއްވާ އިންތިޚާބުން މޯދީގެ ވެރިކަން ނިމުމަކަށް ގެނެވޭނެއެވެ.

މޯދީއަކީ އިންޑިއާގެ މުސްލިމުންނަށް ވަރަށް އަނިޔާވެރި ބޭފުޅެކެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.