އެމްޑީޕީ ޓިކެޓް ދޭން ފެންނަނީ ޕްރައިމަރީ އަކަށް ފަހު: ރައީސް ނަޝީދު

ރައީސް ނަޝީދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ: ފޮޓޯ އެމްޑީޕީ

2019ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ ބޭފުޅުންނަށް އެމްޑީޕީ ޓިކެޓް ދޭއްވަން ފެނިވަޑައިގަންނަވަނީ ޕްރައިމަރީ އަކަށް ފަހު ކަމަށް އެމްޑީޕީގެ ލީޑަރ އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދުނިޔޭގެ ވަރަށް މަދު ސިޔާސީ ޕާޓީއެއްގައި ޕާލަމްނެޓް ގޮނޑީގެ ޓިކެޓް ދިނުމަށް ޕްރައިމަރީ އެއް ބާއްވާ ކަމަށެވެ. ނަމަވެސް މިއީ ފައިދާ އާއި ގެއްލުން ހުރި ކަމެއް ކަމަށް އެމްޑީޕީ އިން ތަޖުރިބާ ކޯށްފައވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެނަސް އެމްޑީޕީ ޓިކެޓް ދެންވެސް ދެއްވާން އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ ޕްރައމަރީ އަކަށްފަހު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޕާޓީގެ އެތެރޭގެ ޑިމޮކްރެސީ ވަރަށް މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕްރައިމަރީ އަކަށް ފަހު ޓިކެޓް ދެއްވާން ފެނިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު އިއްތިހާދަށް ނިސްބަތްވެ ވަޑައިގަންނަވާ އެއް ލީޑަރު، ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ހޯމަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޕްރައިމަރީ އަކާ ނުލައި 12 މެންބަރުންނަށް ޓިކެޓް ދެއްވާން އިއްތިހާދުގެ ހަތަރު ލީޑަރުން އެއްބެސްވެ ވެޑައިގެންފައިވާ ކަމަށެވެ. އަދި 12 މެންބަރުންނަށް ޕްރައިމަރީ އަކާ ނުލައި ރައީސް ނަޝީދު ޓިކެޓް ކަށަވަރު ކޮށްދެއްވި ކަމަށް ވިދާޅުވެ ތަމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ ވެސް ވަނީ ޓުވީޓު ކުރައްވާފައެވެ.

ރައީސް މައުމޫން އާއި މުޞްޠަފާގެ ޓުވީޓަށް ފަހު އިއްތިހާދުގެ ލީޑަރުންނަށް އަމާޒުކޮށް ޓުވިޓަރ ގައި ގިނަބަޔަކު ފާޑުކިޔަންފެށިއެވެ. އެންމެ ބޮޑަށް އަޑު އުފުލާފައިވަނީ އެމްޑީޕީ އަށް ތާއީދު ކުރާ މީހުންނެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި 2 ލައްކަ މީހުން ވޯޓު ދެއްވީ އިންސާފަށް ކަމަށާއި އެތައް ލައްކަ ރައޔިތުންނާއި ގުޅުން ހުރި މައްސަލައެއް ރައްޔިތުންގެ ބަހެއް ނެތި ހަތަރު ލީޑަރުން ގޮތް ކަނޑައަޅައިގެން ނުވާނެ ކަމަށެވެ. އަދި ޑިމޮކްރެސީގެ އުސޫލުން ވެރިކަން ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެން ވޯޓުން ހޮވި ވަޑައިގެންނެވުމުން ޑިމޮކްރެސީ އާއި ޚިލާފު މިފަދަ ކަމެއް ލީޑަރުން ވިޔަސް ކޮށްގެން ނުވާނެ ކަމަށް ބައެއް މީހުން ވިދާޅުވެފައިވެއެވެ. ހަމަ އެހެންމެ ރައްޔިތުންގެ ލޯބި އޮތް ކަމަށް 12 މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު ޕްރައިމަރީއެއްގައި ވާދަކުރުމުގެ ހިތްވަރު ނެތި، ޖެހިލުންވެ ވަޑައިގަންނަވަނީ ކީއްވެތޯ ވެސް ބައެއް މީހުންވަނީ ސުވާލުކޮށްފައެވެ.

ސުޕްރީމް ކޯޓުން މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައި ވާ އިރު މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށްވެސް ކޯޓުންވަނީ އަމުރު ކުރައްވާފައެވެ. ބައެއް ޓުވިޓަރުން ބުނިގޮތުގައި މެންބަރުންނަށް މުސާރަވެސް އިނާޔާތާއި އަދ ޓިކެޓްވެސް ލިބުނީއެވެ. ގެއްލުނީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. ނަމަވެސް ރައްޔިތުންނަށް ލިބުނީ ކޮން އެއްޗެއްތޯ އެމީހުންވަނީ ސުވާލު އުފައްދާފައެވެ.

އިއްތިހާދުގެ ނިންމެވުން އަނބުރައި ގެންދެވުމަށް އެދި ގިނަ ބަޔަކު ވަނީ ޓުވީޓުކޮށްފައެވެ. 12 މެންބަރުންނަށް އިއްތިހާދުން ޓިކެޓް ދެއްވައިފިނަމަ އެ ބޭފުޅުން ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ އިއްތިހާދުގައި ހިމެނޭ ޕާޓީތަކަށް ނިސްބަތްވާ މީހުންނަށް ފުރުސަތު ގެއްލޭނެއެވެ. އެމްޑީޕީގެ މެންބަރުންނަށް ޓިކެތް ދެއްވާން ފެނިވަޑައގަންނަވަނީ ޕްރައިމަރީ އަކަށް ފަހު ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް 12 މެންބަރުންގެ ތެރޭގައި އެމްޑީޕީ ގެ މެންަބަރަކު ހިމެނިވަޑައެއްނުގަންނަވައެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.