ރައީސް މައުމޫން ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ދިވެހި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

ޤައުމީ ދުވަހުގެ ތަހުނިޔާ އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ފޮނުއްވީ ޓްވިޓަރ މެދުވެރި ކުރައްވައެވެ.

އެމަނިކުފާނު ކުރައްވައިފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ "ދިވެހި ރާއްޖޭގެ ފަޚްރުވެރި ޤައުމީ ދުވަހުގެ ތަހްނިޔާ އާއި މުބާރަކްބާދީ ލޮބުވެތި ހުރިހާ ދިވެހި ރައްޔިތުންނަށް ދަންނަވަން. މާތް الله ދިވެހި ޤައުމުގެ މިނިވަންކަމާއި ދިވެހިވަންތަ ކަން ރައްކާތެރި ކުރައްވާށި،" ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ރަބީޢުލް އައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. ޤައުމީ ދުވަހެއްގެ ގޮތުގައި އެދުވަސް ފާހަގަ ކުރައްވަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ ނުވަތަ ހަނދާން އައު ކުރުމުގެ ގޮތުންނެވެ.

އެނގިފައިވާ ގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ޤައުމީ ދުވަސް ފާހަގަކުރައްވައިފައިވަނީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. 1946 ވަނަ އަހަރުގެ ފެބުރުއަރީ 4 ވަނަ ދުވަހެވެ.

ޕޯޗުގީޒުން ވަނީ ޢަލި ރަސްގެފާނު ޝަހީދު ކުރައްވައި ރާއްޖެ އަޅުވެތިކޮށް 15 އަހަރާއި 6 މަސް ވަންދެން ރާއްޖޭގައި ވެރިކަން ކޮށްފައެވެ. އެމީހުންގެ އަތުން ރާއްޖެ ސަލާމް ކުރެއްވީ އައްޞުލްޠާނުން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން އިސްވެ ހުންނަވައި ކުރެއްވި ހަނގުރާމައިގައެވެ. އެއީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ވިލޭރެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.