މިހާރު ބަލަމުންދާ މައްސަލަތައް މިމަހު އިޢުލާން ކުރާނަން: ކޮމިޝަން

މަރާލެވިފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޓިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް

ވަގަށް ނަގާފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން ރައީސް އުފައްދަވައިފައިވާ ރިޔާސީ ކޮމިޝަނުން މިހާރު ބަލަމުންދާ މައްސަލަތަކުގެ ލިސްޓު މިމަހު 27 ވަނަ ދުވަހު ޢާއްމު ކުރައްވާނެ ކަމަށްއެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެކޮމިޝަނުގެ އަމާޒަކީ ކުރިއަށްއޮތް ތިންމަސްތެރޭ އެމައްސަލަތައް ބައްލަވައި ނިންމެވުން ކަމަށެވެ. "ކޮމިޝަނުން ބަލަމުން ގެންދާ މައްސަލަ ތަކުގެ ލިސްޓެއް ޑިސެމްބަރ 27 ގައި އިޢުލާން ކުރެވޭނެ. ކޮމިޝަންގެ އަމާޒަކީ މިހުރިހާ މައްސަލައެއް ކުރިއަށްއޮތް ތިންމަހުގެ ތެރޭގައި ނިންމާލުން،" އެކޮމިޝަންގެ ޓްވޓުގައި ވިދާޅުވެފައިވެއެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ މިކޮމިޝަންގެ ރައީސަކީ ކުރީގެ ބަންޑާރަ ނާއިބު ހުސްނުއްސުޢޫދެވެ. އޭނާ ކުރިން ވިދާޅުވެފައިވަނީ އެ ކޮމިޝަނުން މައްސަލަތައް ތަޙުޤީޤުކޮށް ނިންމެވުމަށް 2 އަހަރު ދުވަހުގެ މުއްދަތެއް ކަނޑައަޅައިފައިވިޔަސް އެއަށްވުރެ ކުރިން މައްސަލަތައް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެކޮމިޝަނުން މިހާރު ގެންދަވަނީ މަސައްކަތްތައް ފަށްޓަވައި އެކި މީހުން އަތުން ބަޔާންތައް ނަންގަވައިފައެވެ. އޭގެ ތެރޭގައި މިނިސްޓަރުންނާއި ޢާއްމުން ވެސް ހިމެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.