ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރެއްވީ ފައިސާގެ މައްސަލަ ތަކެއްގައި

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމު ފުލުސް އޮފީހަށް މިއަދު ހާޒިރު ކުރެއްވީ އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވާ ފައިސާ ތަކެއްގެ މައްސަލައިގައި ކަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ފުލުސް އޮފީހަށް ވަޑައިގެންނެވުމުން އެތަނުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވުމަށްފަހު ނުކުމެވަޑައިގެން އެމަނިކުފާނު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ފުލުހުން ސުވާލު ކުރެއްވީ އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވާ ފައިސާއާ ބެހޭ ގޮތުން ކަމަށެވެ.

"އަޅުގަނޑު ދެންނެވިން އަޅުގަނޑުގެ ކެމްޕޭން އެކައުންޓަށް ވަދެފައި ތިޔަހުރި ފައިސާއަކީ ހަމައަޅުގަނޑުގެ ފައިސާއޭ. ކެމްޕޭނަށް ލިބުނު ފައިސާއޭ. އެހިސާބުން އެބޭފުޅުން ސުވާލު ކުރެއްވީ އެމްއެމްޕީއާރުސީގެ އެއް މިލިއަން ޑޮލަރެއްގެ ވާހަކަ. އަޅުގަނޑު ދެންނެވިން އެކަންވަނީ އޭސީސީން ތަޙުޤީޤުކޮށް ނިންމައިފައޭ. އޭސީސީން ހުރިހާ މަޢުލޫމާތެއް ގެންދަވާށޭ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ އެއްމިލިއަން ޑޮލަރަކީ މިހާރު އޭސީސީގެ ޙަވާލުގައި ނުވަތަ އެތަނުގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި ފައިސާ ކަމަށްވެސް ދެންނެވި ކަމަށެވެ. އެހެން ކަމުން ފުލުހުން މިއަދު ސުވާލު ކުރެއްވީ މާލީ ކަންތައްތަކާ ގުޅިގެން ކުރެއްވި ދެ ސުވާލު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް އުނދަގޫވޭ އަޅުގަނޑުގެ އެކައުންޓުގައި ފައިސާ ހުރެގެން އަޅުގަނޑާ ސުވާލުކުރައްވާތީ. އެއީ އަޅުގަނޑެއް ނޫން ހަމައެކަނި މިފަހަރުގެ ކެންޑިޑޭޓަކީ. އަޅުގަނޑަކީ ހަމައެކަނި ކެންޑިޑޭޓެއްނޫން. ދެންވެސް އެހެން ކެންޑިޑޭޓަކު އެބަހުންނެވި. ހެންވީމާ ކެންޑިޑޭޓުން ހޭދަކުރާ ފައިސާގެ މަޢުލޫމާތު ހޯއްދަވަންޏާ އިންސާފުވެރިވާނީ އަނެއް ކެންޑިޑޭޓުވެސް ހޭދަކުރެއްވި ފައިސާގެ ޢަދަދުވެސް އެހިއްޔާ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައިސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ކޮށްފައިވާ މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް އެމަނިކުފާނު މިއަދު ހަނދުމަފުޅު ނެތުނީ ކަމަށެވެ. އެހެންވެ އެވާހަކަ ނުއައްސަވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓުގައި މިލިއަން މިލިއަން ފައިސާ ނަތަސް ވިއްސަކަށް މިލިއަން ހުރެދާނެ ކަމަށެވެ. ކެމްޕޭން އެކައުންޓަކީ 400 މިލިއަނާ ހަމައަށް ފައިސާ ޖަމާ ކުރެވޭ އެކައުންޓެއް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. "ރިޔާސީ އިންތިޚާބެއް ކިހިނެއްތޯ ވިއްސަކަށް މިލިއަން ރުފިޔާ އިން ނިމޭނީ. އެކަމަކު އަޅުގަނޑަށް ހީވަނީ އެ އެކައުންޓްގައި ހުންނާނީ ގިނަވެގެން ވިއްސަކަށް މިލިއަން ރުފިޔާހެން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވާ ފައިސާއަކީ ގޯސްކޮށް ވަދެފައިވާ ފައިސާ ކަމަށް ނުވަތަ ނޫންކަމަށް ތަޙުޤީޤީ އިދާރާތަކުން މިހާރު ހުންނަންވާނީ ބައްލަވައިފައި ކަމަށް ޤާބޫލު ކުރައްވާ ކަމަށެވެ. އެކަމަކު އެ ފައިސާ ވަދެފައިވަނީ ގޯސްކޮށް ކަމަށް ފުލުހުން ވިދާޅުނުވާކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ އަރިހުގައި ފުލުހުސް އޮފީހަށް ވަޑައިގެންނެވި އަލްއުސްތާޒާ ޢާޒިމާ ޝަކޫރު ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕޭން އެކައުންޓަށް ވަދެފައިވާ ފައިސާ މައްސަލައަކަށްވީ ސަބަބެއް ފުލުހުންނަށް ވިދާޅުވެދެއްވައިފައި ނުވާކަމަށެވެ. "އެއްވެސް ޓްރާންސެކްޝަނެއްގައި ޝައްކުވަނީ ކީއްވެގެން ކަމެއް އަދި އެކަމުގައި ޖިނާޢީ އަމަލަކީ ކޮބައިކަން ފުލުހުންނަކަށް ވިދާޅެއް ނުވެވޭ،" ޢާޒިމާ ވިދާޅުވިއެވެ. ޢާޒިމާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލައަކީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު ތަޙުޤީޤުކޮށް އޭސީސީން ނިންމާފައިވާ މައްސަލައެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް ފުލުހުން މިއަދު އެއްވެސް ކަމަކަށް ތުހުމަތެއް ނުކުރައްވާ ކަމަށެވެ. ފުލުހަށް ހާޒިރު ކުރެއްވީ މަޢުލޫމާތު ސާފު ކުރައްވަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިތުރު ކަމެއް ސާފުކުރަން ބޭނުންވާ ކަމަށް ވާނަމަ އަންގައިލައްވާނެ ކަމަށް ވެސް ފުލުހުން ވިދާޅުވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.