ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތުމުން 9 ދާއިރާގެ އެމްޑީޕީ ޓިކެޓް ކަށަވަރު ވެއްޖެ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ހޯދުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން 9 ދާއިރާއަކަށް އެންމެ ކެންޑިޑޭޓެއް ކުރިމަތި ލުމުގެ ސަބަބުން 9 ދާއިރާގެ އެމްޑީޕީގެ ޓިކެޓް އެ 9 ބޭފުޅުންނަށް ކަށަވަރު ވެއްޖެއެވެ.

9 ދާއިރާގެ އެމްޑީޕީގެ ޓިކެޓު ޕްރައިމަރީގައި އެއްވެސް ވާދަވެރިޔަކު ނެތުމުން ކަށަވަރުވި ކެންޑިޑޭޓުންގެ ތެރޭގައި މިހާރުވެސް އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވެފައިވާ ބަޔެއް މެމްބަރުން ހިމެނެއެވެ. އޭގެތެރޭގައި  ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތިޔާޒް ފަހުމީ (އިންތި) ގެ އިތުރުން އަލިފުށީ ދާއިރާގެ މެމްބަރު މުޙަންމަދު ރަޝީދު ޙުސައިން (ބިގޭ) ހިމެނެއެވެ.

މިތިން މެމްބަރުންގެ އިތުރުން ޕްރައިމަރީގައި ވާދަކުރާނެ އިތުރު މީހަކު ނެތުމުގެ ސަބަބުން އެމްޑީޕީގެ މަޖިލިސް ޓިކެޓް ކަށަވަރުވި އެހެން ކެންޑިޑޭޓުންނަކީ ހޯރަފުށީ ދާއިރާގެ ޓިކެޓް ކަށަވަރުކުރި ރާއްޖެ ޓީވީގެ ޙިއްސާދާރެއް ކަމަށްވާ އަޙްމަދު ސަލީމް (ސައްލެ)، ބާރަށު ދާއިރާއަށް ކުރީގެ މަޖިލިސް މެމްބަރު އަޙްމަދު އަބްދުﷲ، ދިއްދޫ ދާއިރާއަށް އަބްދުﷲ ވަޙީދު، މިލަންދޫ ދާއިރާއަށް ކުރީގެ މެމްބަރު އަލީ ރިޒާ، މަހިބަދޫ ދާއިރާއަށް އަލީ އަޙްމަދު، ފުއައްމުލަކު އުތުރު ދާއިރާއަށް މުޙަންމަދު ރަޝީދުއެވެ.

މަޖިލިސް އިންތިޚާބުގައި 87 ދާއިރާގެ ތެރެއިން 86 ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓުން ނުކުންނައިރު ޕްރައިމަރީގައި ޓިކެޓަށް ކުރިމަތިނުލާ ހަމައެކަނި ދާއިރާއަކީ ނިލަންދޫ ދާއިރާއެވެ. 9 ކެންޑިޑޭޓަކަށް މަޖިލިސް ޓިކެޓް އެމްޑީޕީން ކަށަވަރުވީއިރު އެހެން ހުރިހާ ދާއިރާއެއްގައިވެސް ޕްރައިމަރީ އޮންނާނެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.