ގެއްލުނު ޢަބްދުﷲ އާދަމް ފެނިއްޖެ، ފެނުނީ ފަޅުރަށަކުން

ހުއިފިލަނޑާ ނަގަން ރ. ވަންދޫ ހުޅަނގު ފަރާތަށް ފީނި ދެމީހުންގެ ތެރެއިން ގެއްލުނު މީހާ ހޯދަމުންދަނިކޮށް ފެނިއްޖެއެވެ.

ރ. ދުވާފަރު ފެހިހިޔާގޭ ޢަބްދުﷲ އާދަމް ފެނިފައިވަނީ ރ. އަތޮޅު ފަޅުރަށެއް ކަމަށްވާ ދިއްކުރެއްދޫ އިން ކަމަށް އެމްއެންޑީއެފާއި ފުލުހުން ވިދާޅުވިއެވެ. އޭނާ ފެނިފައިވަނީ މެންދުރު 12:00 ގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ފެނުނުއިރު ޙާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ ލޯންޗުގައި އޭނާ ދުވާފަރަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަންބަރާ ނަމަކަށް ކިޔާ ދޯންޏެއްގައި ލަނޑާ ނަގަން ގޮސް އެމަސައްކަތް ފެށީ ހެނދުނު 8:45 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވެފައިވަނީ އޭނާ ގެއްލިގެން ދުވާފަރު ޕޮލިސް ސްޓޭޝަނަށް ދޯނީގެ މީހުން އެންގީ ފީނިތާ ދެގަޑިއިރު ފަހުންވެސް ޚަބަރެއް ނުވެގެން ކަމަށެވެ.

ޢަބްދުﷲ އާދަމް ފެނުނުއިރު ލަނޑާ ނަގަން ފޭބި އެހެން މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ މިފަހަރު ހޯދަމުންދަނީ ނ. މަނަދޫ ދެކުނު ފަރާތަށް ލަނޑާ ނަގަން ފޭބި ދެމީހުންގެ ތެރެއިން މީހެއް ކަމަށެވެ. އޭނާއަކީ ނ. މިލަންދޫ މީހެއް ކަމަށާއި، ނަމަކީ މުޙައްމަދު ޝާވިން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.