ދިވެހި ކަލަންޑަރުގެ ގަނޑުތައް އުކަމުން އައިސް އަޅުގަނޑުމެން މިއަދު މި ކުރިމަތިލަނީ ދިރާސީ އާ އަހަރަކާއެވެ. ރޭގެ ފަތިސް ނަމާދަށްފަހު ދިވެހި ޢާއިލާތައް "ބިޒީކޮށްލީ" ދިރާސީ އާއަހަރަށް ކުރެވުނު ތައްޔާރީ ތަކެވެ. މިއަދުގެ އިރު ދިވެހި އުދަރެހުން ފާއްދާލީ ދިވެހި ހިތްތަކަށް އާއުއްމީދު ތަކެއް ގެނުވަމުންނެވެ. ކިޔަވާ ކުދީންގެ "ޔުނިފޯމް" ގައި މިއަދު ސްކޫލު މަދަރުސާ ތަކުގެ ގޮނޑިތަކުގައި އިށީނދެ އެތިބީ އަހަރު ތަކެއްގެ ފަހުން ދިވެހި ޤައުމުގެ އެންމެހާ ޒިންމާ ތަކަކާއި ޙަޥާލުވާނެ ދިވެހި ދަރީންނެވެ. އެހެންކަމުން މިއަދު ވެގެންދާނީ ޤައުމުގެ ކުރިމަގު ބައްޓަން ކުރުމުގެ ދުވަސް ފެށުމުގެ އާއަހަރަކަށް ދިވެހި ޤައުމު އިސްތިޤުބާލު ކުރާ ދުވަހަކަށެވެ. ޤައުމުގެ ކުރިމަގުގެ ތަޞައްވަރު ގައި ކުލަޖައްސަން ފަށާ ދުވަހަހަކަށެވެ. ޤައުމީ ޢިމާރާތް އާރާސްތު ކުރަން ފެށުމުގެ ދުވަހަކަށެވެ.
ކަންމިހެން ހުރުމާއެކު މިހިނދުކޮޅަކީ އަޅުގަނޑުމެންގެ ކުރިއެރުން އެކަމުގެ މައްޗަށް ބިނާވެފައިވާ ޤައުމިއްޔަތާއި ދޭތެރޭ ފުންކޮށް ވިސްނާލަން ޖެހޭ ވަގުތެވެ. މިއަދަކީ ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުޞޫލުތައް ޤާއިމުކުރުމަށާއި، ދިވެހިންގެ ފުރަމާނަ ޙިމާޔަތް ކުރުމަށް ހުރި ގޮންޖެހުންތައް ބަލައި، އެކަމަށް ޙައްލު ހޯދުމަށް ޢިލްމީ ދިރާސާތަކެއް ހަދަންޖެހޭނަމަ އެކަމަށް ތައްޔާރުވެ، "ހައިޕޮތެސިސް" ލިޔަންޖެހޭ ދުވަސްމެއެވެ. ދިވެހީންނަށް މިއަދު އާދެވިފައި މިތިބަ ހިސާބާއި، ދިވެހި ޤައުމީ ނަވުގެ ދަތުރުގެ ސަމުގާ އަލުން ބަލައި މިޞްރާބު ބަދަލު ކުރަން ޖެހޭ ނަމަ އެކަމަށް އޮތް އެންމެ ރަނގަޅު އިރުވަރަކީވެސް މިއީއެވެ.
