ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. ތިނަދޫގެ 50 އަށްވުރެ ގިނަގެއަށް ފެން ވަދެފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ކައުންސިލްގެ ރައީސް އިބްރާހީމް އައްސަދު ވިދާޅުވީ އޭގެ ތެރެއިން ދިހަ ވަރަކަށް ގެއެއްގެ ބަދިގޭގައި ފެންބޮޑުވެ ކައްކައި ނުކެވޭ ވަރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ގެއަކުން މީހުން ބަދަލުކުރަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. "އެއްވެސް ގެއަކުން މީހުން ބަދަލުކުރާކަށް ނުޖެހޭ. އެންމެ ކޮޓަރިއެއް ސަލާމާތުން ހުއްޓަސް މީހުންދަނީ މެނޭޖުކުރަމުން. މިރަށްރަށް މާލޭގެ ގޮތެއްނުވާނެ. ތިމާގެ މީހުންގެ އެހީތެރި ކަމާއެކު ކަންކަން މެނޭޖުކުރަމުންދަނީ،" އޭނާ ވިދާޅުވިއެވެ.
އައްސަދު ވިދާޅުވީ ފެންބޮޑުވި ގެތަކުގައި ވެލިބަސްތާ ޖެހުމާއި، ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުންނާއި، ޕަބްލިކް ވޯކްސްއާއި، ރަށު ކައުންސިލާއި ޢާއްމުން ގުޅިގެން ކުރަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް ޕަބްލިކް ވޯކްސްގައި ގެންގުޅޭ ޕަންޕުތަކާއި ބައެއް ވެހިކަލްތަކާއި ސަމާނުތައް ހަލާކުވެފައިވާތީ އެތަނުގެ ސާމާނުގައި އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު ސަރުކާރަށް ގޮވާލަން އެތަކެތި ވީހާވެސް އަވަހަކަށް މަރާމާތުކޮށްދެއްވުމަށް. އޭރުން އަވަސް ސްޕީޑުގައި މަސައްކަތް ކުރެވޭނީ،" އައްސަދު ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ތިނަދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ގެއްލުންވެ، އަދި ގިނަ މަގުތަކެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން ސަދަން އޭރިއާގެ ސިފައިން، ރެއިން ފެށިގެން ގެންދަނީ ރައްޔިތުންނަށް އެހީތެރިވަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ތިނަދޫގެ އެކި ހިސާބުތަކުގައި ހެދިފައިވާ ފެންގަނޑު ހިންދުމަށް، އެމްއެންޑީއެފް ސަދަން އޭރިއާ، ގދ. ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން، ރޭ ދަންވަރު 3:00 އެހައިކަންހާއިރުން ފެށިގެން ޕަންޕު ބަހައްޓައިގެން ދިޔައީ މަސައްކަތް ކުރަމުން ކަމަށްވެސް ވިދާޅުވެފައިވެއެވެ. ސިފައިން ކުރި މަސައްކަތުން ރޭގެ މެންދަމާއި ހަމައަށް 99 އިންސައްތަ ސަރަހައްދުތަކުގެ ފެން ހިންދާލެވިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެފައވެއެވެ. އެހެން ނަމަވެސް އަނެއްކާ ވެސް ރޭ ވާރޭ ވެހުމުގެ ސަބަބުން އިތުރަށް ރަށުގައި ފެންބޮޑުވެފައިވާތީ، އެރަށުގެ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ހުއްޓާނުލައި މިހާރު ވެސް ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިއަދު ހެނދުނާ ހަމައަށް އެރަށުގެ އުތުރު ފަރާތުގެ ދެ ސަރަޙައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތްކޮށްފައިވެއެވެ. އަދި މިއަދު މެންދުރުން ފެށިގެން އަބޫބަކުރު ސްކޫލު ކައިރީގައި ފެން ހިއްކުމުގެ މަސައްކަތް ސިފައިން މިހާރު ވެސް ދަނީ ކުރަމުން ކަމަށް ވިދާޅުވެފައިވެއެވެ.
ސިފައިންވަނީ ދެ ގެއެއްގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މިއަދު ކޮށްފައެވެ. ފެން ވަންނަމުންދާ އިތުރު ގެތަކުގައި ވެލި ބަސްތާ ޖެހުމަށް ސިފައިން ދަނީ ތައްޔާރުވަމުން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާއާ ގުޅިގެން ރައްޔިތުންނަށް ދިމާވަމުންދާ އެހެނިހެން ދަތިތައް ކުޑަކުރުމުގެ ގޮތުން ވެސް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިވަގުތު އެރަށަށް ވާރޭނުވެހެއެވެ. އެހެންނަމަވެސް އަދިވެސް އޮތީ ވިއްސާރަކޮށް ކަމަށް އައްސަދު ވިދާޅުވިއެވެ.