ހެނދުނުގެ ނާސްތާ އެއްވަނައިގެ ކަމަކަށް

ދެހާސް ނަވާރަވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވެ، ޔުނިފޯމު އަޅައިގެން ދަރިވަރުން މަދަރުސާތަކަށް ދާންފެށިފެށުމުގައި ވަނީ އުއްމީދުތަކެވެ. ދަރިވަރުންގެ މޫނުމަތިން ފެންނަމުންދާ ހިނިތުން ވުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ވޭތުވެދިޔަ ދިގު މާޒީގައި އެދަރިވަރުން ބަރުދާސްތު ކުރަމުންދިޔަ ކެކުޅުމަކަށް ފަރުވާއެއް ލިބިގެންދާނެކަމުގެ އުފާވެރި އިޙުސާސްތަކެވެ. ޝައްކެއްނެތް ގޮތުގައި ހެނދުނު ދަންފަޅީގައި ސްކޫލަށްދާ ދަރިވަރުންގެ ދުލުން ފާޅުނުކުރި ކަމުގައިވިޔަސް މިވޭތުވެދިޔަ ދިގު މާޒީގައި އެދަރިވަރުންގެ އެންމެ ބޮޑު ޝަކުވާ އަކީ ސްކޫލު ފެށުމުގެ ކުރިން ރަގަޅަށް ނާސްތާ ނުކުރެވޭ ކަމުގެ ޝަކުވާއެވެ.

ރާއްޖޭގައި  ސްކޫލު މަދަރުސާ ތަކުގައި ކިޔަވާ ޢުމުރުގެ ކުދިން ހެނދުނު ދަންފަޅީގައި ސްކޫލަށް ދާނަމަ ނިދިން ހޭލަނީ ފަތިސް ނަމާދަށް ގޮވާ ފަހުންނެވެ. އެހެންކަމުން ހެނދުނު ހަތެއް ޖަހާއިރަށް  ސްކޫލަށް ދިއުމަށްޓަކައި ތައްޔާރު ވުމަށް ލިބިފައި އޮންނަނީ ގާތްގަނޑަކަށް ގަޑިއެއްހާ އިރެވެ. މިވަގުތަކީ ޢާއިލާގެ އެންމެންވެސް ނަމާދު ކުރުމާއި އެހެނިހެން ތައްޔާރީ ތަކުގައި އަވަދިނެތި އުޅެމުންދާ ވަގުތަކަށް ވުމާއި، ހެނދުނު ހޭލައިގެން ގިނައިރުތަކެއް ނުވެ ކެއުމަކީ ލޮޑުކަމެއް އިހުސާސްކުރުވާ ކަމަކަށް ވާތީއާއި، ނިދިން ހޭލުމާއި ސްކޫލަށް ދާން ޖެހޭ ގަޑިއާއި ދެމެދު މާގިނަ ކަންތައްތަކަކަށް ވަގުތު ނެތުން ފަދަ ސަބަބު ތަކަކާއި ހުރެ ގިނަ ދަރިވަރުން ސްކޫލަށް ދަނީ އެކަށީގެންވާ ނާސްތާއެއް ކުރުމަކާއި ނުލައެވެ. މީގެ ނަތީޖާއަކީ މޭނުބައިކުރުމާއި ހޮޑުލުމާއި އަނބުރައިގަތުން ފަދަ ކަންތައްތަކާއި ސްކޫލް ސެޝަން ފެށުމުގެ ކުރިން ދަރިވަރުންނަށް ކުރިމަތިލާން ޖެހުމެވެ. އަދި ހަމަ އެއާއެކު މުޅިދުވަސް ބަނޑުހައިހޫނު ކަމުގައި ހޭދަ ކުރުމާއި އިންޓަވަލް ގަޑި ޖެހެންދެން ކާއެއްޗެއް ކެވޭނެ ވަގުތެއްގެ ޚިޔާލުގައި، އެކަމަށް އިންތިޒާރު ކޮށްގެން ތިބުމެވެ. އަދި އިންޓަވަލް ގަޑީގެ ކުރީގައި ހޭދަކުރަންޖެހޭ ވަގުތާއި، ބައެއްފަހަރު  މުޅި ދުވަހުވެސް ފިލާވަޅުތަކަށް ދޭންޖެހޭ ސަމާލުކަން ނުދެވި ހާންތިވެފައި ތިބުމެވެ. މީގެ އިތުރަށް ސްޕާރީ އާއި ކިއްލި ކޮޅެއްގައި ހުންނަ ހަކުރުގެ މަދުމިންވަރަކުން ހަކަތަ ހޯދުމަށް އެފަދަ ތަކެތީގެ ބޭނުންކޮށް އެއަށް ދެވިހިފައި،  ޞިއްޙީ ނުރަގަޅު އާދަތަކަކާއި ދިމާލަށް ދަރިވަރުން މިޞްރާބު ޖެހުމެވެ.   

