ދައުލަތުގެ ޚަޒާނާއިން ވަނީ އެތައް ބިލިއަން ރުފިޔާއެއް ގެއްލިފައި: ރައީސް

ރައީސް ޤައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ރައީސް އޮފީސް

ދައުލަތުގެ މާލީ ޙާލަތު މިހާރ މިވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ރާއްޖޭގެ ވެރިކަމާ މިއަދު ޙަވާލުވެ ވަޑައިގެންނެވި އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ ހަމައެކަނި ސިޔާސީ ބޭނުންތަކަށް، ހިންގަވައިފައިވާ އެތައް މަޝްރޫޢުތަކަކުން ދައުލަތަށް ލިބިފައިވާ ގެއްލުންތައް ވަރަށް ބޮޑު ކަމަށެވެ. އޭގެ އިތުރަށް ޚިޔާނާތާއި، އެކި ފަންތީގައި ހިނގި ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ދައުލަތުގެ ޚަޒާނާއިން އެތައް ބިލިއަން ރުފިޔާއެއް ވަނީ ގެއްލިފައި ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

[އިންސާފުގެ މަގަށް ކަންކަން ގެންދިޔުމަށްޓަކައި ކުރަންޖެހިފައި އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ، ދައުލަތުގެ އެކި މުއައްސަސާސަތަކުގައި އަށަގަނެ މޫލާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ޘަޤާފަތް ނައްތާލުން،" އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރަށް ދައުލަތުގެ އިދާރާތަކަކުން ކުރާ މަސައްކަތްތަކަކީ "ދެފުށް ފެންނާނޭހެން ހާމަކަން ބޮޑު ގޮތެއްގައި" ކުރެވޭ މަސައްކަތްތަކަށް ހަދަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

 ރައީސް ޞާލީހު ވިދާޅުވީ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި އުފައްދާފައިވާ ކޮމިޝަން ހަރުދަނާކުރުމުގެ އިތުރުން، ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ ފަރާތްތަކަށް ދޭންޖެހޭ އެންމެ ފުރިހަމަ ޤާނޫނީ ރައްކާތެރިކަން އިރާދަކުރެއްވިއްޔާ ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.

އެމަނިކުފާނުގެ ސަރުކާރުގެ އެއްވެސް އިދާރާއަކުން ކުރާ ކަމަކާ ގުޅިގެން، ޝަކުވާއެއް އުފުލަން ބޭނުންވެއްޖެ ކޮންމެ ރައްޔިތަކަށް މަގު ފަހިވެފައި އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. ރައްޔިތުންގެ ޝަކުވާތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ޚާއްޞަ ނިޒާމެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޤާއިމުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤާނޫނުއަސާސީއާއި، ދިވެހިރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަޅުއްވަން ޖެހިވަޑައިގެންނަވާ ކޮންމެ ފިޔަވަޅެއް ވެސް އެއްވެސް ޖެހިލުމެއްނެތި އަޅުއްވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.