ރައީސް، ނުވަ ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވައިފި

ނުވަ މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒްގެ މަޤާމަށް، ގަލޮޅު ޗާންދަނީމާގެ، ޙަސަން ޝުޖާޢުއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް، މައްޗަންގޮޅި ފްލޯރިފަރ، އިސްމާޢިލް ޢަލީމަނިކާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ހެންވޭރު ކީރަންމާގެ، މުޙައްމަދު ޢަލީއެއެވެ.

އޭނާގެ އިތުރަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމަށް، އައްޑުއަތޮޅު ހިތަދޫ، އާޒާދީގެ ޢަލީ ޞާލިޙާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަޤާމަށް ކޮޅުމަޑުލު ތިމަރަފުށީ އޯކިޑްމާގެ، އަޙްމަދު ރިޔާޟްއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް، ދަފްތަރު ނަންބަރު 4742، މުޙައްމަދު އަޙްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގް އެންޑް އަރބަން ޑިވެލޮޕމަންޓްގެ މަޤާމަށް، ދަފްތަރު ނަންބަރު 3851، އަޙްމަދު ނަޝީދެވެ.

އޭގެ އިތުރަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ މަޤާމަށް، މާފަންނު ފަޅުމަތީގެ، އަސްހަދު ޢަލީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް، ގަލޮޅު އޯޑެންސް ފަޒްނާ ޝާކިރެވެ.

ރައީސުލްޖުމްހޫރިއްޔާ މި 9 ބޭފުޅުން މަގާމަށް ޢައްޔަނުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.