ޢުމުން 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތިލެވޭ ގޮތް ހަދައިފި

ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެސް ވެރިކަމަށް ކުރިމަތިލެވޭ ގޮތަށް މަޖިލިހަށް ހުށަހެޅި އިސްލާހު މިރޭ ފާސް ކުރައްވައިފިއެވެ.

މިގޮތަށް ފާސްވުމުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމަށް ވެސް ވެރިކަމަށް ވާދަ ކުރެއްވޭނެއެވެ. އެއީ ވެރިކަމަށް މިހާތަނަށް ވާދަ ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން 65 އަހަރުވެފައިވާ ހަމައެކަނި ދެބޭފުޅުންނެވެ. އެ ޢުމުރުގެ ބޭފުޅުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭގޮތަށް ހެއްދެވީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރުއެވެ.

ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ) މި އިސްލާހު ގެންނަވައި 65 އަހަރުން މަތީގެ ބޭފުޅުންނަށް ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް ހެއްދެވީ 2015 ވަނަ އަހަރުއެވެ. އެ އިސްލާހު ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު ޢަލީ އާރިފެވެ. އެ ގޮތަށް އިސްލާޙު ކުރެއްވީ ސީދާ ރައީސް މައުމޫނާއި ޖޭޕީގެ ލީޑަރު ޤާސިމަށް ރައީސް ކަމަށް ވާދަ ނުކުރެވޭގޮތް ހެއްދެވުމަށް ކަމަށް ވެއެވެ.   ކުރިން އޮންނަ ގޮތުން 35 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެރިކަމަށް ކުރުމަތިލެވެއެވެ. މިރޭގެ އިސްލާހު ފާސްކުރުމުގެ ކުރިން އޮންނަނީ 30 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ރައީސް ކަމަށް ކުރިމަތިލެވޭ ގޮތަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.