އެއްދަންފަޅިއަކަށް 79 ސްކޫލް ވެސް ބަދަލު ކުރާނަން: ރައީސް

މިއަހަރުގެ ކިޔެވުން ފެށުނުއިރު، ސަރުކާރުން ހިންގާ 213 ސްކޫލުގެ ތެރެއިން 134 ސްކޫލެއް، މިހާރުވާނީ އެއް ދަންފަޅިއަށްއަކަށް ބަދަލުކުރެވިފައި ކަމަށާއި ބަދަލު ނުކުރެވިހުރި 79 ސްކޫލް ވެސް، އެ ތަންތަނުގެ ޙާލަތު ދެނެގަތުމަށް ފަހު، ވަކި މުއްދަތެއްގެ ތެރޭގައި، އެއް ދަންފަޅިއަށް ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުރަވީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު ހުޅުވި ހުރަވީ ސްކޫލްގައި ކިޔަވައިދެއްވަނީ މުޅިން ވެސް ދިވެހިންނެވެ. "ޖަޒީރާ ސްކޫލްގެ ނިޒާމަށް މުޅިން ބަދަލުވުމަށްޓަކައި" ކިޔަވައި ދިނުމުގެ ދާއިރާގައި ބިދޭސީން މަދުކޮށް، ދިވެހިން އިތުރު ކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަމުގައި ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި، މިއަދު ކުރަން ޖެހިފައި އޮތް އެންމެ މުހިންމު މަސައްކަތަކީ، މީހުން ބިނާކުރުން. އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް އިތުރުކުރުން. މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރާނެ، އެންމެ މުހިންމު އެންމެ ބޮޑު މަސައްކަތަކީ ވެސް އެއީ،"  ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ވަޢުދުވީ ފަދައިން، ތަޢުލީމީ ފުރުސަތުތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން މަތީ ތަޢުލީމުގެ ސިޔާސަތު އެކުލަވައިލިއިރު، ރާއްޖޭގައި ބެޗްލާސް ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަމަށާއި، އޭގެ އިތުރުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ، މަތީ ތަޢުލީމުގެ ލޯނުގެ އިންޓްރެސްޓް ތިން އިންސައްތައަށް މިހާރު ކުޑަކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މަތީ ތަޢުލީމް ޙާޞިލުކުރުމަށް ނަގާ ލޯނު، އަނބުރާ ދައްކަންޖެހޭ މުއްދަތު ކުރިއަށްވުރެ 25 އިންސައްތަ އިތުރު ކޮށްފައިވާކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

"ހަމައެއާ އެކު، މަތީ ސާނަވީ އިމްތިޙާނުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ ސްކޮލަޝިޕް، އޯ.އީ.ސީ.ޑީ ޤައުމުތަކުގެ އުނިވަރސިޓީތަކުން ހޯދޭނެ މަގު މިހާރު ވާނީ ފަހިކޮށްދެވިފަ. މިއީ މި ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރަން ކަނޑައެޅި ކަންކަމުގެ ތެރެއިން، ޙާޞިލުކުރެވުނު ވަރަށް މުހިންމު ކާމިޔާބެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޙާޞިލުކުރުމަށް ކަނޑައެޅި ކަންކަން، އެކަށީގެންވާ ގޮތެއްގައި ފުރިހަމަވަމުން ދާކަމީ، ރަނގަޅު ދުވެލީގައި، ސީދާ މިސްރާބަށް، ސަރުކާރު ދަތުރުކުރާ ކަމުގެ ހެއްކެއްކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުގެ މަސައްކަތްތައް ހަލުވިވެ، ރައްޔިތުންގެ އުންމީދުތައް ފުރިހަމަވަމުން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.