ހުޅަނގުގެ މުސްލިމުން ތިބީ ހަރުކަށި މީހުންގެ މަރުތޭލާއި ނަސްލީގޮތުން ތަފާތުކުރާ މީހުންގެ ކިރުނާ ދެމެދުގައި: އެެރްދޮޣާން

ކޮލޯން ސެންޓްރަލް މޮސްކް

ހުޅަނގުގެ ގައުމުތަކުގައި ދިރިއުޅޭ މުސްލިމުން ތިބީ ދެފަރާތުން ފިތިފައިވާ ހާލަތެއްގައި ކަމުގައި ތުރުކީގެ ރައީސު ރަޖަބު ޠައްޔިބު އެރްދޮޣާން ވިދާޅުވެއްޖެއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެބައިމީހުން ތިބީ އިސްލާމިކް ސްޓޭޓް ފަދަ ހައްދު ފަހަނައަޅާފައިވާ، މިހުން ގަތުލުކުރާ ޖަމާއަތްތަކުގެ މަރުތޭލާއި، ނަސްލީ ގޮތުން ތަފާތުކުރާ ޔޫރަޕްގެ ޖަމާއަތްތަކުގެ ކިރުނާ ދެމެދު ފިތިފައެެވެ.

އޭނާ މި މޭރުމުން ވާހަކަފުޅުދެއްކެވީ ޖަރުމަނުގެ ހުޅަނގުގެ ކޯލޯންގައި އެރަށުގެ މަރުކަޒީ މިސްކިތް ހުޅުއްވައިދެއްވަމުންނެވެ.

އެރްދޮޣާން އިތުރަށް ވިދާޅުވި ގޮތައި އެމީހުންނަށް 'އިސްލާމީ' ނުވަތަ 'ޖިހާދީ' ފަދަ ބަސްތަކުން މުޚާޠަބުކުރެވެނީ އިސްލާމްދީނާ ޓެރަރިޒާ ގުޅުވުމަށެވެ. އެހެނަސް، ހަގީގަތުގައި ޓެރަރިޒަމްގެ ޝިކާރައަކަށް ވަނީ މުސްލިމުންނެވެ. ޓެރަަަރިޒަމާ، ހަރުކަށިކަން އިސްކޮށް، މައުސޫމު މީހުންގެ ފުރާނަ އަމާޒަކަށް ހަދާ މީހުންނަކީ އިސްލާމްދީނާ އެއްވެސް ގުޅުމެެއް އޮތް ބައެއް ނޫން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

"ބާލިންގެ އިރުމަތީގައި އާއްމުންގެ ބަޔަކު ގަތުލުކުރި އައިސިސްގެ މުޖުރިމުންނާ، ތުރުކީގައި މަޔަކާއި އޭނާގެ ގާތުން ކިރުބޯ ދަރިފުޅު މަރާލި ޕީކޭކޭގެެ ޓެރަރިސްޓުންނާ ދެމެދު އަަހަރުމެންގެ ކުރިމަތީގައި އެއްވެސް ތަފާތެއް ނެތް." އެރްދޮޣާންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އެރްދޮޣާން އިއްޔެ ރަސްމީކޮށް ހުޅުއްވައިދެއްވި ކޮލޯން ސެންޓްރަލް މޮސްކް (ކޮލޯންގެ މަރުކަޒީ މިސްކިތް) އަކީ ޔޫރަޕްގެ އެންެމެ ބޮޑު އެއް މިސްކިތެވެ. އަށް އަހަރުގެ މަސައްކަތަށް ފަހު 2017 ވަނަ އަހަރު ނިމުނު މިސްކިތް ބިނާކުރުމަށް 20 މިލިއަން ޔޫރޯ ޚަރަދުވެފައި ވެއެވެ. ކޮލޯން އަކި ގިނަ އަދަދަކަށް ތުރުކީ  ދަރިކޮޅުގެ މީހުން ދިރިއުޅޭ ރަށަކަށް ވާއިރު، މި މިސްކިތް ބިނާކުރީ ޖަރުމަނުގައި ދިރިއުޅޭ ތުރުކީ މީހުންގެ ޖަމާއަތަކުންނެވެ. ދެ މުންނާރާއެކު ޒަމާނީ ޑިޒައިނަކަށް ބިނާކޮށްފައިވާ މި މިސްކިތުގައި އެއްފަހަރާ ދެހާހަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.