އުމަރުގެ އިލްތިމާސް މުއައްސަސާ ތަކަށް: ރައްޔިތުން ނިންމަވާ ގޮތަކާ ޚިލާފު ނުވާތި

އަންނަ އާދީއްތަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގައި ރައްޔިތުން ކޮންމެ ގޮތަކަށް ނިންމެވިޔަސް އެގޮތަކަށް އިހްތިރާމް ކުރުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާގެ ފޭސްނުކް ޕޭޖުގައި މިކަމަށް އިލްތިމާސް ކުރައްވައިފައިވަނީ އިލެކްޝަންސް ކޮމިޝަނަށާއި، ސިފައިންނާއި، ފުލުހުންނާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށެވެ.

"މި ރިޔާސީ އިންތިޚާބުގައި ކޮންމެ ގޮތަކަށް ރައްޔިތުން ނިންމެވިޔަސް އެ ނިންމުމަކަށް އިހުތިރާމް ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށާއި، ސިފައިންނަށާއި، ފުލުހުންނަށާއި، އަދި ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އިލްތިމާސް ކުރަން،" އުމަރު ވިދާޅުވެފައިވެއެވެ.

އުމަރު ވިދާޅުވެފައިވަނީ ރާއްޖެއަށް ވެރިއަކު އިންތިޚާބު ކުރުމުގެ ފުރުސަތަކީ ކޮންމެ ފަސްއަހަރުން އެއްއަހަރު ކަމަށެވެ. އެހެންކަމުން އެފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ފަސް އަހަރުން އެއްއަހަރު ވޯޓަކުން ވެރިއަކު ހޮވުމަށް ލިބޭ ފުރުސަތުގެ ބޭނުން ފުރިހަމައަށް ހިއްޕަވައި އަމިއްލަ ވިސްނުމަކުން ވިސްނަވައި ވޯޓުދެއްވުމަށް ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަން،" އުމަރު ވިދާޅުވެފައިވެއެވެ.

އުމަރު ނަސީރަކީ މި ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވާނެ ކަމަށް ވަރަށްކުރިން އިއުލާން ކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވަގުތު އަދި ނުޖެހޭ ކަމަށް ވިދާޅުވެ އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމެވީ އެންމެ ފަހުވަގުތުއެވެ. އުމަރު ވިދާޅުވެފައިވަނީ މިފަހަރުގެ އިންތިޚާބުގައި ނަގާ ވޯޓަކީ ދެބޭފުޅެއްގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓެއް ކަމަށެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާ ލައްވައިފައިވަނީ މިގައުމަށް އަބަދުވެސް މާތްﷲ ހެޔޮގޮތްތައް މިންވަރު ކުރެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.