ރާއްޖެ ވަނީ ބޭރުގެ ވިޔަފާރިތަކަށް ހުޅުވާލެވިފައި: ރައީސް

ބޭރުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުމަށް ރާއްޖެއިން މަރުޙަބާކިޔާކަމަށާއި، ރާއްޖެވަނީ ބޭރުގެ ވިޔަފާރިތަކަށް ހުޅުވާލެވިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްޙޫރިއްޔާ މިހެން ވިދާޅުވެފައިވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް އިންޑިޔާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރާމާނަ ދަތުރުފުޅުގައި އިންޑިޔާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި މިހާރު ހުރި ވިޔަފާރީގެ ފުރުޞަތުތަކާބެހޭ މަޢުލޫމާތު އިންޑިޔާގެ ވިޔަފާރިވެރިންނާ ޙިއްޞާކުރައްވާފައެވެ.

ރައީސް ވިދާޅުވީ އިންޑިޔާއަކީ ހަމައެކަނި ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ ނޫންކަމަށެވެ. އޭގެ އިތުރަށް އެޤައުމަކީ ވިޔަފާރީގެގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ބައިވެރިޔާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން ރާއްޖެއާ އިންޑިޔާގެ ގުޅުން ބަދަހިވެފައިވަނީ ވިޔަފާރީގެ މައްޗަށް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ފަންސަވީހަކަށް އަހަރު ކުރިން ކުރަން ފެށި ބުރަ މިންނެތް މަސައްކަތުން އިންޑިޔާއިން ކާމިޔާބުކަމާއެކީ ބިނާކޮށްފައިވާ މިނިވަން އިޤްތިޞާދަކީ ތަޢުރީފު ޙައްޤު މަސައްކަތެއް ކަމަށެވެ. އަދި، މިއަދު ރާއްޖެއަކީ ވެސް ހަލުވިކަމާއެކު ތަރައްޤީ ވަމުން އަންނަ އިޤްތިޞާދެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއިން އަންނަނީ ފަތުރުވެރިކަމާއި، އުމްރާނީ ވަޞީލަތްތަކުގެތެރޭގައި ހިމެނޭ ސަރަޙައްދީ އެއަރޕޯޓުތަކާއި ހާބަރު ފަދަ ތަންތަން ތަރައްޤީކުރުމުގައި އާ އިންވެސްޓަރުން ހޯދަމުން ކަމަށް ވެސް ރައިސް ވިދާޅުވިއެވެ. މިގޮތުން ބޭރުގެ ފަރާތްތަކަށް މިފަދަ ކަންކަމުގައި އިންވެސްޓްކުރުމަށާއި ވިޔަފާރިތައް އަމިއްލަކުރުމުގައި އެއްވެސް ހުރަހެއް ރާއްޖޭގައިނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ބޭރުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުމުގައި ބޭނުންވާނެ ހުރިހާ ޤާނޫނީ ރައްކާތެރިކަމެއް ފޯރުކޮށްދިނުމަށް ރާއްޖެއޮތީ ތައްޔާރަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިންޑިޔާގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިޔާގެ ބައެއް ވިޔަފާރި ކުންފުނިތަކުގެ ސީ.އީ.އޯއިންނާ ވަކިން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.