ޝައްކެއްނެތެވެ. މިއަދު އަޅުގަނޑުމެންނަށް ވާޞިލު ވެވިފައި މިވަނީ ޤައުމީ ޙަޔާތުގައި ދިމާވާނެ އެންމެ ނާޒުކު ހިސާބަށެވެ. މިއަދު އަޅުގަނޑުމެންގެ ޤައުމު މިވަނީ ހަތަރު އަނގޮޅިއެއްގެ މެދުގައެވެ. ދިވެހިރާއްޖެ މިވަނީ އިޖުތިމާޢީ މައްސަލަތަކެއްގެ މެދުގައި ބަންދުވެ ހުރަގެއަކަށް ލެވިފައެވެ. ޤައުމުގެ ތަރައްޤީ އަށް ވަނީ ގިނަ ގުނަ ހުރަސްތަކަކާއި ކުރިމަތިލާން ޖެހިފައެވެ. އިޖުތިމާޢީ މަސްއަލަތަކުގެ ކަޅު ވިލާގަނޑެއްގެ ދަށުވެ ޤައުމުގެ އުދަރެސް ވަނީ ބަނަވެފައެވެ. މިއަދު ޒުވާނުން ދިވެހި ސަޤާފީ ކަންކަމަށް ލޯބި ކުރުމެއްނެތި ހެސް ގެންފައިވަނީ ބޭރުގެ އުޅުންތަކާއި ގުޅުންތަކަށެވެ. ހެދުން އަޅާފައި ހުންނަނީ ދިވެހި ސަޤާފަތާއި ބިރައްޓެހި، ބިރެއް ސިހުމެއްނެތް ކަމަށް އިޢުލާން ކުރާޖުމްލަ ތަކާއި އަދަބާއި ޚިލާފް ޢިބާރާތްތަކުން ޖަރީކޮށްފައިވާ ޓީޝާތަކުންނެވެ. ކަންފަތާއި ނޭފަތާއި އެހެނިހެން ތަންތަން ތޮރުފާފައި ބޮޅުފަތިތައް އަޅައިގެން އިސްތަށިގަނޑު ދިގުބޮލުގައި ތަފާތު ކުލަ ޖައްސާލައިގެން ޒުވާނުން ހިނގާ ހިނގުމުގައި އެއްވެސް ހަރުދަނާ ކަމެއް ނުހުރެއެވެ. ޅަޒުވާނުންގެ ތުނބުން ތަފާތު ރަހަރަހައިގެ ޝީޝާ އާއި ދުންކަށިގަޑު ތަކާއި ސިނގިރެޓް ނުވެއްޓެއެވެ. ދެޖިންސުގެ ޒުވާނުން މަސައްކަތް ތެރިކަމަށް ޝައުޤުވެރިކަމެއްނެތި، ޗެޓް ކުރުމާއި ހެކް ކުރުމުގައި ރެއާ ދުވާލު އިސްރާފު ކުރަން ތިބޭތިބުމުން ދޭހަވަނީ އެކުދީން ކުރިމަގަށް އެއްވެސް އުއްމީދެއް ނުކުރާކަމެވެ.
ވަކި ޢުމުރެއްގެ ކުދީންގެ ނަންތަކުން ދިގުވަމުންދަނީ ކުށްކުރާ މީހުންނާއި ތަފާތު މަސްތުވާ ތަކެތީގެ އިސްތިޢުމާލު ކުރާ މީހުންގެ ލިސްޓެވެ. ކަޓަރު އެޅުމާއި ކަނޑިން ޖެހުމާއި ގުޅިގެން ޒަޚަމްވާ އަދި މަރުވަމުންދާ ޒުވާނުންގެ ޢަދަދު ގުނުން މިއަދު ފަސޭހައެއްނޫނެވެ. ކުޑަކުދީން ހެހުމާއި، ބަދު އަޚުލާޤާއި ވައްކަމާއި ބަނގުރަލުގެ ވާހަކަ ކޮޅުން ލާކަށެއްނެތެވެ.
ކަންމިހެން ހުރިކަމުގައިވިޔަސް މުޖުތަމަޢުގެ އާދޭހުގެ ގޮވެލީގައި ވަނީ މުޅީން އެހެން ވާހަކައެކެވެ. އެކިވައްތަރުގެ ކުށްތަކާއި އިޖުތިމާޢީ މައްސަލަ ތަކަށް ޙައްލެއް ނުފެނި އިވެމުންދަނީ ކަންފަތަށް އާއަޑެކެވެ. 2004 ވަނަ އަހަރު އިޢުލާން ކުރެވުނު އިޞްލާޙީ އެޖެންޑާ އާއި އެކު ފެށުނު، 15 އަހަރު ފުރެމުންދާ ދިވެހިރާއްޖޭގެ " ޅަފަތުގެ ޑިމޮކްރަސީ " ގެ ގޮވުންތަކުގައި އަބަދުވެސް ވަނީ އެއްއަމާޒެކެވެ.
