ހިންމަލާ ފެސްޓިވަލްގެ ސަބަބުން އެކުވެރިކަން ބަދަހިވާނެ ކަމަށް އުންމީދު ކުރަން: އައްޑޫފްރެންޑްސް

ހިންމަލާ ފެސްޓިވަލް ބާއްވާ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދަނީ: ފޮޓޯ ހަބީބު

ޑިސެމްބަރު 31 ވަނަ ދުވަހު އައްޑޫގައި ބާއްވާ "ހިންމަލާ ފެސްޓިވަލް 2018 ގެ ސަބަބުން ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިންތިޒާމް ކުރާފަރާތްތަކުން ބުނެފިއެވެ.

މިއީ އައްޑޫގެ 10 ޖަމިއްޔާއިން ގުޅިގެން ބާއްވާ ފެސްޓިވަލެކެވެ. މުޅި ފެސްޓިވަލް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވަނީ "އައްޑޫ ފްރެންޑްސް" ކަމަށް އެތަނުން ބުންޏެވެ.

މިފެސްޓިވަލް އޮންނާނީ މިމަހުގެ 31 ވަނަދުވަހު ހަވީރު 4:00 އިން އެރޭ 12:00 އަށް އައްޑޫ ހިތަދޫ ސްވިމިން ޓްރެކް ސަރަޙައްދުގައެވެ. ފެސްޓިވަލްގެ މަޤުސަދަކީ ވެސް މީހުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކޮށް ބަދަހިކުރުމެވެ.

އައްޑޫ ފްރެންޑްސްގެ ފަރާތުން ވާހަކަ ދެއްކެވި އަލްއުސްތާޛު ޙުސައިން ޙަބީބު ވިދާޅުވީ މިފެސްޓިވަލުގައި ތަފާތު ޙަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެންމެ ފޯރިއާއެކު ކުރިއަށްދާނެ ކަމަށް ބެލެވެނީ މަސްރޭސް އެވެ. މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އެންމެނަށް ހުޅުވައިފައެވެ. ބައިވެރިވާން ބޭނުންވާ ކޮންމެ ޓީމަކުން 400 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. ކޮންމެ ޓީމެއްގައި ހިމަނަންވާނީ 4 މެމްބަރުންނެވެ. އެއްވަނައަށްދާ ޓީމަކަށް ފަސް ހާސް ރުފިޔާ ލިބޭނެއެވެ. އެންމެބޮޑު ހަނދިމަހެއް ބާނާ މީހަކަށް ޓްރޮފީއެއް ލިބޭނެއެވެ. އެކަމަކު ބާނާ ހަނދިމަސް މަރައިގެން ނުވެއެވެ. ބޭނުމަށްފަހު މިންނަގައި މަސްޖެހޭނީ ދޫކޮށްލާށެވެ.

މަސްރޭހުގެ އިތުރަށް މޫދުކުޅިވަރާއި، ދުވުމާއި، މަގުމަތީ ބާޒާރާއި، ޢާއިލީ ހަވީރާއި އަދިވެސް އިތުރުކުޅިވަރު ހިމެނޭ ކަމަށް އައްޑޫ ފްރެންޑް އިން ބުންޏެވެ. ޢާއިލީ ހަވީރުވެސް ރާވަނީ ޢާއިލާގެ އެންމެންނަށް ބައިވެރިވެވޭ ގޮތަށް ކަމަށް އެތަނުންބުންޏެވެ.

ފެސްޓިވަލް ކުރިއަށްދާއިރު އެސަރަޙައަދުގައި ވިޔާފާރިކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް ސްޓޯލް ދޫކުރަމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ. މީގެ އިތުރަށް ފެސްޓިވަލް ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ވަނީ ހުޅުވައިލައިފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.