ސަރުކާރަށް ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ މައްޗަންގޮޅި ފާހި ފާޠިމަތު ޙިލްމީ އަވަހާރަވެއްޖެއެވެ.
އެކަމަނާ އަވަހާރަވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. މިވަގުތު ސްރީލަންކާގައި ހުންނެވި ފާޠިމަތު ޙިލްމީއަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެއްކަމަށްވާ ގަލޮޅު ޑޭޒީމާގޭ މުޙައްމަދު ޙިލްމީއާ ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ފޯނުން ގުޅުއްވާ ވާހަކަފުޅުދައްކަވަމުން، މި ޚަބަރު އެއްސެވީ ފުންހިތާމައާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ފާޠިމަތު ޙިލްމީއަކީ، ވަރަށް ދިގު މުއްދަތެއްގައި ސަރުކާރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ލިބިވަޑައިގެންނެވި ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން ފާޠިމަތު ޙިލްމީގެ ޢާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވާ ކަމަށާއި، ޢާއިލާގެ ހުރިހާ ބޭފުޅުންނަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
ފާޠިމަތު ޙިލްމީ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ރޭގެ ވަގުތެއްގައި ކޮލަމްބޯގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 76 އަހަރެވެ.
އަލްމަރްޙޫމާ ފާޠިމަތު ޙިލްމީއަކީ 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ އަދި ދެވަނަ ޕެންޝަން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 8 ސެޕްޓެންބަރު 1966 ގައެވެ. ފުރަތަމަ އަދާކުރެއްވީ ޙަމީދިއްޔާ މޮންޓެސޫރީ ސްކޫލްގެ ޓީޗަރެއްގެ ވަޒީފާއެވެ. އޭގެފަހުން، ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލުގެ ޓީޗަރުކަމާއި، އެ ސްކޫލުގެ ނާޒިރާކަމާއި އިސްކަންދަރު ސްކޫލުގެ ސްޕަވައިޒަރުކަން ކުރައްވާފައިވެއެވެ.
އަލްމަރުޙޫމާ ފާޠިމަތު ޙިލްމީއަކީ، ސަރުކާރުގެ ތަފާތު ދާއިރާތަކުގައިވެސް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ވަކީލު ކަމުގެ މަގާމާއި، ޕޯސްޓާބެހޭ ބައިގެ ޑެޕިޔުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުގެ ޑެޕިޔުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ދިވެހިރާއްޖޭގެ އަޑުގެ ސީނިއަރ ކޯޑިނޭޓަރުކަން ކުރައްވާފައިވެއެވެ. 17 ޖަނަވަރީ 2008 ގައި ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ޤައުމީ ކުތުބުޚާނާގެ ޑިރެކްޓަރ ކަމުގެ މަގާމުގައެވެ.
ފާޠިމަތު ޙިލްމީއަކީ، ކުޑަކުދިން ކިޔާހިތްވާކަހަލަ ފޮތް ސަރުކާރުން ގަބޫލުކުރައްވާ ފެންވަރަކަށް ދިވެހިބަހުން އެކުލަވައިލައްވައިގެން ސަރުކާރުން ދެއްވާ ޚާއްޞަ އިނާމުވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.