ރަނގަޅު ތައުލީމަކަށް ފެންވަރު ރަނގަޅު ޓީޗަރުން މުހިންމު: މިނިސްޓަރ

ރާއްޖޭގައި ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށްޓަކައި ފެންވަރު ރަނގަޅު ޓީޗަރުން ވަރަށް މުހިންމު ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ.

އެކަމާނާ މިހެން ވިދާޅުވީ މިއަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ޓީޗަރުންނަށް ތަހުނިޔާ ވިދާޅުވެ ފޮނުވި މެސެޖެއްގައެވެ. އެ ކަމަނާ ވިދާޅުވެފައިވަނީ ފެންވަރު ރަނގަޅު ޓީޗަރަކަށް ވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ތަމްރީން ޓީޗަރުންނަށް ދިނުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އެފަދަ ތަމްރީންތަކުގެ އިތުރަށް ޓީޗަރުންނަކީ އޯގާތެރި އަދި ދަރިވަރަށް ބޭނުންވާ ތަރުބަވީ ތައުލީމް ފޯރުކޮށްދިނުމުގެ ތަމްރީން ލިބިފައިވާ ޓީޗަރުންނަށް ހެދުމަށް ވެސް މިސަރުކާރުން މަސައްކަތް ކުރައްވައިފައިވާ ކަމަށެވެ. މި މަސައްކަތްތަކުގެ ފައިދާ ދަރިވަރުންނަށް މިހާރު ވެސް ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް، ފެންވަރު ރަނގަޅު ޓީޗަރުން ވަރަށް މުހިންމުވާނެއެވެ. ފެންވަރު ރަނގަޅު ޓީޗަރަކަށް ވުމަށްޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީންތަކުގެ އިތުރަށް ޓީޗަރަކީ އޯގާތެރި ދަރިވަރަށް ތަރުބަވީ ތައުލީމެއް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާނެ ހުނަރު ދަސްކޮށްގެންހުރި ޓީޗަރަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ފާއިތުވި ދުވަސްތަކުގައި ކުރެވިފައިވާނެއެވެ." މިނިސްޓަރ ވިދާޅުވެފައިވެފައިވެއެވެ.

އެކަމަނީ ވިދާޅުވީ ދަރިވަރުނަނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވާ ޓީޗަރުންގެ މަސައްކަތް އުފަލާއެކު ފާހަގަކުރައްވައި، ދަރިވަރުންގެ ކުރިއެރުމާއި ތަރައްގީއަށް ސްކޫލުތަކުން ކުރި އަށް ގެންދަވާ ޕްރޮގްރާމްތައް ހިންގެވުމުގައި ސްކޫލުތަކުގެ އިސް ވެރިންނާއި މުވައްޒަފުން ކުރައްވާ މަސައްކަތް ވެސް އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.

ޓީޗަރުންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު 5 ވަނަދުވަހުއެވެ. އެހެންނަމަވެސް މާދަމާއަކީ ބަންދު ދުވަހަކަށްވުމުން މިހަފްތާގައި ވަނީ އެދުވަސް ފާހަގަ ކުރައްވައިފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.