މުޅި ދިވެހި މުޖުތަމަޢުގެ ލަނޑުދަނޑި އަކަށް ވެފައިވަނީ އެއްކަމެކެވެ. މުޅި ޤައުމުން ފެންނަމުންދަނީ އެއްމަންޒަރެކެވެ. ހައްޤު ހޯދުމުގެ ނަމުގައި އުފުލޭ އަޑު ތަކާއި ދޭދޭ ފަރުދުންނާއި އެކި ޖަމާޢަތް ޖަމާޢަތުގެމެދުގައި އުފައްދަމުންދާ ޚިޔާލު ތަފާތު ވުންތަކެވެ.
ދިވެހި ޤައުމުގައި މިއަދު އުފެދެމުންދާ ޚިޔާލު ތަފާތު ވުންތަކުގެ މައްޗަށް ބިނާވެފައިވާ ދެކޮޅުވެރި އެއްވުން ތަކާއި މާރާމާރީގެ ޢަދަދު އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެއާއެކު ޒަމާނުއްސުރެ ދިވެހި މުޖުތަމަޢުގައި ދޭދޭ ފަރުދުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބަދަހި ގުޅުމުގައި ދަނީ ރެނދު އަޅަމުންނެވެ. އެހެންކަމުން ދެބަސްވުންތަކާއި ޚިޔާލު ތަފާތު ވުންތަކުގެ ހާއްޔަކަށް މިއަދު މިޤައުމު ދަނީ ބަދަލުވަމުންނެވެ.
މިކަމުގެ ނަތީޖާ އަކީ އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން ވީދި ޤައުމުގެ އެއްބައިވަންތަކަމުގެ ކިއްލާފުނޑުފުނޑު ވެގެންދިއުމެވެ. ދިވެހި ޤައުމުގެ ކުރިމަގުގެ އަހުލުވެރިންނަށް ޤައުމު ޤައުމެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ މިއަދުގެ ޖީލަށް އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުމެވެ. އެހެންކަމުން ޤައުމީ މި މަސްއަލައަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ ކޮންމެ ދިވެހި ފަރުދެއްގެ ޤައުމީ ވާޖިބެއްކަމުގައި އަޅުގަނޑު ދެކެމެވެ.
ދިވެހިރާއްޖޭގައި މިވަގުތު ހުރި އިޖުތިމާޢީ މަސްއަލަތަކުގެ މައިގަނޑު ބަހާ ތަކަކީ ކޮބައިތޯ ވިސްނައި ޚިޔާލު ކުރުމަށް މިއަދަށްވުރެ ވަކި މުނާސިބު ދުވަހެއް ފަހުގެ ތާރީޚެއްގައި ދިވެހި ކަލަންޑަރު ނުދެކެއެވެ. އާސަރުކާރެއްގެ ތަޢުލިމީ ސިޔާސަތުތައް ތަންފީޒު ކުރުމަށް މިއަދު ފަށައިގަންނަނީއެވެ. އެސަރުކާރަކީ ރާއްޖޭގައި ފަހުގެ ތާރީޚެއްގައި އެކުލަވާލެވުނު އެންމެ ބޮޑު އެއްބައިވަނަތަ ކަމުގެ ސަރުކާރެވެ. ސަރުކާރު ހިންގާ ކޯލިޝަނުގައި ޤައުމުގެ އެންމެ ގިނަ ރައްޔިތުން ބަސް ޤަބޫލު ކުރާ ލީޑަރުންނާއި ދިވެހި ޤައުމުގެ އެންމެ މަތީ ފަންތީގެ ޢިލްމުވެރިން ހިމެނެއެވެ. އަދި ޤައުމު ހިންގުމުގެ އެންމެ މަތީ ތަޖުރިބާ އާއި މުޅި ދުނިޔޭގެ ރުހުން ލިބިވަޑައިގެން ތިއްބެވި ދިވެހި ޤައުމުގެ އެންމެ އިސް ލީޑަރުން ހިމެނެއެވެ. ހަމަ އެއާއެކު މިއަދު ޤައުމުގެ ހުންގާނުގައި ހުންނެވީ ފަހުގެ ތާރީޚުގައި ދިވެހި ޤައުމު ދުށް އެންމެ ހިކުމަތްތެރި، އެންމެ ކެތްތެރި، އެންމެ ކުޅަދާނަ ލީޑަރެވެ. އެމަނިކުފާނުގެ އުޅުއްވުމުން ސާބިތުވާ އެއްކަމަކީ އެމަނިކުފަނަކީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ފުރަމާނައަށް ލޯބިކުރެއްވުމުގައި ލާމަސިލު ލީޑަރެއްކަމެވެ.
