ގެދޮރުވެރި ކުރުވުމުގެ މައްސަލަ ބެލުމަށް ކޮމިޓީއެއް އުފައްދަވަނީ

ހިޔާ މަޝްރޫޢާއި، "ގެދޮރުވެރިކުރުމުގެ މަޝްރޫޢާއި، ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓާ  ގުޅިގެން ރައްޔިތުން ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބެއްލެވުމަށް ކޮމިޓީއެއް އުފައްދަވަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމވައިފިއެވެ.

ރައީސް އުފައްދަވާ 5 މެމްބަރުންގެ މިކޮމިޓީން މި މަޝްރޫޢުތަކާ ގުޅުންހުރި އެންމެހައި މައްސަލަތައް ދިރާސާކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ނިންމެވީ، މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުން އެރުވި ލަފާފުޅުގެ މަތިން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވުމަށް ނިންމަވާފައިވާ ކޮމިޓީގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި، "ގެދޮރުވެރިކުރުމުގެ މަޝްރޫޢު"ގެ ދަށުން ފްލެޓުތައް ދޫކޮށްފައިވަނީ އުސޫލުން ބޭރުންކަމަށް ބުނެ ސަރުކާރަށް ލިބެމުންދާ ޝަކުވާތައް ދިރާސާކޮށް، އެކަންކަމާމެދު އަމަލުކުރާނެ ގޮތެއްގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން އެޅުން ހިމެނޭ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. އޭގެ އިތުރަށް "ހިޔާ މަޝްރޫޢު"ގެ ދަށުން ފްލެޓު ލިބުނު ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ލިސްޓުތައް އަލުން ރިވިއުކޮށް، ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމާއި، ފްލެޓުތައް ދިނުމަށް އުސޫލުން ބޭރުން ކަންކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވި ފަރާތްތައް ހޯދައި، އެ ފަރާތްތަކާމެދު ޢަމަލުކުރާނެގޮތުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަކީވެސް މި ކޮމިޓީގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މީގެ އިތުރުން، "ހިޔާ" މަޝްރޫޢުއާއި، "ގެދޮރުވެރިކުރުން" މަޝްރޫޢު އަދި "ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓް" ގެ ދަށުން ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ރިވިއުކޮށް، ފްލެޓް ޙައްޤުވާ ފަރާތްތަކަށް އެންމެ އިންސާފުވެރިކޮށް ފްލެޓް ކަށަވަރުކޮށްދިނުމުގައި ވެސް ރައީސުލްޖުމްހޫރިއްޔާއަށް އެކޮމިޓީން ލަފާއަރުވާނެއެވެ.

"ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓް"ގެ ދަށުން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބިފައިނުވާ ފަރާތްތަކަށް ބަދަލު ދިނުމަށްވެސް، މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުންތަކަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރެއްވުމަށް ނިންމަވާފައިވާ ގެދޮރުވެރިކަމާ ގުޅޭ ވަޢުދުފުޅުތަކާ ގުޅިގެން ނިންމެވި ކަންކަން ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.