ރައީސް ޔާމީން، ސަޕޯޓަރުންނަށް ވަފާތެރި ރައީސެއް

ރައީސް ޢަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު މިއަދު ނިމުމަކަށް އައީއެވެ. އެމަނިކުފާނު ވެގެން ގޮސްފައިވަނީ އައު ޤާނޫނު ޢަސާސީގެ ދަށުން ވެރިކަމުގެ ދައުރު ފުރިހަމަ ކުރެއްވި ފުރަތަމަ ރައީސަށެވެ.

އެ ޤާނޫނު ޢަސާސީގެ ދަށުން 2008 ވަނަ އަހަރު ފުރަތަމަ ވެރިކަމަށް ވަޑައިގެންނެވީ ރައީސް މުޙައްމަދު ނަޝީދެވެ. އެހެންނަމަވެސް 2012 ވަނަ އަހަރު އެމަނިކުފާނުވަނީ އިސްތިއުފާ ދެއްވައިފައެވެ. އެފަހުން އެދައުރުގެ ބާކީބައި ފުރިހަމަ ކުރެއްވީ އެމަނިކުފާނުގެ ނާއިބު ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ.

2013 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރެއްވީ ބޮޑު ކޯލިޝަނެއްގެ ތެރެއިންނެވެ. ޚާއްސަކޮށް ރައީސް މައުމޫނާއި ޤާސިމް އިބްރާހީމާއި ޝައިޚް އިމްރާންގެ ވަރަށްބޮޑު އެއްބާރުލެއްވުމަކާ އެކުއެވެ. އެހެންނަމަވެސް އެކޯލީޝަންތެރޭގައި ޚިޔާލު ތަފާތުވެ ޤާސިމާއި ޝައިޚް ޢިމްރާން ކޯލިޝަނާ ދުރުވެ ވަޑައިގެން އިދިކޮޅާ ގުޅިވަޑައިގެންނެވިއެވެ. އެންމެ ފަހުން ރައީސް މައުމޫން ވެސް ރައީސް ޔާމީން ދޫކުރައްވައި ފޭއަށްޖެހި ވަޑައިގެންނެވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ތަރައްޤީގެ މަޝްރޫޢުތައް މުޅިޤައުމުގައި ހިންގަވައިފިއެވެ. ބޮޑެތި މަޝްރޫޢުތަކެވެ. ސިނަމާލެ ބްރިޖެވެ. 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވައްސެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެވެ. މިހެންގޮސް އެތައް ކަމެކެވެ. މިހުރިހާ ކަމެއް އެމަނިކުފާނު ކޮށްދެއްވީ ރައްޔިތުންނަށްޓަކައެވެ. އެކަމަކު މިއިން އެއްވެސް ޕްރޮޖެކްޓެއް އިދިކޮޅު ފަރާތްތަކަށް ޤަބޫލެއް ނުކުރެވުނެވެ. މާ ޚަރަދުބޮޑީއެވެ. ކޮރަޕްޝަން ހިމެނޭތީއެވެ. އެ މަޝްރޫޢުތައް އެއަށްވުރެ ކުޑައަގެއްގައި ހިންގޭނެ ކަމަށް އެފަރާތްތަކުން ބުނަމުންދިޔައެވެ. ރައީސް ޔާމީން އެއަށް ދެއްވީ ކުރު ޖަވާބެކެވެ. ވެރިކަމުގައި ތިއްބެވިއިރު އަގުހެޔޮކޮށް އެފަދަ މަޝްރޫޢުތައް ނުހިންގެވީ ކީއްވެތޯއެވެ؟ އެވަރުން ނިންމާލާނީއެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުނީއެވެ. އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ފެށެނީއެވެ. މިއަދު ހަވީރު ވެރިކަމުގެ ހުވައި އިބްރާހީމް މުޙައްމަދު ޞާލިޙު ކުރައްވާނެއެވެ. އެކަމަކު އެ ރަސްމިއްޔާތުގައި ރައީސް ޔާމީން ނުއިންނަވާނެއެވެ. ސަޕޯޓަރުންގެ ޙައްޤުގައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒު ޢަލީ ވިދާޅުވެފައިވަނީ އެ ރަސްމިއްޔާޓުގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަތުމަށް އެމަނިކުފާނުގެ ސަޕޯޓަރުން ބޭނުން ނުވާކަމަށެވެ. ސަޕޯޓަރުންގެ އެދުމަށް އެމަނިކުފާނު އިޙުތިރާމް ކުރެއްވިއެވެ. ރައީސް ޔާމީނަކީ ސަޕޯޓަރުންނަށް ވަފާތެރި ބޭފުޅެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.