ރައީސް ޔާމީނަށް ގޯނާކުރުމަށް އެމްޑީޕީން ވަނީ ގޮވާލައިފައި: ޕީޕީއެމް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު މިއަދު ފުލުސް އޮފީހަށް ހިންގަވާފައި ވަޑައިގަންނަވާއިރު އެމަނިކުފާނަށް ގޯނާކޮށް ހުރަސް އެޅުމަށް އެމްޑީޕީގެ އިސް ފަރާތްތަކުން ގޮވައިލައިފައިވާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން ހިންގަވާފައި ފުލުސް އޮފީހަށް ވަޑައިގަންނަވާގޮތަށް ނިންމެވީ ސަޕޯޓަރުންގެ އެދުމުގެ ސަބަބުން ކަމަށެވެ. އެކަން އެގޮތަށްކުރާނެކަން ކުރިން ޕީޕީއެމުން ވަނީ އިޢުލާން ވެސްކޮށްފައި ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

"މި ނިންމުމާ ގުޅިގެން އެމްޑީޕީގެ އިސްފަރާތްތަކުން މިވަގުތު މި އޮފީސް ކައިރިއަށް މީހުން އެއްވުމަށް ގޮވާލައިފައިވާ ކަމަށާއި، އަދި އެމަނިކުފާނު ހިންގަވާފައި ވަޑައިގަންނަވާއިރު ގޯނާކޮށް ހުރަސް އެޅުމަށް މަސައްކަތްކުރުމަށް ގޮވާލަމުންދާ ކަމަށް ވެސް ފާހަގަ ކުރަމެވެ." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމުން ބުނެފައިވަނީ އެމްޑީޕީން އެގޮތަށް ޢަމަލުކުރަން ނިންމީ ހަމަނުޖެހުން ހިންގައި ކުރިމަތިލުމަކަށް މަގުފަހި ކުރުމަށް ކަމަށް އެޕާޓީ ދެކޭ ކަމަށެވެ. ސަރުކާރު ހިންގާ ޕާޓީގެ ގޮތުގައި އޮވެ އެގޮތަށް ޢަމަލު ކުރުމަށް އެންގުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށް ވެސް ޕީޕީއެމުން ވަނީ ބުނެފައެވެ.

ޕީޕީއެމުން ބުނެފައިވަނީ އެޕާޓީގެ ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރައްވަނީ ސިޔާސީ މަޤުސަދެއް ޙާސިލް ކުރަން ކަމަށެވެ. ރައީސް ޔާމީން ފުލުހަށް ވަޑައިގަންނަވާ ވަގުތާ ދިމާކޮށް ހަމަނުޖެހުން މަގުތައް ހަލަބޮލި ކުރުމަށް ގޮވާލުމުން އެކަން ކުށްވެރި ކުރާކަމަށް ވެސް ޕީޕީއެމުން ބުނެފައިވެއެވެ. އެހެންކަމުން "މިފަދަ ޑިމޮކްރެސީއާ ބީރައްޓެހި ޢަމަލުތައް ހުއްޓާލުމަށް މިޕާޓީން ގޮވާލަން،" ޕީޕީއެމުން ބުނެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.