ނޫސްވެރިކަމުން ސަރުކާރަށް އުނދަގޫ ވާހެންހީވާނަމަ ޙައްލަކީ އިތުރު މިނިވަންކަން ދިނުން: ރައީސް

ނޫސްވެރިކަމުން ސަރުކާރަށް އުނދަގޫ ވާހެންހީވާނަމަ ޙައްލަކީ ނޫސްވެރިންނަށް އިތުރު މިނިވަންކަން ދެއްވުން ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ފަންސާހާ ގުޅިގެން ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަ ކުރުމާއި، ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދަޢުލަތް ހަމަ މަގުން ހިންގުމަށް އެދޭ ނަމަ، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން ވެސް މިނިވަން ނޫސްވެރިކަމަށް ޖާގަ ދޭންޖެހޭކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ދުސްތޫރީ ޙަޔާތް ފެށިގެން އައީ ވެސް، ދިވެހި ނޫސްވެރިކަމުގެ މިނިވަން މާޙައުލެއް ޤާއިމުކޮށްދެމުންކަމަށެވެ. އެގޮތުން ދިވެހި ނޫސްވެރިކަމުގެ ހަޔާތުން 75 އަހަރު ފާއިތުވެގެން ދިޔައިރު، އޭގެ ތެރެއިން ދިގު މުއްދަތެއްގައި ދިވެހި ނޫސްވެރިކަން އޮތީ، ސަރުކާރު ކޮންޓްރޯލް ކުރާ އެއްޗެއްގެ ގޮތުގައިކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް މިސަރުކާރުން އެކަން ބަދަލުކުރައްވައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ފަހި މާޙައުލެއް ތަނަވަސްކޮށްދީ، މިނިވަންކަމާ އެކު ޚިޔާލު ފާޅުކުރެވޭނެ ވެއްޓެއް، ޤާއިމުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްވިއެވެ.

ރައީސުލްޖުލްޖުމްހޫރިއްޔާ ވިދާޅުވީ ޒަމާނީ ޑިމޮކްރެސީތަކުގައި ވެސް ނޫސްވެރިކަން އޮންނަނީ، ސެލްފް ރެގިއުލޭޓް ނިޒާމެއްގެ ގޮތުގައި ކަމަށެވެ. ދިވެހި ނޫސްވެރިކަމަށް ވެސް އެންމެ މަޞްލަޙަތު ހުރި ގޮތަކީ، ނޫސްވެރިން އަމިއްލައަށް އެމީހުންގެ އިންތަކާއި މިންތައް ކަނޑައަޅައިގެން ކުރިއަށް ދިޔުންކަމަށާއި އަޚްލާޤީ މިންގަނޑުތަކާއި ނޫސްވެރިކަމުގެ އުސޫލީ ހަމަތައް އެކަށައެޅުމަކީ ނޫސްވެރިންގެ އަމިއްލަ ޒިންމާއެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން، ފުރިހަމަ ގޮތުގައި ހިފުމުގެ ފަހި މާޙައުލެއް ޤާއިމުވެގެން ދިޔައީ، މިހާރުގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށި ހިސާބުން. އެހެން ނަމަވެސް، މިދިޔަ ފަސް އަހަރުގެ ތެރޭގައި، ޤާނޫނުތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ނޫސްވެރިކަން އޮތީ މަރާލާފައި. ސަރުކާރުގެ ބިރުދެއްކުންތަކުގެ ސަބަބުން، ނޫސްވެރިން ތިބީ އިންތިހާއަށް ކަންބޮޑުވެފައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި، މި ސަރުކާރަކީ، ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، ނޫސްވެރިން ފަހައި ދުވެ، ޤާނޫނުތަކުގެ މަޅީގައި ނޫސްވެރިން ޖައްސާނެ ސަރުކާރެއް ނޫންކަމަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މިނިވަން ނޫސްވެރިކަމަކީ، މި ސަރުކާރު ދެމިއޮތުމުގެ މައިބަދަކަމުގައި ވިދާޅުވިއެވެ.

"ނޫސްވެރިކަން ކުރިއަރުވައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް، ދެ ޤާނޫނަކުން ދެ މުއައްސަސާއެއް މިހާރު ވެސް އުފައްދާފައި އެބަ އޮތް. ނަމަވެސް އެ ދެ މުއައްސަސާ މެދުވެރިކޮށް ސަރުކާރުން، މިހާތަނަށް ކުރި ކަމަކީ، ތަފާތު ކަންކަމުގައި ނޫސްވެރިން ކުށްވެރިކޮށް ނޫސްވެރިކަމުގައި އަނދަގޮނޑި ޖެހުން. ނާޖާއިޒު ގޮތުގައި ޤާނޫނުތައް ބޭނުންކޮށް، ނޫސްވެރިކަން ގައިދުކޮށް ހިފެހެއްޓުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބޭއިންސާފާއި އަނިޔާވެރިކަމާ ދެކޮޅަށް، ނޫސްވެރިން ކުރި ހިތްވަރުގަދަ ޖިހާދަށް، އެމަނިކުފާނު ސެލިއުޓް ކުރައްވާކަމަށްވެސް މިރޭ ވިދާޅުވިއެވެ. ކުރީގެ ސަރުކާރުގެ ފަސާދަ އާއި ކޮރަޕްޝަންތަކާ މެދު، ރައްޔިތުން ހޭލުންތެރިކުރުވުމަށް، ނޫސްވެރިން ކުރި މިންނެތް މަސައްކަތަށް ސާބަސް ރައްދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރާ އިރު، އަޅުގަނޑުމެންނާ އަލްވަދާއު ކިޔާފައިވާ ދެ ނޫސްވެރިއެއްގެ ހަނދާން އައުކުރަންޖެހޭ. އެއީ ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން. އަދި ވަރަށް އިހާނެތި ގޮތަކަށް މަރާލާފައިވާ އިންޓަނެޓް ބްލޮގަރ ޔާމީން ރަޝީދު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މިނިވަން ނޫސްވެރިކަމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއް އަސާސްކަމަށާއި މި ސަރުކާރު ދެމިއޮންނާނީ ދިވެހި ނޫސްވެރިންނާ އެކުގައިކަމުގައެވެ. އަދި، މި ސަރުކާރު ކުރިއަށް ދާނީ، ބިނާކުރަނިވި ފާޑުކިޔުންތަކާ އެކުގައިކަމަށާއި، ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން ވެސް، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި އެމަނިކުފާނަށް މާ މުހިންމުކަމުގައި ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.