ހައުސިންގެ ބައެއް މަސައްކަތްތައް އައްޑޫސިޓީ ކައުންސިލާ ޙަވާލު ކޮށްފި

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުގެ ދަށުން ފޯރުކޮށްދެމުން ގެންދެވި ބައެއް ޚިދުމަތްތައް އައްޑޫސިޓީ ކައުންސިލާ ޙަވާލު ކުރައްވައިފި ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެމަސައްކަތްތައް އައްޑޫ ސިޓީ ކައުންސިލާ ޙަވާލުކުރެއްވިކަން އަންގަވައި އެމިނިސްޓްރީން ވަނީ ކައުންސިލަށް ސިޓީއެއް ފޮނުއްވައިފައެވެ. އެޚިދުމަތްތައް ދިނުމަށް މިނިސްޓްރީން ބޭނުންކުރެއްވި ތަންތަނާއި، ވަސީލަތްތަކާއި އެއްބަސްވުންތައް އައްޑޫސިޓީ ކައުންސިލާ ޙަވާލު ކުރައްވައިފައިވާ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

މިނިސްޓްރީން އައްޑޫ ސިޓީ ކައުންސިލާ ޙަވާލުކުރައްވައިފައިވާ ކަންކަމަކީ ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުމާއި، ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ ބިމާއި ސިޓީ ކައުންސިލްގެ ސަރަޙައްދުތެރޭގައި ހިމެނޭ ރަށްރަށުގެ ބިން ބޭނުންކުރުމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި އަވަށު އޮފީސްތަކުގެ މަޝްވަރާއާ އެއްގޮތަށް ޕްލޭނެއް އެކުލަވާލުމާއި، މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމެވެ.

އޭހެ އިތުރަށް ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުންމާއި، ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށް ގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމުތޮށްޓާއި ކަނޑުތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ލޭންޑް ޔޫސް ޕްލޭނާއި ތަޢާރުޒުނުވާ ގޮތުގެމަތިން ބިމާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތަކަށް ބިން ދޫކުރުމާއި ބިމާއި ޢިމާރާތްތައް ރަޖިސްޓަރީކުރުމާއި ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ޤަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން އެކިއެކި ފަރާތްފަރާތުން ބިންބިމާއި ގުޅޭގޮތުން ހިންގާ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑުތައް ބެލެހެއްޓުން ހިމެނެއެވެ.

އޭގެ އިތުރަށް މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުމާއި، މަގުމަތީގައި ފެންހިންދުމަށް ހަދާފައިވާ ކާނުތައް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުމާއި، ޕެސްޓް ކޮންޓްރޯލް ކުރުމެވެ.

އެކަންކަމުގެ އިތުރަށް ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ރަނގަޅަށް ހުރޭތޯ ބެލުމާއި، އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން ވެސް ވަނީ އައްޑޫ ސިޓީ ކައުންސިލާ ޙަވާލުކުރައްވައިފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ ހައުންސިންގ ގެދަށުން ހިނގަމުން އައި މިމަސައްކަތްތައް ކައުންސިލްގެ ދަށަށް ބަދަލުވިކަމުގައިވިޔަސް އެއްވެސް ޚިދުމަތަކަށް ބުރޫ ނާރައި އެޚިދުމަތްތައް ދެމުންގެންދިޔަ އޮފީސްތަކުން ޚިދުމަތް ލިބޭނެއެވެ.

ސިޓީ ކައުންސިލަށް ފުރިހަމަ ބާރު ދެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލީޙުގެ ރިޔާސީ ވަޢުދެކެވެ. އެމަނިކުފާނު ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމަށްފަހު ސިޓީ ކައުންސިލްތަކަށް ބާރު ދެއްވި ގޮތާމެދު އައްޑޫ ސިޓީ ކައުންސިލުން ކުރިންވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.