ހެނދުނު ރަގަޅު ނާސްތާއެއް ނުކޮށް ތިބުމަކީ  ދަރިވަރުންގެ ޞިއްޙަތަށާއި އުނގެނުމާއި ޙަރަކާތްތެރި އުޅުމަކަށް އަދި ދަރިވަރުންގެ ނަތީޖާއަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމެއްކަން ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި އެކި ފަންނުތަކުގެ ތަޖުރިބާ ކާރުންނަށް ކިތަންމެ ރަގަޅަކަށް އެގިވަޑައިގެންނެވި ކަމުގައިވިޔަސް ޤައުމީ މިމައްސަލައަށް މިއަދާއި ހަމައަށް އޮތީ ޙައްލެއް ނުހޯދިއެވެ. ޔުނިވަރސިޓީ ތަކުން ފަލްސަފާވެރިންގެ ތަފާތު ތިޔަރީތައް އުނގެނި، އަބްރަހަމް މާސްލޯ ގެ ހައިރާކީ އޮފް ނީޑްސް ފަދަ އަހުރާމުތައް ހިތު ދަސްކޮށް، ދަސްވެނިވެގެން ނިކުމެ، މިވީހާ ދުވަހު މުދައްރިސުން ކުރެއްވި މަސައްކަތަކީ ޓެބްލެޓް ފަދަ މަސްނޫޢީ އާލާތްތައް ބޭނުން ކޮށްގެން ހާންތިވެ ތިބި ދަރިވަރުން "ޑިޖިޓައިޒް ދުނިޔެއަކަށް" އަހުލުވެރި ކުރުމުގެ "މާނައެއް ނެތް" މަސައްކަތެވެ.  

މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ޙަޥާލުވެ ވަޑައިގެން ހުންނެވި ރައީސް އެންމެ އިސްކަމެއް ދެއްވި މަސައްކަތް ޕުޅަކީ އިސްވެ ދެންނެވި ޤައުމީ މައްސަލައަށް ޙައްލު ހޯއްދަވައި ދެއްވުމުގެ މަސައްކަތްޕުޅެވެ. ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ޤައުމީ މިމައްސަލައަށް ޙައްލު ހޯދުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ދިމާލެއްގައި މިއަދު ދަނީ ކުރެވެމުންނެވެ. އަތޮޅު ތަކާއި މާލޭގައި ދަރިވަރުނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށައިގަނެވިފައެވެ. ސަރުކާރުން އިޢުލާން ކުރައްވާފައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަސް ނިމި ދެވަނަ ޓާމުގެ ކިޔެވުމާއި ދަރިވަރުން ކުރިމަތިލާނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ޕޮރުގްރާމް ހިންގަން ފެށުމާއެކުގައެވެ.

މި ފަދަ ޤައުމީ ބިޔަ ބޮޑު މަޝްރޫޢެއް ތަޖުރިބާ ކުރެވޭ ހިނދު އަޅުގަނޑުގެ ހިތުގައި އުފެދޭ ދެތިން ވާހަކައްއް ޙިއްސާ ކޮށްލުމަކީ ޤައުމީ ގޮތުން އަޅުގަނޑުގެވެސް ފަރުދީ ޒިންމާއެއްކަމުގައި ދެކެމެވެ. އެހެނީ މިވަގުތަކީ ނާސްތާ ޕްރޮގްރާމުގެ ކަންތައްތައް ސްކޫލުތަކުގައި ތަޖުރިބާ ކުރެވެމުންދާ ވަގުތުކަމަށް ވާތީއެވެ. އަދި ކުރިއަށް އޮތްތާނގައި މި ޕޮރޮގްރާމުގެ ކަންތައްތައް ކުރިއަށް ގެންދަވާނީ މިދުވަސްވަރު ކުރެވޭ ތަޖުރިބާ އާއި އެކިފަރުދުން ފާޅު ކުރާ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށްގެންކަމަށް އަޅުގަނޑު ޤަބޫލު ކުރާތީއެވެ.