މިއަދަކީ ދިރާސީ އާއަހަރުގެ ކިޔެވުން ފޭށޭދުވަސް ކަމަށްވުމުން ޤައުމީ މަސްއަލަ ތަކާއިމެދު ވިސްނައި، އެމަސްއަލަ ތަކަށް ޙައްލު ހޯދުމަށް ޚިޔާލު ކުރަން އެންމެ އެކަށީގެންވާ އެއް ބަޔަކީ އުފާވެރި ޗުއްޓީއަކަށްފަހު މިއަދު ޔުނިފޯރމުގައި މަދަރުސާތަކަށް ނިކުންނަ ދަރިވަރުންނާއި މަދަރުސާގެ ވެށިން އެދަރިވަރުންނަށް މަރުޙަބާ ކިޔަން ތައްޔާރުވަމުންދާ ސްކޫލުތަކުގެ ތަޢުލީމީ ކަންތައްތައް ރާއްވަވާ މަސްއޫލު ވެރީންނާއި މުދައްރިސުންނެވެ.
ދިވެހި މުޖުތަމަޢުން ފެންނަމުންދާ އަޚުލާޤީ މަސްއަލަ ތަކާއި ޤައުމީ އެއްބައިވަންތަ ކަމުގައި ރެނދުއަޅާ މައިގަނޑު ސަބަބު ތަކަކީ ކޮބައިތޯ ބެލުމަށް ފުންކޮށް ވިސްނާލާފައި ދެންނެވެން އޮތީ ދިވެހި މުޖުތަމަޢުގައި ޢާއްމުވަމުންދާ އަޚުލާޤީ މަސްއަލަ ތަކާއި، ދިވެހި ޤައުމީ އެއްބައިވަންތަކަމުގެ ކިއްލާގައި ރެނދު އެޅުމުގެ މައިގަނޑު ސަބަބުތައް ގުޅިފައިވަނީ ޤައުމުގައި ހުރި ވަރަށް ކުދިކުދި ކަންތައްތަކަކާއެވެ. އަޚުލާޤީ އަދި އިޖުތިމާޢީ މަސްއަލަތަކުގެ ފެށުން ގުޅިފައިވާ އެއްކަމަކީ ޅަޒުވާނުންގެ ތަރުބިއްޔަތެވެ. އެހެންކަމުން މުޖުތަމަޢަށް ބޭނުންވާ ހަރުދަނާ ޒުވާނުން އުފައްދަން ހުރި މަރުކަޒުތައް ކަމުގައިވާ ރާއްޖޭގެ މަދަރުސާ ތަކުގައި ކިޔަވާ ދަރިވަރުންގެ އުޅުން ރަގަޅުކޮށް، އެދަރިވަރުންނަކީ ޤައުމަށް ބޭނުންވާފަދަ ދަރީންތަކަކަށް ހެދުމަށް ތަޢުލީމީ ވުޒާރާގެ ސިޔާސަތު ތަކަށް އިޞްލާޙު ގެންނަންޖެހެއެވެ. ދަރިވަރުންގެ ޔުނިފޯރމްގެ މިންގަނޑާއި ސްކޫލުގައި ހިންގޭ ޙަރަކާތްތައް އިސްލާމް ދީނުގެ ގިއުގަނޑުގެ ތެރެއަށް ފައްތަންޖެހެއެވެ. މިއަދު ފެށޭ ދިރާސީ އާއަހަރު ސްކޫލުތަކުގެ ތަޞައްވަރު މުރާޖަޢާ ކުރަންޖެހެއެވެ. އެކަމަށްޓަކައި