އދ. ހަލާކުކޮށްނުލައްވާތި: މާކެލް ޓްރަމްޕަށް

ޔުނައިޓެޑް ނޭޝަންސް (އެކުވެރި ދައުލަތްތައް- އދ.) ހަލާކުކޮށްނުލެއްވުމަށް ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ ކިބައިން އެދިވަޑައިގެންފިއެެވެ.

"އަހުރެން ގަބޫލުކުރާ ގޮތުގައި ބަދަލުގައި އެއްޗެއް ނުއުފައްދައި އެއްޗެއް ހަލާކުކޮށްލުމަކީ ވަރަށް ނުރައްކާތެރިކަމެއް." ބަވާރިޔާގައި އިންތިޚާބަށް ކެންޕޭންކުރަައްވަމުން ދެއްކެވި ވާހަކަފުޅުގައި މާކެލް ވިދާޅުވިއެވެ.

ޓްރަމްޕުގެ ކުރިން އެމެރިކާގެ ރައީސުކަމުގައި ހުންނެވި ބަރަކް އޮބާމާއާ ގާތް ގުޅުމެެއް ބޭއްވެވި ތަޖުރިބާކާރު ސީޔާސީ ލީޑަރު މާކެލް ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ގިނަ ފަރާތަކާއެކު ގުޅުން ބޭއްވުމަކީ ދުނިޔޭގެ ވަރަށް ގިނަ މައްސަލަތަކަށް ލިިބިގެންދާނެ ހައްލެކެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި އެއްވެސް ކަމެއް ދެފަރާތަށް ފައިދާވާ ގޮތަށް ނިންމުކަކީ ރައީސު ޓްރަމްޕް އެދިވަޑައިގަންނަވާ ގޮތެއް ނޫނެެވެ. ވާހަކަދައްކައިގެން ބައިނަލްއަގްވާމީ ގޮތުން މައްސަލަަތައް ހައްލުކުރުމުގައިވެސް ޓްރަމްޕް ބޭނުންފުޅުވާނީ ކޮންމެވެސް އެއް ފަރާތެއް މޮޅުވުމަށް ކަމުގައި އޭނާ ވިދާޅުވިއެވެ.

އދ. ގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފާއިތުވި ހަފުތާގައި ރައީސު ޓްރަމްޕް ވިދާޅުވީ އޭނާގެ ސަރުކާރުން "ބަވަނަ ކުރުމުގެ ޚިޔާލު ގަބޫލުނުކުރާ" ކަމަށާއި، ގަބޫލުކުރަނީ ވަޠަނީ އުސޫލުތައް ކަމަށެވެ.

"ބަވަނަ ވެފައިވާ ވެރިކަމަކީ" "ވަކި ގޮތަކަށް ވިސްނުން އަނބުރައިގެން އެެހެން މީހުންގެ މައްޗަށް ބާރު ހިންގުން ކަމަށާއި، ޒިިންމާދާރު ގައުމުތަކުން އެކަމާ ދެކޮޅުހަދަންޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ރައީސު ޑޮނާލްޑް ޓްރަމްޕާ ދެކޮޅަށް ޗާންސެލާ އެންޖެލާ މާކެލް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ޓްރަމްޕް އދ. ގެ ޕޯޑިއަމަށް އަރާވަޑައިގަތުމުގެ ކުރިން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޝް ދެއްކެވި ވާހަކަފުޅުގައި "މިހާރު ދުނިޔޭގެ ހަމަތައް މިވަނީ އޮޅުންގަޑެއްގެ ތެރޭގައި" ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.