ޤަބޫލު ކުރަންޖެހޭ ޙަޤީޤަތަކީ ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުނަށް ރަގަޅު ފެންވަރެއްގެ ނާސްތާއެއް ދިނުމަކީ ޚަރަދު ބޮޑުކަމެކެވެ. އެހެނީ އާއްމު ކެއުމެއް ވަރަށް އާދައިގެ ހޮޓަލަކުންވެސް ލިބެނީ ވިހި ރުފިޔާއަށްވުރެބޮޑު އަގަކަށް ކަމުގައިވާތީއެވެ. އެހެންކަމުން ރެސްޓޮރެންޓެއް ނުވަތަ ކާބޯތަކެތި ތައްޔާރުކޮށްދޭ ފަރާތަކުން އެއްހާސް ދަރިވަރުންކިޔަވާ ސްކޫލެއްގެ ހެނދުނުގެ ނާސްތާ ވިހި ހާސް ރުފިޔާ އަށްވުރެ ކުޑައަގަކަށް ތައްޔާރުކޮށް ނުދޭނެއެވެ. އެހެން ކަމަށް ވާނަމަ ހަފްތާއަކު އެއްލައްކައަށް އަށްވުރެ ގިނަ ރުފިޔާ މިކަމަށް ޚަރަދުވެގެން ދާނެއެވެ. އެއީ މަހެއްގެ މައްޗަށް ބައި މިލިޔަނެއްހާ ރުފިޔާއެވެ.

މިގޮތަށް ނާސްތާ ތައްޔާރު ކުރުމުގައި ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ މިފަދަ ބޮޑު އަގެއްގައި ތައްޔާރުކުރާ ކާބޯތަކެތީގެ ސާފުތާހިރުކަމާއި މެދު ދަރިވަރުންނާއި ބެލެނިވެރިންނާއި ސްކޫލު ތަކުގެ ޒިންމާދާރު ފަރާތް ތަކުގެ ހިތުގައި އުފެދޭ ޝައްކާއި ސުވާލުތަކެވެ. އެހެނީ މިއަދު މިފަދަ މަސައްކަތްތައް ކުރުމަށް ރާއްޖޭގައި ގިނައިން ޙަރަކާތްތެރި ވަމުން ދަނީ މިފަދަ ކަމަކަށް އެންމެ އެކަށީގެންވާ ފަރާތްތަކަށް ނުވެފައި، އެއީ ބޭރު ޤައުމުތަކުގެ ބޭފުޅުންނަށް ވުމުން ދިވެހިންގެ ކިބައިގައި ހުންނަ ސާފުތާހިރުކަމާއި ދިވެހި ކުދިން ގަޔާވާ ދިވެހި ރަހަތަކަށް އެބޭފުޅުން ބީރައްޓެހި ވާނެތީއެވެ. އަދި ތައްޔާރު ކުރާ ކާބޯތަކެތީގެ ފެންވަރާއި ރަހައިގައި ކަމެއް ދިމާވެގެން އެކަމެއް ރަގަޅު ކުރުމަށް "ސީޓީ އަކުން ދެންނެވުން" ނޫން މާބޮޑުކަމެއް ސްކޫލުގެ ވެރިންނަށްވެސް ކުރެވެން ނޯންނާނެތީ ދެމެހެއްޓެނިވި ގޮތަކަށް އެއްމިންގަނޑެއްގައި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓޭނެ ކަމުގެ ޔަޤީންކަން ނުލިބޭނެތީއެވެ.

