ޞިއްޙީ ކުއްލި ޙާލަތުގައި އިންޑިއާއިން މެޑިކަލް ވިސާ ހަމަޖެހޭނެ: ރައީސް

އިންޑިއާއާއެކު ސޮއިކުރައްވާ ވިސާގެ އެއްބަސްވުމުގެ ދަށުން ބޭސްފަރުވާއާއި، ޓޫރިޒަމާއި، ވިޔަފާރިއާ ގުޅޭ ކަންކަމަށް ކޮންމެ 6 މަހަކުން 90 ދުވަހުގެ ވިސާ ހަމަޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ އެންމެބޮޑު އެއް މައްސަލައަކީ ވިސާގެ މައްސަލަކަމަށެވެ.

"އަޅުގަނޑުގެ މިދަތުރުގައި، އިންޑިޔާއާއެކު ސޮއިކުރާ ވިސާގެ އެއްބަސްވުމުގެ ދަށުން، ބޭސްފަރުވާއާއި ޓޫރިޒަމާއި ވިޔަފާރިއާ ގުޅޭ ކަންކަމަށް، ކޮންމެ ހަ މަހަކުން 90 ދުވަހުގެ ވިސާ ލިބޭނެ. ޓޫރިސްޓު ވިސާގައި އެތެރެވުމަށް ފަހުވެސް، ޞިއްޙީ ކުއްލި ޙާލަތެއް މެދުވެރިވެއްޖެ ނަމަ، އެމީހަކަށާއި އެހީތެރިންނަށްވެސް މެޑިކަލް ވިސާ ހަމަޖެހޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތަޢާރަފް ކުރުމަކީ،  ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިހާރު ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންނަށް، ލުއިފަސޭހަ ގޮތަކަށް، ލޯނު އަނބުރާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް، ސަރުކާރުން މަސައްކަތްކުރަވަމުން ގެންދަވާ ކަމަށެވެ.

އިންސާނީ ވަސީލަތުގެ ގޮތުން، ރާއްޖޭގެ ތަރައްޤީގައި އިންޑިޔާގެ ޙިއްޞާ  ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާ، ތަރައްޤީވުމުގައި، އިންޑިޔާ އަދާކޮށްފައިވަނީ، ޝުކުރުވެރިވުން ޙައްޤު ދައުރެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރަށް ވިޔަފާރީގެ ގޮތުން ވެސް ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތީ ވަރަށް ޒަމާންވީ، ވަރަށް ބަދަހި ގުޅުމެއްކަމަށް ވިދާޅުވިއެވެ.

 މިބައްދަލުކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނާއި އެބޭފުޅުންގެ ޢާއިލާތަކާއި އަދި ކިޔަވާ ކުދިންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަކިވަކިން ބައްދަލުކުރައްވައި އެބޭފުޅުންގެ ހާލުއަހުވާލު އޮޅުންފިލުއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.