ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް ވަދެގެން އުޅުނު ބޯޓެއް އަތުލައިގެންފި

ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެނެސްފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މި ބޯޓު ފެނިފައިވަނީ "ވާދީ" ނަމަކަށްކިޔާ މަސްދޯންޏަކަށެވެ. އެދޯންޏަށް ބޯޓު ފެނުމުން ވަގުތުންވަނީ އެމްއެންޑީއެފަށް ރިޕޯޓުކޮށްފައެވެ. ވާދީއަށް އެބޯޓު ފެނިފައިވަނީ ގދ.ގައްދޫގެ އިރު ދެކުނުން 42 މޭލު ބޭރުންނެވެ. އެއީ ސްރީލަންކާއަށް ނިސްބަތްވާ "އޮޝާދީ 1" ނަމަކަށް ކިޔާ ބޯޓެކެވެ.

ވާދީ ދޯނިން އެމްއެންޑީއެފަށް އެ މަޢުލޫމާތު ދީފައިވަނީ އިއްޔެ މެންދުރު ފަހު 1:12 އެހައިކަންހާއިރުއެވެ.

މި މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް އެސަރަހައްދަށް ދިޔައެވެ. އަދި އެމްއެންޑީއެފް ސަދަން އޭރިއާ  ކޯސްޓްގާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް އެ ބޯޓު ގެނެސްފައި ވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރުއެވެ. އެ ބޯޓް ބަލާ ފާސްކުރިއިރު، އޭގައި ސްރީލަންކާގެ 6 މަސްވެރިން ތިއްބި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ބޯޓު، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ރޭ 23:40 ގައި ޏ.ފުވައްމުލަކަށް  ގެންގޮސް، މޯލްޑިވްސް ޕޮލިސް ސަރވިސް އާ ވަނީ ހަވާލުކޮށްފައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.