ރާއްޖޭގެ ގިނަ ސްކޫލްތަކަކީ ސަރުކާރުން ހިންގަވާ ސްކޫލުތަކެވެ. އެހެންކަމުން ދަރިވަރުނަށް ނާސްތާ ދިނުމަށް ކަނޑައެޅުނު ފައިސާ އެސްކޫލެއްގައި ދަރިވަރުން ތިބި ނިސްބަތުން  ސްކޫލުތަކުގެ ބަޖެޓްގައި ހިމެނުއްވުމަށްފަހު ނާސްތާ ދިނުމުގެ މަސައްކަތްތައް ކުރުމަށްޓަކައި ކޮންމެ ސްކޫލެއްގައި ބަދިގެ އަކާއި އެކު ކެންޓީނުގެ ޚިދުމަތް ދެވޭ ވަކި ޑިޕާޓްމަންޓެއް ޤާއިމު ކުރެވިއްޖެނަމަ މިކަމަށްޓަކައި ސަރުކާރުން ކުރައްވަންޖެހޭ ޚަރަދުތައް މާބޮޑުތަންވެސް ކުޑަވެގެން ދާނެއެވެ. އެހެނީ މިކަމަށްޓަކައި ސްކޫލުތަކުގައި ޤާއިމު ކުރެވޭ ޑިޕާޓްމަންޓުގެ މަސައްކަތް ރޭވިފައި ހުންނާނީ ދައުލަތުގެ މާލިއްޔަތު ޤަޥާޢިދު ތަކާއި އެއްގޮތަށް ވީހާ ޚަރަދު ކުޑަ ގޮތަކަށް މިކަން ކުރުމަށެވެ. މިމަސައްކަތުގައި ޙަރަކާތްތެރި ވާނީ ދަރިވަރުންގެ ނިސްބަތުން ކަނޑައެޅޭ ވަކި ޢަދަދެއްގެ މުއައްޒަފުން ކަމަށް ވުމުން ތަކެތީގެ އަގާއި މުއައްޒަފުންގެ މުސާރަ ފިޔަވައި އިތުރު ޚަރަދެއް މިކަމަކަށް ނުހިނގާނެއެވެ. ސްކޫލުން މިޕްރޮގްރާމް ހިންގުމުން އަމިއްލަ ވިޔަފާރި ކުންފުންޏަކުން މުއްސަނދި ވުމަށްޓަކައި ދަރިވަރުންނަށް ނާސްތާ ދީގެން " ފައިދާގެ ގޮތުގައި" ނަގާ މިލިޔަނުން ގުނާލެވޭ ބައި އުނިވާނެތީ ރައްޔިތުންގެ ފައިސާއިން ބޮޑުބައެއް ސަލާމަތްވެ ޤައުމުގެ އެހެންކަމަކަށް ޚަރަދު ކުރަން އެފައިސާ ހުންނާނެއެވެ. އަދި ހަމަ އެއާއެކު ސްކޫލުން ނާސްތާ ތައްޔާރު ކުރާނަމަ ސްކޫލަށް ޙާޟިރު ނުވާ ކުދިންނަށް ނާސްތާ ތައްޔާރުކޮށް އެކަމަށް ޚަރަދު ކުރަން ނުޖެހޭނެތީ އިސްރާފުގެބައި ކުޑަވެގެންދާނެއެވެ. ބަޔަކާއި ޙަވާލުކޮށްގެން ދަރިވަރަކަށް ފަންސަވީސް ރުފިޔާގެ ރޭޓުން  ނާސްތާ ތައްޔާރު ކުރުވުމުން  ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ބަލިވުމާއި ތަފާތު އެހެނިހެން ސަބަބު ތަކާއިހުރެ ސްކޫލަށް ޙާޟިރު ނުވާ ހާހެއްހާ ދަރިވަރުންގެ ނާސްތާ ކުނިވަށިގަނޑަށް އަޅާލުމުން ޤައުމުގެ މާލިއްޔަތުން ކޮންމެ ދުވަހަކު އިސްރާފު  ކުރެވޭނެ ފަންސަވީސްހާސް ރުފިޔާ އަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ ސަލާމަތް ކުރެވި، ދުއިސައްތަ ދުވަސް ހިމެނޭ ދިރާސީ އަހަރެއްގެ ތެރޭ ފަސްމިލިޔަން ރުފިޔާ އަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ އިސްރާފުން ސަލާމަތް ކުރެވޭނެއެވެ.

ދަރިވަރުންގެ ނާސްތާ ޕްރޮގްރާމް ހިންގުމަށް ސްކޫލުތަކުން އިތުރު ދިވެހި މުއައްޒަފުން ތަކަކަށް ވަޒީފާ ދިނުމުން ސަރުކާރުން ބޭނުންފުޅުވާ ގޮތަށް އިތުރު އެތައްބަޔަކަށް ވަޒީފާގެ ފުރުޞަތު ލިބި ދެވުނީއެވެ. އަދި  މުޖުތަމަޢުގެ އެތަކެއް އަފުރާދުންނަށް ތަނަވަސްކަމެއް ހޯދައިދީ ޤައުމުގައި ހުރި އިޖުތިމާޢީ މައްސަލަތަކަކަށް ފަރުވާވެސް ލިބިދެވުނީއެވެ. އަދި ސްކޫލު ގެ މުއައްޒަފުންތަކެއް ލައްވާ މި މަސައްކަތް ކުރުވާނަމަ ކަމާއި ގުޅުންހުރި  މުއައްޒަފުން ޒިންމާދާރު ކުރުވައި، ކާބޯތަކެތީގެ ފެންވަރު ސްކޫލުން ކަނޑައަޅާ މިންގަނޑުގައި އަބަދުވެސް ދެމެހެއްޓުމުގެ ފުރުޞަތު ސްކޫލަށް ލިބިގެންދާނެއެވެ.

