ކެންޔާގެ ވެރިރަށް ނައިރޯބީގައި މަތީ ފެންވަރުގެ ހޮޓަލަކާއި އޮފީސްތައް ހިމެނޭ ކޮމްޕްލެކްސްއަށް ދިން ވަރުގަދަ ހަމަލާއެއްގައި 15 މީހުން މަރުވެއްޖެއެވެ.
ނައިރޯބީއަކީ ގިނަ އަދަދެއްގެ ބޭރެމީހުން ދިރިއުޅޭ ރަށެކެވެ. އަދި ހަމަލާ ދެވުނު ޑުސިޓްޑީ2 ހޮޓަލަކީ ގިނަ އަދަދެއް ބައިނަލް އަގްވާމީ ކުންފުނިތަކެއްގެ އޮފީސް ހުންނަ އިމާރާތެކެވެ.
ކެންޔާ ގަޑިން އިއްޔެ މެންދުރު 3:30 ހާއިރު ދޭންފެށި ވަރުގަދަ ހަމަލާގައި ހަތިޔާރުއެޅި ބަޔަކު ދެކާރެއްގައި އައިސް ހޮޓަލުގެ ގޭޓު ހަލާކުށްލައި، ސެކިރިޓީ ގާޑުންނަށް ބަޑިން ހަމަލާދިނުމަށް ފަހު ހޮޓަލުގެ ތެރެއަށް ވަދެގަތީއެވެ. ޕާކްކުރާ ސަރަހައްދުގައި ހުރި ކާރުތަކަށް އަތުބޮން އެއްލައި ރޯކޮށްލުމަށް ފަހު، ހަމަލާދިން މީހުން ފުރަމަތަ ވަދެގަތީ ހޮޓަލުގެ އިމާރާތުގައި ހުރި ބޭންކަކާއި ތައި ރެސްޓޯރެންޓަކަށް ކަމަށް ޚަބަރުލިބެއެވެ.
އިއްޔެގެ ހަމަލާގެ މަސްއޫލިއްޔަތު ސޯމާލިޔާގެ ހަނގުރާމަވެރި ޖަމާއަތް، އައްޝަބާބުން އުފުލާފަވާއިރު، މިހަމަލާ އައިސްފައިވަނީ ސޯމާލިޔާ ސަރުކާރަށް އެހީވާން އެގައުމުގައި ތިބި ކެންޔާ ސިފައިންގެ މަރުކަޒަކަށް އައްޝަބާބުން ދިން ހަމަލާއަށް ތިން އަހަރު ފުރުނު ދުވަހުއެވެ. އެ ހަމަލާގައި ކެންޔާ ސިފައިންގެ 140 މީހުން މަރުވިއެވެ.
އަތުބޮމާ އޭކޭ 47 ގެ ބަޑި ހިފައިގެން ހަނގުރާމަވެރިން ނައިރޯބީގެ ވެސްޓްލޭންޑްސް ސަރަހައްދަށް ވަން ހަނގުރާމަވެރިންނާ ކެންޔާގެ ސަލާމަތީ ބާރުތަކާ މެދު ބަދަލުކުރެވޭ ހަމަލާތަކުގެ ރޭ ދަންވަރާ ހަމައަވެސް އިވެމުން ދިޔަ ކަމަށް ބައެއް ޚަބަރުތައް ބުނެއެވެ.
އެހެންނަމަވެސް ރޭ އެގާރަ ޖެހި އިރު ކެންޔާގެ އިންޓިރިޔާ މިނިސްޓަރު ވިދާޅުވެފައިވަނީ ހޮޓަލް އިމާރާތާއި، އޮފީސް އިމާރާތްތައް ހިމެނޭ ކޮމްޕްލެކްސް ހަނގުރާމަވެރިންގެ ކިބައިން ސަލާމަތްކުރެވިފައިވާ ކަމުގައެވެ.
ސޯމާލިޔާގެ އަވަށްޓެރި ގައުމަކަށް ވެފައި، ސޯމާލިޔާ ސަރުކާރަށް އެހީވާ ގައުމަކަށް ވާތީ ކެންޔާ އަބަދުވެސް ވެފައިވަނީ އައްޝަބާބު ހަނގުރާމަވެރިންގެ އަމާޒަކަށެވެ. ސެޕްޓެންބަރު 2013 ގައި ނައިރޯބީގެ ވެސްޓްގޭޓް ޝޮޕިންގ މޯލަށް ދިން ހަމަލާގައި 67 މީހުން މަރުވެފައިވާ އިރު، އެޕްރީލް 2015 ގައި ގަރިސާ ޔުނިވަސިޓީއަށް ދިން ހަމަލާގައި 148 މީހުން މަރުވެފައި ވެއެވެ.