މަސައްކަތް އަވަސްކޮށްލަ ދީފާނަންތަ؟ 1 ލައްކަ ޑޮލަރު އަސްލަމަށް ދޭނަން

ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙްގެ ސަރުކާރުގެ ވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ޕްރިޖެކްޓެއްގެ ކަންތައް އަވަސްކޮށްލައި ދެއްވައިފިނަމަ 1 ލައްކަ ޑޮލަރުގެ ރިޝްވަތެއް މީހަކު ހުށަހެޅުއްވި ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާރ މިނިސްޓަރު، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޝްހޫރު ވިޔަފާރިވެރިންތަކެއް ހިމެނޭ ޗަމްޕާ އާއިލާގެ އަލިފުޅު ތުއްތު ފައުންޑޭޝަނާއި މީރުފެންފުށި އައިލެންޑް ރިސޯޓް ގުޅިގެން ދިއްފުށީގައި ހެދި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ މީހަކު 1 ލައްކަ ޑޮލަރު ހުށަހެޅި މަޝްރޫއަކީ ސަރުކާރުން އެފަރާތާއެކު ކުރަން ނިންމާފައި އޮތް ނަމަވެސް އަދި މަސައްކަތް ނުފެށި އޮތް މަޝްރޫއެއް އަވަސްކޮށްލަ ދިނުމަށް އެދި ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އެގޮތަށް އެމީހާ މެސެޖު ކުރުމާއެކު ވަރަށް ބޮޑަށް ކޯފާއިސްކުރެވުނު ކަމަށެވެ. ސަބަބަކީ އެއީ މީގެކުރިން ދުވަހަކުވެސް މީހަކު މިނިސްޓަރު އަރިހުގައި ދައްކާފައިނުވާ ޒާތުގެ ވާހަކައެއް ކަމަށްވާތީ ކަމަށާއި އަދި އެގޮތަށް އެމީހާ އެބުނީ ކޮރަޕްޝަން ލައިގެން ކަންކަން ކުރުން އާންމު ވެފައި އޮތުމުން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

1 ލައްކަ ޑޮލަރުގެ ރިޝްވަތެއް މީހަކު ހުށަހެޅި ނަމަވެސް އެއީ ކޮންފަރާތަކުން ކަމާއި އަދި އެކަމުގެ އެއްވެސް ތަފްސީލެއް މި ރަސްމިއްޔާތުގައި މިނިސްޓަރު އިތުރަށް ވިދާޅުނުވެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.