މުސްތަފާގެ އިންޒާރު- ޚަބަރުދާރު މަށަށް ބިރުދައްކަން ނޫޅޭތި

އެމްޑީޕީން ވަކިކޮށްފާނެތީ އެއްވެސް ވަރަކަށް ޖެހިލުންވެ ވަޑައި ނުގަންނަވާ ކަމަށާއި އޭނާއަށް ބިރު ދައްކަން ނޫޅުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާއަކީ އެއްވެސް ޕާޓީއަކާ ނުގުޅިވެސް މަޖިލީހަށް ކުރިމަތިލައްވައިގެން ގޮނޑި ކާމިޔާބުކުރެވޭނެ ހިތްވަރުހުރި ބޭފުޅެއް ކަމަށެވެ.

"ޚަބަރުދާރު! މުސްތަފާއަކީ އެމްޑީޕީން ކަނޑާލައިފާނެތީ ކުޑަވެސް ޖެހިލުންވާނެ މީހެއްނޫން. އެއްވެސް ޕާޓީއަކަށް ނުވަދެ މަޖިލީހަށް ކުރިމަތިލައި ގޮނޑި ކާމިޔާބު ކުރުމުގެ ހިތްވަރު މުސްތަފާގެ ކިބައިގައި ހުންނާނެ. ބިރުދައްކަން ނޫޅޭ،" މުސްތަފާ ކުރައްވައިފައިވާ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އޭނާ މިގޮތަށް ޓްވީޓް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕްރައިމަރީގައި އޭނާއަށް ވާދަނުކުރެއްވޭނެ ކަމަށް ބުނެ އެ ޕާޓީއަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. ޝަކުވާގައި ބުނެފައިވަނީ މަޖިލީހަށް ހޮވިއްޖެނަމަ ޕާޓީން ވަކިނުވާނެ ކަމަށް މުސްތަފާ ލައްވައި އިޤުރާރެއްގައި ސޮއި ކުރުވުމަށެވެ.

އެންމެފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި އޭނާ މަޖިލީހަށް ވަދެވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓުގައެވެ. އެހެންނަމަވެސް ފަހުން އޭނާވަނީ ޕާޓީ ބަދަލުކޮށް ޕީޕީއެމާ ގުޅިވަޑައިގެންފައެވެ. އެހެންކަމުންނާއި ޕާޓީގެ އިންތިޚާބާ ބެހޭ ޤަވާޢިދަށް ބަލާއިރު ދެހާސް ނަވާރަ ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު މުޙައްމަދު މުސްތަފާއަށް ލިބިގެނެއް ނުވޭ،" ޝަކުވާގެ ސިޓީގައި ބުނެފައިވެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ޝަކުވާތައް ބަލާ ކޮމިޓީން މިހާރު ވަނީ މުސްތަފާއަށް ޕްރައިމަރީގައި ވާދަކުރެވޭނެ ކަމަށް ނިންމައިފައެވެ. އެ ކޮމިޓީން ބުނެފައިވަނީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މުސްތަފާއަށް ހަނި ނުކުރެވޭނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.