ދަފްތަރުގައި މީހުން ޖައްސައިގެން މާލެއަށް ގޮނޑި އިތުރުކުރުން ޤަބޫލެއް ނުކުރެވޭ: ޙުސްނުއްސުޢޫދު

އަލްއުސްތާޒު ޙުސްނުއްސުޢޫދު: ފޮޓޯ އަވަސް

ރަށްރަށުގެ މީހުން މާލެ ދަފްތަރުގައި ޖައްސައިގެން މާލެއަށް ގޮނޑި އިތުރު ކުރުމަކީ ޤާބޫލު ކުރެވޭނެ ކަމެއް ނޫންކަށް ރާއްޖޭގެ ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ޤާނޫނީ ވަކީލް ޙުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.

"ރާއްޖެތެރޭ ރައްޔިތުން މާލޭ ދަފްތަރުގައި ޖައްސައިގެން މާލެއަށް ގޮނޑި އިތުރުކުރުމަކީ ޤަބޫލު ކުރެވޭނެ ކަމެއްނޫން،" ޙުސްނުއްސުޢޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ އައްޑުއަށް ދެ ގޮނޑި އިތުރު ކޮށްދެއްވުމަށް އިލެކްޝަންސްކޮމިޝަނުގައި އެދިފައިވަނިކޮށް އެކަން ނުކުރައްވައި މާލެއަށް ދެގޮނޑި އިތުރު ކުރެއްވުމާ ގުޅިގެން ކަމަށް ބެލެވެއެވެ.

އެޓްވީޓް އޭނާ ކުރެއްވީ މާލޭ މާލޭގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަހަރު ޖުލައިމަހު ސަރުކާރުން އަލުން ހުޅުވައިފައި ވެސް ވަނިކޮށްނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އަހަރުގެ މާޗުމަހު ފަހުކޮޅު ބޭއްވުމަށް އިލެކްޝަނުން ނިންމަވައިފައިވާއިރު މިހާރުވަނީ އިންތިޚާބީ ދާއިރާ ތަކަށް ބަދަލު ގެންނަވާފައެވެ. އެގޮތުން ހުޅުހެންވޭރުގެ ދާއިރާ ވަނީ ހުޅުމާލެ ދާއިރާއަށް ބަދަލު ކުރައްވައިފައެވެ. އަދި މާލެއަށް ދެ ގޮނޑި އިތުރުކޮށް ހެންވޭރު ހުޅަނގާއި މައްޗަންގޮޅީ މެދު ދާއިރާ އިލެކްޝަނުން ވަނީ އުފައްދަވައިފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙުމަދު ޝަރީފް ވިދާޅުވެފައިވަނީ މާޗުމަހުގައި ބާއްވާ އިންތިޚާބަށް މީހުން ކުރިމަތިލާނެ ތާރީޚާއި އެކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން އަދި ތާވަލު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ކޮމިޝަނުން މިހާރުން ފެށިގެން ގެންދަވަނީ އެކަންކަމަށް ތައްޔާރުވަމުން ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މަޖިލީސް އިންތިޚާބު ބާއްވާނީ އަންނަ އަހަރު މާޗުމަހުގެ ފަހުކޮޅުގައެވެ. ދިމާވާ ގޮތަކުން ލަސްވިޔަސް ޤާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތުގައި އެކަން ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.