މިއަދު ރާއްޖޭގެ ސްކޫލުތަކުގައި ހިންގާ ބީޓެކް ހޮސްޕިޓަލިޓީ ޕްރޮގްރާމް ގައި ހިމެނޭ ފުޑް އެންޑް ބެވެރޭޖްގެ މަސައްކަތް ސްކޫލުގައި ހިނގާތަން ބީޓެކް ދަރިވަރުންނަށް ސްކޫލު މާޙައުލުން ފެނި އެކަންތައްތައް ތަޖުރިބާ ކުރުމުގެ ފުރުޞަތުވެސް ދަރިވަރުންނަށް މިކަމުގެ ސަބަބުން ލިބިގެންދާނެއެވެ.

ޝައްކެއްނެތް ގޮތުގައި އެނގޭ ކަމަކީ ސްކޫލް ތަކުގައި ނާސްތާ ޕްރޮގްރާމް ހިންގުމަށްޓަކައި ވަކި ޔުނިޓެއް ޤާއިމުކޮށް މުއައްޒަފުންނަށް ވަޒީފާ ދީގެން ސްކޫލް ތަކުން ނާސްތާ ޕްރޮގްރާމް ހިންގާނަމަ ޚަރަދު ކުޑަ ގޮތަކަށް މިކަން ކުރެވޭނެކަމެވެ. ބޭކާރު ގޮތުގައި އިސްރާފު ކުރެވޭ މިންވަރު މަދުވާނެކަމެވެ. ބެލެނިވެރިންނާއި ކަމާއި ގުޅުން ހުރި ފަރާތްތަކަށް ހިތްހަމަޖެހޭ މިންވަރަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރެވި އިތުބާރު ހޯދޭނެކަމެވެ. އިތުރު ދިވެހިން ތަކަކަށް ވަޒީފާ ލިބި، އިޖުތިމާޢި މައްސަލަތަކަކަށް ލުޔެއް ލިބިގެންދާނެކަމެވެ. އަދި ހަމަ އެއާއެކު ރާއްޖޭގައި ޢާއްމުވެފައިވާ، ވަކިބަޔަކަށް ފައިދާވާ ގޮތަށް ނޫނީ ވަކި ބަޔަކު މުއްސަނދި ކުރުމަށް ހިންގޭ ކޮރަޕްޝަންގެ ޢަމަލުތައް މަދުވެގެންދާނެކަމެވެ. ލައްގާނީ އަބަދުވެސް ލައްގާ ހުރައަށޭ ބުނާ ބީދައިން އަބަދު ވަކި ބަޔަކަށް މަސައްކަތް ލިބި އެފަރާތްތަކުގެ ޖީބު ތަނަވަސް ވުމުގެ ބަދަލުގައި ގިނަބަޔަކަށް މަންފާ ތަކެއް ލިބިގެންދާނެކަމެވެ. އަދި ދަރިވަރުންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް އެއްވަނައިގެ ކަމަކަށް ވެގެންދާނެކަމެވެ.

ޞަފްވާނު ޝަފީޤު
ޞަފްވާނު ޝަފީޤަކީ ގިނަ ޒަމާންތަކަކަށް ކިޔަވައި ދިނުމުގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ، އަދި ރާއްޖޭގެ ބައެއް ނޫސް މަޖައްލާ ތަކަށް ލިޔުއްވާފައިވާ ބޭފުޅެކެވެ.

3 ޚިޔާލު

  1. ހެދުނު ނާސްތާ ޕްރޮގްރާމް އޭ ކިޔާފަ ތި ދެއްވާ ނާސްތާއަށްވުރެ މާޔަޤީންކަން ބޮޑުވެފަ މާއިތުބާރު ހިފޭ އަދި ނާސްތާ މާބޮޑަށްވެސް ރަގަޅު ދަރިވަރުންގެ ގޭގަ ދަރިވަރުންގެ ބެލެނިވެރީން ދޭ ނާސްތާ ތި ނާސްތާ ބޭނުމެއްނޫން އަހަރެމެން ހިޔްހަމައެއް ނުޖެހޭ އެއްގޮތަކަށްވެސް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.