ނަޝީދުގެ ޖަލުޙުކުމް ބާތިލް ކުރައްވައިފި

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރައްވައިފައިވާ 13 އަހަރުގެ ޖަލުޙުކުމް ސްޕްރީމްކޯޓުން ދެންމެ ބާޠިލް ކުރައްވައިފިއެވެ.

ސްޕްރީމް ކޯޓުން މިޙުކުމް ކުރެއްވުމުން ރައީސް ނަޝީދު މިނިވަންވީއެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ޢަބްދުﷲ މުޙައްމަދު ޤާނޫނާ ޚިލާފަށް ބަންދުކުރި ކަމުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ ކުރައްވައި އެ ދަޢުވާ ކޯޓުގައި ސާބިތުވުމުން 13 އަހަރަށް ޖަލަށް ލެއްވުމަށް އެމަނިކުފާނުގެ މައްޗަށް ކްރިމިނަލްކޯޓުން ޙުކުމް ކުރެއްވީ 2015 ވަނަ އަހަރު މާރިޗުމަހު 13 ވަނަދުވަހުއެވެ.

ރައީސް ނަޝީދުގެ މައްޗަށް އިއްވައިފައިވާ ޙުކުމް ސްޕްރީމްކޯޓުން ބާޠިލް ކުރެއްވީ އެ ޙުކުމް މުރާޖަޢާ ކޮށްދެއްވުމަށް އެދިވަޑައިގެން ޕީޖީ އޮފީހުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުއްވުމުން އެ މައްސަލަ ބެއްލެވުމަށްފަހުއެވެ. ޕީޖީ އޮފީހުން އެމައްސަލަ ހުށަހެޅުއްވުމުން ސްޕްރީމްކޯޓުން ވަނީ އެ މައްސަލަ ބައްލަވައި ނިންމަވަންދެން ރައީސް ނަޝީދުގެ ޙުކުމް ތަންފީޒު ކުރެއްވުން މަޑުޖައްސަވާލެއްވުމަށް އަމަރު ކުރައްވައި އެމަނިކުފާނު ދޫކުރައްވައިފައެވެ.

މި މައްސަލަ މިއަދު ބާޠިލް ކުރެއްވިޔަސް ކުރިން ހައިކޯޓާއި، ސްޕްރީމްކޯޓުން ވެސް ވަނީ ކްރިމިނަލްކޯޓުން ރައީސް ނަޝީދުގެ މައްޗަށް ކުރެއްވި ޙުކުމަށް ތާއިދު ކުރައްވައި އެކަން ދަމަހައްޓަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.