އެކްޓިވީޓީސް ކަލަންޑަރު ބަދަލު ކުރަން ޖެހޭނަމަ އެކަން ކުރުން މުހިމުވެސް މެއެވެ. ސްކޫލުތަކުގައި ކިޔަވާ ކުދީންގެ މެދުގައި އޮންނަ ވާދަވެރިކަމަކީ ވަކި އިންތަކެއް ކަނޑައެޅިފައިވާ ޙުދޫދެއްގައި އޮންނަ ވާދަވެރިކަމަކަށް ހަދަން އެބަޖެހެއެވެ. ކޮންމެ އިންސާނަކީވެސް ތަފާތު މީހެއްކަމާއި، ކޮންމެ ފަރުދަކީވެސް އިޙުތިރާމް ކުރަންޖެހޭ މީހެއްކަން ދަސްކޮށްދީ، ގަނާ ކުރުމުން ސަލާމަތް ވެފައިވާ ވެށްޓަކަށް ސްކޫލު މާޙައުލު ހަދަންޖެހެއެވެ.
ކިޔަވާ ކުދީންނަކީ ތަފާތު ކަންތައްތަކުގައި އުފެއްދުންތެރި ޚިޔާލުތަކާއެކު އެހެން މީހުންގެ ފިކުރުތަކަށް އިޙުތިރާމް ކުރާ ބަޔަކަށް ހަދަންޖެހެއެވެ. ދަރިވަރުންނަކީ އަމިއްލަ މަޞްލަޙަތަށްވުރެ ސްކޫލު މަޞްލަޙަތާއި އެކުވެރީންގެ ޙައްޤުތަކަށް ލޯބިކުރާ ކުދިބަޔަކަށް ހަދަން އެބަޖެހެއެވެ. ކުރުކޮށް ދަންނަވާނަމަ މިޒަމާނުގެ ޑިމޮކްރަޓިކް އުޞޫލުތަކަކީ ދަރިވަރުން އެއަށް އަހުލުވެރިވެފައިވާ ރަޙުމަތްތެރި، އެކުދީން ހޭނިފައިވާ ހަމަތަކަކަށް ހަދަން އެބަޖެހެއެވެ. ދިވެހިން ކުރިމަގަށްޓަކައި ކުރާ އުއްމީދު ތަކުގައި ހަޤީޤީކުލަ ޖެއްސުމަށްޓަކައެވެ. ދިވެހި ޤައުމިއްޔަތާއި ދިވެހީންގެ ދީނުގެ ސަލާމަތަށްޓަކައެވެ. އާ ޢަޒުމަކާއެކު މިދެންނެވި އަމާޒަށް މަސައްކަތް ފަށައިގަންނަން މިއަދަށްވުރެ ވަކި މުނާސިބު ދުވަހެއް ކަލަންޑަރުގައި ނެތްކަން ޔަޤީނެވެ.
Varath reethi
ސަފުއާން މެންފަދަ ޒިންމާދާރު ގައުމަށް ހެޔޮއެދޭބޭފުޅުންގެ ފަރާއްޕުޅުމް މިފަދަ މައުޟޫޢުތަކަށް ލިޔުމީ ގައުގެ ދަރިން ހޭލުންތެރިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ދެކެން....
Nice article
Haiaraaneh nuvaanetha dhivehiraajjeah adhi mufurunee jumla 8 aharudhoow